ރައްޔިތުންގެ މަޖިލީހަށް އެ މެމްބަރަކު އިންތިޚާބުވާ ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ ވަކިވެއްޖެ ނަމަ މަޖިލީހުން ވަކިވާ ގޮތަށް ހެދި އެންޓި ޑިފެކްޝަން ގާނޫނު ސައްހަ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ ހަފުތާގައި ކަނޑައެޅުމުން، މިހާރު ވެސް ސުވާލު އުފެދިފައިވާ 12 މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.
30 އެޕްރީލް 2018
ރައްޔިތުންގެ މަޖިލީހަށް އެ މެމްބަރަކު އިންތިޚާބުވާ ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ ވަކިވެއްޖެ ނަމަ މަޖިލީހުން ވަކިވާ ގޮތަށް ހެދި އެންޓި ޑިފެކްޝަން ގާނޫނު ސައްހަ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ ހަފުތާގައި ކަނޑައެޅުމުން، މިހާރު ވެސް ސުވާލު އުފެދިފައިވާ 12 މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.
އެންޓި ޑިފެކްޝަން ގާނޫނު، ގާނޫނުއަސާސީއާ ޚިލާފު ކަމަށް ކަނޑައަޅައިދޭން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ އިދިކޮޅު ޕާޓީތަކުންނެވެ. އެ މައްސަލައިގައި މިދިޔަ އަންގާރަ ދުވަހު ސުޕްރީމް ކޯޓުން ހުކުމް ކުރީ، އެ ގާނޫނު ބާތިލު ކުރެވެން ނެތް ކަމަށާއި އެއީ ސައްހަ ގާނޫނެއް ކަމަށެވެ.
ފަނޑިޔާރު ޑރ. އަބްދުﷲ ދީދީ އިއްވެވި ހުކުމުގައި ބުނެފައި ވަނީ ދުސްތޫރީ ނަޒަރަކުން ބަލާ އިރު، އެންޓި ޑިފެކްޝަން ގާނޫނަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ފްލޯކްރޮސްކުރުމާ ބެހޭ ގޮތުންނާއި ބައި އިލެކްޝަން ބޭއްވުމުގެ ކަންކަމުގެ އިޖުރާއުތައް ހިމެނޭ ގާނޫނެއް ކަމަށެވެ.
މި ހުކުމާއެކު، 12 މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް އެ ކޮމިޝަނުން ނިންމާފައިވާ ނިންމުން، ސައްހަ ކަމަށް އިލެކްޝަންސުން މިހާރު ވަނީ ނިންމައިފަ އެވެ. އެއާއެކު، އެ ދާއިރާތަކުގެ ބައި އިލެކްޝަން ބާއްވަން ބޭނުންވާ 12 މިލިއަން ރުފިޔާ ހޯދަން ފިނޭންސް މިނިސްޓްރީ އަށް ވަނީ ހުށަހަޅައިފަ އެވެ.
ސުޕްރީް ކޯޓުގެ ހުކުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ގަބޫލުކުރަނީ 12 ދާއިރާގެ ބައި އިލެކްޝަން ބާއްވަން އެ ކޮމިޝަންގެ މައްޗަށް ލާޒިމްވާ ކަމަށް. --އަކްރަމް
ބައި އިލެކްޝަން ބާއްވަން އީސީން ނިންމި އިރު، ސުވާލު އުފެދިފައިވާ 12 މެމްބަރުން މަޖިލީހުން ވަކިނުވާ ކަމަށް ފެބުރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވަނީ ކަނޑައަޅައިފަ އެވެ. އެ ކޯޓުގެ ފަސް ފަނޑިޔާރުން ނެރުއްވި އެ އަމުރު މިހާތަނަށް ސުޕްރީމް ކޯޓުން ބާތިލެއް ނުކުރެ އެވެ.
ގޮނޑި ގެއްލުނު ކަމަށް އިލެކްޝަނުން ކަނޑައަޅާފައި ތިއްބެވި 12 މެމްބަރުން. - ފޮޓޯ: މިހާރު
އިދިކޮޅު ސިޔާސީ ލީޑަރުންތަކެއް މިނިވަންކުރުން ހިމެނޭ ގޮތަށް އެ ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ، އިންތިޚާބުވި ޕާޓީން ވަކިވާ މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް މިދިޔަ ޖުލައި މަހު އެ ކޯޓުން ކުރި ހުކުމް ބާތިލްކުރާ ކަމަށެވެ. އަދި އެ ހުކުމުގެ ދަށުން 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅިޔަސް، އެ ހުކުމުގެ ދަށުން އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ވެސް އެ އަމުރުގައި ކަނޑައެޅި އެވެ.
ސުޕްރީމް ކޯޓުގެ އަމުރުގައި މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައެޅި ބައި ބާތިލްކުރަން އެޓާނީ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން، ފެބްރުއަރީ 16 ގައި އެ ކޯޓުން ކުރި ހުކުމްގައި ވެސް އެ ބައި ބާތިލެއް ނުކުރެ އެވެ. ނަމަވެސް އެ މައްސަލަ ނިމެންދެން އެ ބަޔަށް އަމަލުކުރުން ފަސްކުރުމަށް ވަގުތީ އަމުރެއް ވަނީ ނެރެފަ އެވެ.
އެ މައްސަލައިގެ އަޑު އެހުންތައް ސުޕްރީމް ކޯޓުގައި ކުރިއަށް ގެންގޮސްފައިވާ އިރު މިހާތަނަށް ވެސް އެ މައްސަލައާ މެދު ސުޕްރީމް ކޯޓުން ވަކި ގޮތެއް ނުނިންމަ އެވެ. އެ މައްސަލައިގެ އަޑުއެހުންތައް މިހާރު ނިމިފައިވާ އިރު، ޝަރީއަތަށް ބޭނުންވާ އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ ދެން އޮންނާނީ އެ މައްސަލައިގެ ހުކުމް އިއްވުމެވެ.
ސުޕްރީމް ކޯޓުގައި މައްސަލަ ހިނގަމުން ދަނިކޮށް، އިންތިހާބު ބާއްވަނީ ކީއްވެތޯ "މިހާރު" އިން ސުވާލު ކުރުމުން އީސީގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ ސުޕްރީމް ކޯޓުން އެންމެ ފަހުން އިއްވި ހުކުމާ އެކު، 12 ދާއިރާގެ އިންތިހާބު ބާއްވަން ޖެހޭ ކަމަށް އެ ކޮމިޝަނުގެ ގާނޫނީ ޓީމުން ގަބޫލުކުރާ ކަމަށެވެ. އެ ހުކުމުގައިވާ ގޮތުން، ގާނޫނު ސައްހަ ކަމަށް ކަނޑައެޅުމާ އެކު 12 މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކޮމިޝަނުން ދެކޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ގަބޫލުކުރަނީ 12 ދާއިރާގެ ބައި އިލެކްޝަން ބާއްވަން އެ ކޮމިޝަންގެ މައްޗަށް ލާޒިމްވާ ކަމަށް،" އަކްރަމް ވިދާޅުވި އެވެ.
އެންޓި ޑިފެކްޝަން ގާނޫނުގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ޖުލައި 13 އިން ފެށިގެން އޭގައި ބުނާ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެކަން މަޖިލީހަށް އަންގާފައިވާ މެމްބަރުންގެ މައްޗަށް އެ އުސޫލުތައް ހިނގާނެ ކަމަށެވެ. އެ ބުނާ ހާލަތްތަކަކީ މަޖިލީހުގެ މެމްބަރަކު، ޕާޓީގެ ޓިކެޓުގައި އިންތިހާބުވުމަށް ފަހު، ޕާޓީން އަމިއްލަ އަށް ވަކިވުން، ވަކިކުރުން އަދި އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ، ގޮނޑި ގެއްލޭނެ ކަމަށް ބުނާ ހާލަތެވެ.
12 ދާއިރާގެ އިންތިޚާބަށް ފައިސާ ހޯދަން ހުށަހަޅައިފި
ބަޖެޓާއެކު އަހަރު ނިމިއްޖެ، އިންތިހާބެއް ނުބޭއްވި!
ބައި އިލެކްޝަން އަދިވެސް އިއުލާނެއް ނުކުރޭ!
ބައި އިލެކްޝަން ހުއްޓުވަން ނުކުންނަންޖެހޭ: މައުމޫން
ބައި އިލެކްޝަންތައް މަދުކުރާ އިސްލާހު ކޮމިޓީއަށް
"ގުރައިދޫ ގޮނޑި ހޯދީ ނުފޫޒު ފޯރުވައިގެން"
ވޯޓުލާގަޑި މަޝްވަރާއެއް ނެތި އިތުރުކުރީ ނުފޫޒު ފޯރުވަން
ގުރައިދޫ ދާއިރާގެ ވޯޓު ގުނުން ރޯދަ ވީއްލައިގެން!
ގުރައިދޫ ދާއިރާގެ އިންތިހާބު: ވޯޓުލުން ފަށައިފި
ގުރައިދޫ ދާއިރާގެ ގޮނޑިއަށް އެމްޓީޑީއިން ވާދަކުރަނީ