Roadha Mihaaru
ސިނާންގެ ބަންދަށް ލުޔެއް ނުދިން

ސިނާންގެ ބަންދަށް މިވަގުތު ލުޔެއް ދެވެން ނެތް ކަމަށް ނިންމައިފި

01 އޯގަސްޓް 2018

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާންގެ ބަންދަށް މިވަގުތު ލުޔެއް ދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާންގެ ބަންދަށް މިވަގުތު ލުޔެއް ދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

ސިނާން، ޖަލުގައި ބަންދު ކޮށްފައި ވަނީ އޭނާގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެންނެވެ. އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން ރިޝްވަތު ހިފައި، ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމާއި ސުޕްރީމް ކޯޓުން މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރުގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކޮށެވެ. އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ސިނާން ބަންދުގައި ބަހައްޓަަން ކޯޓުން އޮތީ ކުރިން އަމުރު ކޮށްފަ އެވެ.

މިއަދު ބޭއްވި އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ސިނާންގެ ވަކީލުން ވަނީ އޭނާގެ ބަންދަށް ލުޔެއް ދިނުމަށް އެދިފަ އެވެ. ސިނާންގެ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ، ސިނާން ބަންދު ކޮށްފައި ހުންނަތާ 122 ދުވަސް މިހާރު ވެފައިވާ ކަމަށެވެ. އެހާ ދުވަސް ވަންދެން ސިނާން ބަންދު ކޮށްފައި ހުރުމުން، އޭނާއާ ދެކޮޅަށް އެކަށީގެންވާ ހެއްކެއް ނެތް ކަމަށް ވަކީލް ވިދާޅުވި އެވެ. އަދި ސިނާނަކީ މަޖިލިސް މެމްބަރަކަށް ވާތީ އޭނާ ތަމްސީލުކުރާ ދާއިރާގެ ހައްގުތަކެއް ވެސް ހުރިކަން ވަކީލް ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން، ޖިނާއީ އިޖްރާއާތުގެ ގާނޫނު އޮތްގޮތުން މައްސަލަ ކޯޓަށް ހުށަހަޅާތާ ގިނަވެގެން 70 ދުވަސް ތެރޭގައި ޝަރީއަތުގެ މަރުހަލާ ފަށަން ޖެހޭއިރު، އެ މުއްދަތު ހަމަވިއިރު ވެސް އެ މައްސަލާގެ އިބްތިދާއީ މަރުހަލާ ނިމި، ޝަރީއަތް ނުފަށާ ކަމަށް ވަކީލް ވިދާޅުވި އެވެ. ގާނޫނު އޮތްގޮތުން އެ މުއްދަތު އިތުރު ކުރެވެން އޮންނަނީ ވެސް ދައުވާ ލިބޭ މީހާ އެކަމަށް އެދުމުން ކަން ވަކީލް ފާހަގަ ކުރެއްވި އެވެ. އެކަންކަން ފާހަގަކޮށް، ވަކީލް ނޫރު އެދިވަޑައިގަތީ ސިނާންގެ ބަންދަށް ލުޔެއް ދިނުމަށެވެ.

އެކަމަށް ދައުލަތުން ދެކޮޅު ހެދި އެވެ. ދައުލަތުގެ ވަކީލް އަހުމަދު ނައުޝާދު ވިދާޅުވީ ގާނޫނު އޮތްގޮތުން 70 ދުވަސް ގުނުމުގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ގޮތެއް ނިންމުމަށް ހޭދަވާ މުއްދަތު ނުގުނޭނެ ކަމަށެވެ. އެހެންވެ، ސިނާންގެ ވަކީލުން މުއްދަތު ގުނާ ގޮތް ރަނގަޅު ނޫން ކަމަށް ނައުޝާދު ވިދާޅުވި އެވެ.

އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް ނިންމެވީ ސިނާން ބަންދުގައި ބަހައްޓަން ނިންމާފައިވާ ނިންމުން ރިވިއު ކުރަންޖެހޭ ސަބަބެއް ނެތް މިވަގުތު ނެތް ކަމަށެވެ. އެކަމަކު އެ މައްސަލައިގެ ޝަރީއަތް އަވަސް ކުރަން މަސައްކަތް ކުރައްވާނެ ކަމަށް އިސް ގާޒީ ހައިލަމް ވިދާޅުވި އެވެ.

ސިނާންގެ ފަރާތުން 12 ހުށަހެޅުމެއް، އެއްވެސް ހުށަހެޅުމެއް ކާމިޔާބެއް ނުވި

މިއަދުގެ އަޑުއެހުމުގައި އޮތީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކުގެ ގޮތުގައި ސިނާންގެ ފަރާތުން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމާއި އެ ހުށަހެޅުންތަކާ މެދު ގޮތެއް ނިންމުމެވެ. ސިނާންގެ ފަރާތުން 12 ހުށަހެޅުމެއް ހުށަހެޅި އެވެ. އެއީ އެ ދައުވާ ބައްޓަން ކޮށްފައި އޮތީ ސުޕްރީމް ކޯޓުގެ އަމުރަކާ މެދު ބަހުސް ކުރަންޖެހޭ ގޮތަށް ކަމަށްވާތީ އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެ، އެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ހުށަހެޅި ހަތަރު ހުށަހެޅުމަކާއި ދައުވާގެ އުންސުރުތައް ފުރިހަމަ ނުވާ ކަމަށް ބުނެ ހުށަހެޅި ހުށަހެޅުމަކާއި ދައުވާ ފޯމްގައި ސޮއިކުރީ ޕްރޮސެކިއުޓާ ޖެނެރަލް ހުއްދަ ދީފައިވާ ފަރާތެއް ކަން އެނގެން ނެތުމުން ދައުވާ ބާތިލްކުރަން ހުށަހެޅި ހުށަހެޅުމަކާއި ކުށްކުރި ވަގުތާއި ތަން ބަޔާން ކޮށްފައި ނެތުމުން ދައުވާ ބާތިލްކުރަން ހުށަހެޅި ހުށަހެޅުމެކެވެ.

މީގެ އިތުރުން ސިނާނާ ދެކޮޅަށް ހުށަހެޅި ސިއްރު ހެކިވެރިޔާ އާއި ބާކީ ހުރި ހެކިތައް ވެސް ބަލައިނުގަނެވޭނެ ކަމަށް ބުނެ ވެސް ސިނާންގެ ފަރާތުން ހުށަހެޅުންތަކެއް ހުށަހެޅި އެވެ. އަދި ސިއްރު ހެކިން ބަލައިގަތުމަށް ނިންމާ ހާލަތެއްގައި ވެސް ހެކިންގެ ނަންތައް ބަޔާންތަކުން އުނި ކުރުމަށް ދިފާއީ ވަކީލުންނަށް ލިބޭނެ ގޮތް ހެދުމަށް ވެސް ސިނާންގެ ފަރާތުން ހުށަހެޅުމެއް ހުށަހެޅި އެވެ.

އެ ހުށަހެޅުންތަކުގެ ރައްދުގައި ދައުލަތުން ބުނީ އެ ދައުވާ ކުރަނީ ސުޕްރީމް ކޯޓުގެ އަމުރުގެ ސައްހަކަމާ މެދު ސުވާލު އުފެއްދުމަށް ނޫން ކަމަށާއި އެހެންވެ، އެ މައްސަލަ ކްރިމިނަލް ކޯޓަށް ބެލޭނެ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު އަލީ ހަމީދަށް ދައުވާކުރީ އެކަމުގައި އެ ބޭފުޅުން ޖިނާއީ ނިޔަތެއް އޮތް ކަމަށް ފާހަގަވުމުން ކަމަށާއި ދެން ތިއްބެވި ތިން ފަނޑިޔާރުންގެ ޖިނާއީ ނިޔަތެއް އޮތް ކަމަށް ފާހަގަވެފައި ނެތް ކަމަށެވެ.

އެ ދައުވާގައި ފުރިހަމަވާންޖެހޭ އުންސުރުތައް ފުރިހަމަ ނުވާ ކަމަށް ބުނެ ސިނާންގެ ފަރާތުން ހުށަހެޅި ހުށަހެޅުމާ ގުޅިގެން ދައުލަތުން ބުނީ ފުރިހަމަ ނުވަނީ ކޮން އުންސުރެއް ކަން އެ ހުށަހެޅުމުން އެނގެން ނެތް ކަމަށާއި ދައުވާ ކުރަނީ ފުރިހަމަ ވާންޖެހޭ އުންސުރުތައް ފުރިހަމަވެގެން ކަމަށެވެ.

އެ ދައުވާ ފޯމްގައި ސޮއިކުރީ ޕްރޮސެކިއުޓާ ޖެނެރަލް ހުއްދަ ދެއްވާފައިވާ ބޭފުޅެއް ކަމަށާއި އެކަމަށް ހުއްދަ ދެެއްވާފައިވާ ބޭފުޅުން އެނގޭ ގޮތަށް ކޯޓުތަކަށް ސާކިއުލާއަކުން ކުރިން އަންގާފައިވާނެ ކަމަށް ވެސް ދައުލަތުން ބުންޏެވެ. އަދި ދައުވާ ފޯމްގައި ސޮއިކުރަނީ ހުއްދަ ލިބިފައިވާ މީހެއް ކަން ކޮންމެހެން ދައުވާ ފޯމްގައި ލިޔެފައި އޮތުން ލާޒިމްނުވާނެ ކަމަށް ހައި ކޯޓުން ކުރިން ކަނޑައަޅާފައި އެބައޮތް ކަމަށާއި އެހެންވެ، އެ ނުކުތާއާ މެދު މި މަރުހަލާގައި ވާހަކަ ނުދެއްކޭނެ ކަމަށް ވެސް ދައުލަތުން ބުންޏެވެ.

ކުށްކުރި ވަގުތާއި ތަން ބަޔާންކޮށްފައި ނެތް މައްސަލައާ ގުޅިގެން ދައުލަތުން ބުނީ އެ މައްސަލާގެ ކުށުގެ ހާދިސާއަކީ މިދިޔަ އަހަރުން ފެށިގެން އެކިފަހަރު މަތިން އެކި ތަންތަނުގައި އެކި މީހުން ބައިވެރިވެގެން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ އަމަލުތަކެއް ކަމަށެވެ. އަދި އެފަދަ މައްސަލަތަކުގައި ކުށްކުރި ތަނާއި ވަގުތު ބަޔާން ކޮށްފައި ނެތުމުން ދައުވާ ނުކުރެވޭ ގޮތަށް ގާނޫނު މާނަ ކުރެވިގެން ނުވާނެ ކަމަށް ވެސް ދައުލަތުން ބުންޏެވެ.

ސިނާނާ ދެކޮޅަށް ހުށަހެޅި ހެކިންގެ ނަންތައް އުނިކުރުމަށް ފަހު ބަޔާންތައް ދޫކުރަން އެދިފައިވާތީ އެކަމާ ގުޅިގެން ދައުލަތުން ބުނީ ދެވެން ހުރި ބަޔާންތައް ކުރިން ވެސް ސިނާނަށް ދޫކޮށްފައިވާނެ ކަމަށާއި އެކަމަކު މުޅިން ސިއްރު ކޮށްފައި ހުރި ލިޔުންތައް ދޫކުރަން ދެކޮޅު ހަދާ ކަމަށެވެ. ސިއްރު ލިޔުމެއްގެ ގޮތުގައި އޮތް ޑޮކިއުމެންޓް އެގްޒެމިނޭޝަން ރިޕޯޓް ޝަރީއަތުގެ ބެލުމުގެ ފުރުސަތު ދެވިދާނެ ކަމަށާއި އެކަމަކު ސީން އޮފް ކްރައިމް ރިޕޯޓާއި ވީޑިއޯ ފުޓޭޖްތަކުގެ ފޮޓޯ ހިމެނޭ ރިޕޯޓް ވެސް ދޫކުރަން ދެކޮޅު ހަދާ ކަމަށް ދައުލަތުން ބުންޏެވެ. އަދި ހެކިން ސިއްރު ކުރިޔަސް، އެ މީހުންނާ ސުވާލު ކުރުމުގެ ފުރުސަތު ސިނާނަށް ވެސް ލިބޭނެ ކަމަށް ދައުލަތުން ބުންޏެވެ.

އެ ހުށަހެޅުންތަކާ މެދު، މައްސަލަ ބައްލަވާ ގާޒީ ހައިލަމް ނިންމެވީ އެ ހުށަހެޅުންތައް ބަލައިނުގަތުމަށެވެ. އެ ހުުށަހެޅުންތަކާ މެދު ގޮތެއް ނިމިފައިވާތީ، އެ މައްސަލައިގެ އިބްތިދާއީ މަރުހަލާ ނިމުނީ އެވެ. ދެން އޮންނާނީ އެ މައްސަލައިގެ ޝަރީއަތުގެ މަރުހަލާ އެވެ.

ސިނާންގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފާއި މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާއި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ދަނގެތި ދާއިރާގެ މެމްބަރު އަހުމަދު އިލްހާމްގެ މައްޗަށް ވެސް ޓެރަރިޒަމްގެ ދައުވާ ކުރެ އެވެ. އެ ބޭފުޅުންގެ ބައި ކުރިއަށް ގެންދަނީ ވަކިންނެވެ.