Roadha Mihaaru
ވަކީލުންގެ ބައްދަލުވުންތައް އެކަށީގެންވާ ގޮތެއްގައި ދެނީ

ވަކީލުންގެ ބައްދަލުވުންތައް އެކަށީގެންވާ ގޮތެއްގައި ދިނުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރަނީ

25 އެޕްރީލް 2018

ފުލުހުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ބަންދު ކޮށްފައި ތިބޭ މީހުންނަށް ވަކީލުންނާ ބައްދަލު ކުރުމުގެ ފުރުސަތު އެކަށީގެންވާ ގޮތެއްގައި ދިނުމަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް އަމުރު ކުރަން ކްރިމިނަލް ކޯޓުން މިރޭ ނިންމައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ފުލުހުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ބަންދު ކޮށްފައި ތިބޭ މީހުންނަށް ވަކީލުންނާ ބައްދަލު ކުރުމުގެ ފުރުސަތު އެކަށީގެންވާ ގޮތެއްގައި ދިނުމަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް އަމުރު ކުރަން ކްރިމިނަލް ކޯޓުން މިރޭ ނިންމައިފި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާ ދެކޮޅަށް ދައުލަތުން އުފުލި، އަދުލު އިންސާފު ގާއިމް ކުރަން ހުރަސް އެޅުމުގެ ދައުވާގެ މިރޭގެ އަޑުއެހުމުގައި އެބޭފުޅުންގެ ވަކީލުން ވަނީ ވަކީލުންގެ ބައްދަލުވުންތައް ނުލިބޭ ކަމުގެ ޝަކުވާ ކުރައްވައިފަ އެވެ.

މައުމޫންގެ ވަކީލު ފައިސަލް ނަސީމް ވިދާޅުވީ ބައްދަލުވުންތައް ބޭއްވުމުގެ ފުރުސަތު ލިބިވަޑައިގަންނަވަނީ އެއް ގަޑިއިރަށް ކަމަށެވެ. އަދި މައުމޫނާ ދެކޮޅަށް ގިނަ އަދަދެއްގެ ދައުވާތަކެއް އުފުލާފައިވާއިރު، އެ މައްސަލަތަކަށް ތައްޔާރުވެވަޑައިގަތުމަށް އެކަށީގެންވާ ވަގުތު ލިބިވަޑައިނުގަންނަވާ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

އެހެންވެ، އޭނާ އެދިވަޑައިގަތީ ވަކީލުންގެ ބައްދަލުވުންތައް އެއް ގަޑިއިރުގެ ބަދަލުގައި ދެ ގަޑިއިރަށް ކުރިއަށް ގެންދެވޭނެ އިންތިޒާމުތައް ކްރިމިނަލް ކޯޓު މެދުވެރިކޮށް ހަމަޖައްސައި ދިނުމަށެވެ.

މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވެސް ވަނީ ވަކީލުންގެ ބައްދަލުވުންތައް ލިބިވަޑައިނުގަންނަވާތީ. އެކަން އިސް ގާޒީގެ ސަމާލު ކަމަށް ގެންނަވައިފަ އެވެ. އަދި ފަނޑިޔާރު އަލީ ހަމީދުގެ ވަކީލް މަހްފޫޒް ސައީދު ވެސް ވަނީ މިކަމުގައި ހައްލެއް ހޯއްދަވައި ދެއްވުމަށް ގާޒީގެ ކިބައިން އެދިވަޑައިގެންފަ އެވެ.

ވަކީލުންގެ ވާހަކަތަކަށް ރިއާޔަތް ކުރެއްވުމަށް ފަހު، ގާޒީ އާދަމް އާރިފް ވިދާޅުވީ ވަކީލުންނާ ބައްދަލު ކުރުމުގެ ފުރުސަތު އެކަށީގެންވާ ގޮތެއްގައި ދިނުމަށް ކްރިމިނަލް ކޯޓުން ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުގެ މައްޗަށް މިރޭ އަމުރު ކުރައްވާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ވަކީލުންގެ ބައްދަލުވުންތައް ދެމުން އަންނަ ގޮތް މޮނިޓާ ކުރަން ވެސް ކްރިމިނަލް ކޯޓުން ބޭނުންވެ އެވެ.

އެގޮތުން، ވަކީލުންގެ ބައްދަލުވުންތަކަށް ކިހާ ވަގުތެއް ދޭ ކަން އެނގެން ބޭނުންވާ ކަމަށާއި އޭގެ މައުލޫމާތު ރިޕޯޓު ކުރަން ވާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

ވަކީލް ބައްދަލުވުންތައް އެކަށީގެންވާ ގޮތެއްގައި ދިނުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރަން ނިންމިއިރު، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ބަންދު ކޮށްފައި ތިބޭ މީހުންނަށް އެ މީހުންގެ ގާނޫނީ ވަކީލުންނާ ކޮންމެ ދުވަހަކު ވެސް ބައްދަލުކުރުމުގެ ފުރުސަތު ދިނުމަށް އެ އިދާރާ އިން މިދިޔަ ހޯމަ ދުވަހު ވަނީ ނިންމައިފަ އެވެ. ވަކީލުންގެ ބައްދަލުވުންތައް ދިނުމުގައި އަމަލު ކުރަމުން އައި އުސޫލަށް ބަދަލު ގެނައީ، ކުރިން އަމަލު ކުރަމުން އައި ގޮތާ މެދު ބައެއް ވަކީލުން ކަންބޮޑުވުން ފާޅުކޮށް ޝަކުވާ ކުރުމުންނެވެ. މީގެކުރިން ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު ދެނީ ހަފްތާއަކު ވަކި ދުވަސްތަކެއްގަ އެވެ.