Roadha Mihaaru
ރިޔާޒް، އަރީފް، ނަދީމްގެ ޝަރީއަތް ބުދަ ދުވަހު ފަށަނީ

ރިޔާޒް، އަރީފް، ނަދީމަށް ކުރާ ދައުވާގެ އަޑުއެހުންތައް ބުދަ ދުވަހު ފަށަނީ

30 އެޕްރީލް 2018

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފާއި ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމްގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުންތައް ބުދަ ދުވަހު ފަށަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފާއި ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމްގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުންތައް ބުދަ ދުވަހު ފަށަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

ރިޔާޒާއި އަރީފާއި ނަދީމްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކުރަނީ މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ގާނޫނާ ޚިލާފަށް ސަރުކާރު ބަދަލުކުރަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ. އެ މައްސަލާގައި އެ ބޭފުޅުންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުންތައް ބުދަ ދުވަހު ފަށަން ހަމަޖައްސާފައިވާއިރު އެ މައްސަލާގައި އެހެން ބައެއް ބޭފުޅުންނަށް ވެސް ދައުލަތުން ދައުވާ ކުރެ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާއި ދަނގެތީ ދާއިރާގެ މެމްބަރު އަހުމަދު އިލްހާމާއި މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާންގެ މައްޗަށް ވެސް ދައުލަތުން ޓެރަރިޒަމްގެ ދައުވާ ކުރެ އެވެ. އެ މައްސަލަތަކުގެ އަޑުއެހުންތައް މިހާރު ވަނީ ފަށައިފަ އެވެ.

ޓެރަރިޒަމްގެ އެ ދައުވާ ސާބިތުވެއްޖެ ނަމަ 17 އަހަރާ 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

އެ މައްސަލަތަކުގެ ޝަރީއަތް ނިމެންދެން އެ ބޭފުޅުން ބަންދުގައި ބައިތިއްބަން ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ.