Roadha Mihaaru
ސިނާން ދައުވާއަށް އިންކާރު، ދައުލަތުން ގިނަ ހެކިތަކެއް

ސިނާން ދައުވާއަށް އިންކާރު ކުރުމުން ދައުލަތުން ގިނަ ހެކިތަކެއް ހުށަހަޅައިފި

26 އެޕްރީލް 2018

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާންގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާއަށް އޭނާ މިއަދު އިންކާރު ކުރުމުން އޭނާއާ ދެކޮޅަށް ދައުލަތުން ގިނަ އަދަދެއްގެ ހެކިތަކެއް ހުށަހަޅައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާންގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާއަށް އޭނާ މިއަދު އިންކާރު ކުރުމުން އޭނާއާ ދެކޮޅަށް ދައުލަތުން ގިނަ އަދަދެއްގެ ހެކިތަކެއް ހުށަހަޅައިފި އެވެ.

ސިނާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކުރަނީ މަޖިލިސްގެ މެމްބަރެއްގެ ގޮތުގައި ހުރެ ރިޝްވަތު ހިފައިގެން ސަރުކާރު ވައްޓާލަން އޭނާ މަސައްކަތް ކުރުމާއި ސުޕްރީމް ކޯޓުން މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރުގައި، ދައުލަތް ހިންގަން ބުރޫ އަރާ ފަދަ ގޮތަކަށް އަމުރުު ނެރުމުގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ބުނެ އެވެ. އެ މައްސަލާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން މިއަދު ފެށިއިރު، ދައުވާ އިއްވުމުން ސިނާން ވަނީ އެ ދައުވާއަށް އިންކާރު ކޮށްފަ އެވެ.

އޭނާ ދައުވާއަށް އިންކާރު ކުރުމުން ދައުލަތުން ވަނީ ޖުމްލަ 32 ހެއްކެއް އޭނާއާ ދެކޮޅަށް ހުށަހަޅާ ކަން ހާމަކޮށްފަ އެވެ. އެއީ ސިއްރު 16 ހެކިވެރިއަކާއި ސިއްރު ހަތަރު ލިޔުމަކާއި ނުވަ ފުލުހަކާއި އިތުރު ބައެއް ހެކިތަކެކެވެ.

ސިއްރު ހެކިވެރިންނަކީ ސަރުކާރު ބަދަލު ކުރުމަށްޓަކައި މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫންގެ ފަރާތުން ސިނާނަށް އެކި ގޮތްގޮތުން އިރުޝާދު ދީފައިވާ ކަން ސާބިތު ކުރަން ހުށަހަޅާ ހެކިންނެވެ. އަދި ސަރުކާރު ބަދަލުކުރަން އުޅުނުކަމުގެ ހެކި ފެނުނު ކަމަށް ބުނާ ކަޅު ފޮށިން ފެނުނު ބައެއް ލިޔުންތަކުގައި ވެސް، ސިނާނަށް ބައެއް ކަންކަން ހަވާލު ކޮށްފައިވާ ކަން ސާބިތު ކުރުމަކީ ވެސް ހެކި ހުށަހަޅާ ސަބަބެއް ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުގެ ހެކިތައް ހާމަ ކުރުމުން ސިނާންގެ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ ހެކިތަކަށް ބަލާއިރު، އެ ދައުވާ ކުރިއަށް ގެންދަން މަދަނީ މިންގަނޑު ގޮތެއް ނިންމޭ މިންވަރަށް ވެސް ހެކި ހުށަހަޅާފައި ނެތް ކަމަށެވެ. އެގޮތުން، ހެކިން ހުށަހެޅި ސަބަބުތަކުގެ ތެރެއިން ގިނަ ސަބަބުތަކުގައި ސިނާންގެ ނަން ވެސް ދައުލަތުން ހިމަނާފައި ނެތްކަން ވަކީލް ނޫރު ފާހަގަ ކުރެއްވި އެވެ.

މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ނިންމެވީ ހުށަހަޅާފައިވާ ހެކިތަކަށް މަދަނީ މިންގަނޑުން ބަލާއިރު، އެ ދައުވާ މިހާރު ކުރިއަށް ގެންދެވޭނެ ކަމަށެވެ. އެކަމަކު އެ މައްސަލަ މައުޟޫއީ ގޮތުން ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމަވާނީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކުގެ ގޮތުގައި ދެ ފަރާތުން ހުށަހަޅާ ކަންކަމަށް ބެއްލެވުމަށް ފަހު ކަމަށް ގާޒީ ހައިލަމް ވިދާޅުވި އެވެ.

ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހެޅުމަށް އަންނަ ހޯމަ ދުވަހާ ހަމައަށް ގާޒީ ވަނީ ދެ ފަރާތަށް ފުރުސަތު ދެއްވައިފަ އެވެ. އެދުވަހު ބާއްވާ އަޑުއެހުމުގައި ދެ ފަރާތުން ހުށަހެޅުންތައް ހުށަހެޅުމުގެ އިތުރަށް، ސިނާންގެ ފަރާތުން ދިފާއުގައި ހުށަހަޅަން ބޭނުންވާ ހެކިން ހުށަހެޅުމަށް ވެސް ގާޒީ އެންގެވި އެވެ.

ދައުވާ ސާފުނުވާ ކަމަށް ބުނެ ސިނާންގެ ވަކީލްގެ ސުވާލުތަކެއް

ސިނާން ދައުވާއަށް ޖަވާބުދާރީވުމުގެ ކުރިން ސިނާންގެ ވަކީލް ނޫރު ވަނީ އެ ދައުވާ ސާފުނުވާ ކަމަށް ވިދާޅުވެ، ބައެއް ސުވާލުތައް ދައުލަތާ ކުރިމަތިކޮށްފަ އެވެ. އެގޮތުން، ސުޕްރީމް ކޯޓުގެ އަމުރުގެ ވާހަކަ ދައުވާގައި އޮތްއިރު، އެ އަމުރުގެ ސަބަބުން ސިނާނަށް ލިބުނީ ކޮން ފައިދާއެއްތޯ އާއި އެ އަމުރުގެ ސަބަބުން ދައުލަތަށް ހިންގުމަށް ހުރަސް އެޅި، ގައުމީ ސަލާމަތަށް ނުރައްކާވަނީ ކޮން ގޮތަކުންތޯ އޭނާ ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ފަޒްނާ ވިދާޅުވީ އެ މައްސަލާގެ ތުހުމަތު ކުރެވެ އެހެން ފަރާތްތަކާ ގުޅިގެން ސަރުކާރު ބަދަލު ކުރަން ސިނާން މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރެވޭ ކަމަށާއި އެކަމުގައި ސިނާން ރިޝްވަތު ހިފިކަމުގެ ހެކި އެބަހުރި ކަމަށެވެ. މައުމޫނާއި އެ މައްސަލާގައި ހިމެނޭ އެހެން ފަރާތްތައް ގުޅިގެން ބައެއް ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ހުކުމްތައް ނެރެން މަސައްކަތް ކުރި ކަމަށް ވެސް ފަޒްނާ ވިދާޅުވި އެވެ.

ފަޒްނާ ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގެ އަމުރުގެ ސަބަބުން ސިނާނަށް ލިބުނު ފައިދާއަކީ އެ އަމުރުގައި އޭނާގެ މެމްބަރުކަމުގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅާފައި އޮތުމެވެ. އަދި އެ އަމުރުގައި، އޭރު ހުކުމް ތަންފީޒު ކުރަމުންދިޔަ ބައެއް މީހުން ދޫކޮށްލަން އަންގާފައި އޮތުމާއި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ބާރުތައް ހަނިކޮށްފައި އޮތުމަކީ ގާނޫނު އަސާސީއާ ޚިލާފަށް، ދައުލަތް ހިންގަން ދަތިކުރަން ކުރި ކަމެއް ކަމަށް ފަޒްނާ ވިދާޅުވި އެވެ.

ރައްދުގައި ނޫރު ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރުން ސިނާނަށް ލިބުނު ފައިދާއަކީ އޭނާގެ މެމްބަރުކަމުގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅާފައި އޮތުން ކަމަށް ދައުލަތުން ބުނާއިރު، އެ އަމުރުގެ އެ ބައި މިހާތަނަށް ވެސް ސުޕްރީމް ކޯޓުން ބާތިލް ކޮށްފައި ނުވާ ކަމަށެވެ. މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އަމުރުގައި އޮތް ބައި ބާތިލް ކުރަން އެޓާނީ ޖެނެރަލްގެ ފަރާތުން ސުޕްރީމް ހުށަހެޅި މައްސަލާގައި ވަގުތީ އަމުރެއް ނެރެފައި އޮތަސް، އެ މައްސަލާގައި ސުޕްރީމް ކޯޓުން މިހާތަނަށް ވަކި ގޮތެއް ނުނިންމާ ކަމަށް ނޫރު ފާހަގަ ކުރެއްވި އެވެ.

މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އަމުރުގައި އޮތް ބަޔަށް އަމަލު ކުރުން ފަސްކުރަން ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރުނީ މިދިޔަ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު ކަން ފާހަގަ ކުރައްވައި، ނޫރު ވިދާޅުވީ އެ އަމުރު ނެރުމުގެ ކުރިން ފެބްރުއަރީ މަހުގެ ނުވަ ވަނަ ދުވަހު ސިނާން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެހެންވެ، ވަގުތީ އަމުރު ނެރުމުގެ ކުރިން ސިނާން ހައްޔަރު ކޮށްފައި އޮތުމާ މެދު ނޫރު ސުވާލު އުފެއްދެވި އެވެ.

އެކަންކަން ނޫރު ފާހަގަ ކުރެއްވުމުން ސިނާނަށް ގާޒީ އެންގެވީ ދައުވާއަށް އިންކާރު ކުރުން ނުވަތަ އިއުތިރާފްވުން، ދެ ގޮތުން ކުރެ ގޮތެއް އިހްތިޔާރު ކުރެއްވުމަށެވެ. ސިނާން ދައުވާއަށް ޖަވާބުދާރީވީ އެ ހިސާބުންނެވެ. އެ މައްސަލާގެ އިތުރު އަޑުއެހުމެއް އަންނަ ހޯމަ ދުވަހު ބާއްވާނެ އެވެ.

ސިނާންގެ މައްޗަށް އެ ދައުވާ ސާބިތުވެއްޖެ ނަމަ، 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ސިނާންގެ އިތުރުން ކުރީގެ ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި މަޖިލީހުގެ ބައެއް މެމްބަރުންނާއި އިތުރު ބައެއް ބޭފުޅުންނަށް ވެސް ދައުލަތުން ޓެރަރިޒަމްގެ ދައުވާ ކުރެ އެވެ.