Roadha Mihaaru
އިންސާފުވެރި ޝަރީއަތެއް ލިބޭނެ ކަމާމެދު ޝައްކު: ފާރިސް

އިންސާފުވެރި ޝަރީއަތެއް ލިބިދާނެ ކަމާ މެދު ޝައްކު: ފާރިސް

30 އެޕްރީލް 2018

އިންސާފުވެރި ޝަރީއަތެއް ލިބިދާނެ ކަމާ މެދު ޝައްކު ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ކްރިމިނަލް ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އިންސާފުވެރި ޝަރީއަތެއް ލިބިދާނެ ކަމާ މެދު ޝައްކު ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ކްރިމިނަލް ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަދި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ވައްޓާލަން މަސައްކަތް ކުރުމާއި ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސްގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ފާރިސް ވިދާޅުވީ ރާއްޖޭގެ ދުސްތޫރީ ނިޒާމު ވަނީ އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި ކަމަށާއި މިހާރު ކަންކަން ހިނގަމުންދާ ގޮތުން އިންސާފުވެރި ޝަރީއަތެއް ލިބޭނެ ކަމާ މެދު ޝައްކު ކުރައްވާ ކަމަށެވެ.

ސުޕްރީމް ކޯޓުން މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރަށް ފަހު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް، ދައުވާ އުފުލާފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި، ފާރިސް ވިދާޅުވީ އޭނާގެ މައްސަލާގައި އިންސާފުވެރި ހުކުމެއް އަތުވެއްޖެ ނަމަ، ބަޔަކު ހައްޔަރުކޮށް ކަންތައްތަކެއް ހިނގާފާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި މިފަދަ ހާލަތެއްގައި ޝަރީއަތް ކުރިއަށް ނުގެންގޮސް މަޑުޖައްސައިލަން ޖެހޭ ކަމަށް ފާރިސް ވިދާޅުވި އެވެ.

އެގޮތަށް ފާރިސް ވާހަކަ ދައްކަވަން ފެއްޓެވުމުގެ ކުރިން ގާޒީގެ ކިބައިން އޭނާ އެދިވަޑައިގަތީ އޭނާގެ ވާހަކަތަކުގައި ކޯޓުގެ ހުރުމަތް ކެނޑޭ ފަދަ ވާހަކައެއް ހިމެނޭ ނަމަ އެކަން ހުއްޓުވައި ދިނުމަށެވެ. އެކަމަކު ފާރިސްގެ އެ ވާހަކަތައް ގާޒީ ހުއްޓުވައިފައެއް ނުވެ އެވެ.

އެ ވާހަކަތަކާ ގުޅިގެން، މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ވިދާޅުވީ ފާރިސްގެ ހައްގެއް ގެއްލޭ ނަމަ އެކަން ފާރިސްގެ ފަރާތުން ފާހަގަ ކުރަން ވާނެ ކަމަށާއި އޭރުން އެކަމަށް ކޯޓުން ހައްލެއް ހޯދައި ދޭނެ ކަމަށެވެ. އަދި އެ ޝަރީއަތް ކުރިއަށް ގެންދަވާނީ އެކަށީގެންވާ ވަގުތާއި ފުރުސަތު ދީގެން ކަމަށާއި އިންސާފު ގާއިމްކޮށް ދިނުމަކީ ކޯޓަށް އޮތް ޒިންމާއެއް ކަމަށް ވެސް ގާޒީ ހައިލަމް ވިދާޅުވި އެވެ.

ވަކީލަކު ހަމަޖައްސަން ފާރިސް އަށް ދެ ދުވަސް

އެ މައްސަލައިގެ މިއަދުގެ އަޑުއެހުމަށް ފާރިސް ހާޒިރުވީ ވަކީލަކާ ނުލައި ކަމަށް ވާތީ، ދައުލަތުން ދައުވާ އިއްވުމުން އޭނާ އެދިވަޑައިގަތީ ވަކީލަކު އައްޔަން ކުރަން 10 ދުވަސް ދެއްވުމަށެވެ.

އެކަމަކު ގާޒީ ހައިލަމް ވިދާޅުވީ އެ މުއްދަތު ނުދެވޭނެ ކަމަށާއި ފާރިސަށް ދެވޭނީ ދެ ދުވަހުގެ މުއްދަތެއް ކަމަށެވެ. ސަބަބެއްގެ ގޮތުގައި ގާޒީ ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު މަރުހަލާ އާއި ބަންދު މުއްދަތު މަޖިލީހުގައި ވެސް ފާރިސްގެ ވަކީލުން އައްޔަން ކޮށްފައި ތިބުމެވެ. މާދަމާ އަކީ ސަރުކާރު ބަންދު ދުވަހަކަށް ވާތީ، ގާޒީ ވިދާޅުވި ގޮތުގައި ފާރިސަށް ދެއްވި ދެ ދުވަސް ގުނާނީ މާދަމާ ނުހިމެނޭ ގޮތަށެވެ.

އެގޮތަށް ގާޒީ ނިންމެވުމުން ފާރިސް ވިދާޅުވީ މިއަދު ވެސް އެ މައްސަލައާ ގުޅޭ ލިޔުންތަކެއް ލިބުނު ކަމަށާއި އެކަމަކު އޭނާ ބަންދުގައި ހުންނަވާއިރު އިންތިޒާމްތައް އޮންނަ ގޮތުން ވަކީލުންނަށް ލިޔުންތައް ފޯރުކޮށްދޭން ހަތަރު ވަރަކަށް ދުވަސް ނަގާ ކަމަށެވެ. އެހެންވެ، އެކަންކަން އަވަހަށް ކުރެވޭނެ އިންތިޒާމެއް ހަމަޖައްސައިދޭން އޭނާ އެދިވަޑައިގަތެވެ.

ގާޒީ ހައިލަމް ވިދާޅުވީ ވަކީލުން ހަމަޖެހެންދެން ކޮންމެ ދުވަހަކު ވަކީލުންނަށް ފޯން ކުރުމުގެ ފުރުސަތު ދޭން އަންގަވާނެ ކަމަށާއި އަދި ވަކީލުންނާ ހަވާލުކުރަން ޖެހޭ ލިޔުންތައް އަވަހަށް ފޯރުކޮށްދޭން ވެސް އަންގަވާނެ ކަމަށެވެ.

މީގެ އިތުރަށް ފާރިސް ވަނީ މާފުށީ ޖަލުގައި އޭނާ ބަންދުގައި ހުންނެވުމުގެ އިންތިޒާމްތައް ހުންނަ ގޮތާ މެދު ކަންބޮޑުވުން ފާޅު ކުރައްވައި، އެ ކަންކަން ހައްލުކޮށްދޭން އެދިވަޑައިގެންފަ އެވެ. އޭނާ އަކީ ހުކުމެއް ތަންފީޒު ކުރަމުންދާ މީހެއް ނޫންކަން ފާހަގަ ކުރައްވައި، ފާރިސް ވިދާޅުވީ ހުކުމް ތަންފީޒު ކުރަމުންދާ މީހުންނަށް ލިބޭ ބައެއް އިނާޔަތްތައް އޭނާ އަށް ނުލިބޭ ކަމަށެވެ. އަދި އެތަނުގައި އަމަލުކުރާ އުސޫލު ލިޔުން ނުލިބޭތީ އެކަމުގެ ޝަކުވާ ވެސް ފާރިސް ކުރެއްވި އެވެ.

އެގޮތުން، އޭނާ ބަހައްޓާފައި ހުންނަ ޔުނިޓްގައި އޮންނަ ހުސް ބިމަށް ނުމެވަޑައިގަތުމުގެ ފުރުސަތު ހުކުމް ތަންފީޒު ކުރަމުންދާ މީހުންނަށް ދުވާލަކު 14 ގަޑިއިރު ލިބޭ ކަމަށާއި އެކަމަކު އޭނާއަށް ދެނީ އެއް ގަޑިއިރުގެ ވަގުތެއް ކަމަށް ފާރިސް ވިދާޅުވި އެވެ. އަދި ގޮޅި ތެރޭގައި ކެއުންބުއިމުގެ ކަންކަން ކުރައްވަން ޖެހުމުން ގޮޅި ތެރެ ސާފު ނޫން ކަމަށާއި އަންނައުނު އިސްތިރި ކުރެވޭނެ ގޮތެއް ނޯންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ދައުލަތާ ގާޒީ ސުވާލު ކުރެއްވުމުން އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ފަޒްނާ ވިދާޅުވީ ފާރިސް ހުންނަވާ ޔުނިޓްގައި ތިބޭ މީހުންނަށް އެހެން މީހުންނާ ތަފާތު ޚާއްސަ އުސޫލުތަކެއް އޮންނަ ކަމަށެވެ. ފާރިސް އަކީ ޝަރީއަތް ނިމެންދެން ބަހައްޓާފައި ހުންނެވި ބޭފުޅެއް ކަން ފާހަގަކޮށް، ފަޒްނާ ވިދާޅުވީ ފާރިސް އާއި ހުކުމް ތަންފީޒު ކުރަމުންދާ މީހުންނާ ތަފާތުތަކެއް ހުރެދާނެ ކަމަށެވެ. އެކަމަކު އޭގެ ތަފްސީލުތައް ހޯދުމަށް ފަހު، އެ މައުލޫމާތު ހިއްސާ ކުރާނެ ކަމަށް ފަޒްނާ ވިދާޅުވި އެވެ.

އިނާޔަތްތައް ދިނުމުގައި ޖަލުގައި އަމަލުކުރާ އުސޫލު ފޯރުކޮށް ދޭން ފާރިސް އެދިވަޑައިގެންފައިވާތީ ފަޒްނާ ވިދާޅުވީ ކަރެކްޝަނަލް ސާވިސް މެދުވެރިކޮށް އެ އުސޫލު ފޯރުކޮށް ދޭނެ ކަމަށެވެ.