Roadha Mihaaru
ރިޔާޒް ބަންދުކުރަން ނިންމި ނިންމުން ރިވިއުކުރަން އެދެފި

ރިޔާޒް ބަންދު ކުރަން ނިންމި ނިންމުން މުރާޖާ ކޮށްދޭން ވަކީލުން އެދެފި

03 އެޕްރީލް 2018

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން އަލުން މުރާޖާ ކޮށްދިނުމަށް އޭނާގެ ވަކީލުން ކްރިމިނަލް ކޯޓުގައި އެދިއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން އަލުން މުރާޖާ ކޮށްދިނުމަށް އޭނާގެ ވަކީލުން ކްރިމިނަލް ކޯޓުގައި އެދިއްޖެ އެވެ.

މިދިޔަ ފެބްރުއަރީ މަހު އިއުލާން ކުރި ކުއްލި ނުރައްްކަލުގެ ހާލަތުގެ ދަށުން ރިޔާޒް ހައްޔަރު ކޮށްފައި ވަނިކޮށް، އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިދިޔަ މަހު އަމުރުކުރީ އޭނާގެ މައްޗަށް އުފުލާފައިވާ ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާއާ ގުޅިގެންނެވެ.

ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އާދަމް އާރިފަށް ރިޔާޒްގެ ވަކީލް ނޫރުއްސަލާމް އަބޫބަކުރު މިިދިޔަ އާދިއްތަ ދުވަހު ފޮނުއްވި ސިޓީގައި ވަނީ ރިޔާޒް ބަންދުގައި ބަހައްޓަން އަމުރުކުރީ ވަކީލަކު އައްޔަން ނުކުރެވި ވަނިކޮށް ކަމަށެވެ. އެކަމާ ގުޅިގެން ރިޔާޒް ކޯޓުގައި ވާހަކަ ދެއްކެވުމުން، ވަކީލެއްގެ ހާޒިރުގައި އެ ނިންމުން އަލުން މުރާޖާ ކޮށްދިނުމަށް ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ ވިދާޅުވި ކަމަށް ރިޔާޒް ވިދާޅުވެފައިވާ ކަމަށް އެ ސިޓީގައި ވެ އެވެ.

އޭގެ ފަހުން އެ މައްސަލައިގެ އަޑުއެހުމެއް މިދިޔަ ހަފުތާގައި ބާއްވަން ހަމަޖެއްސުމަށް ފަހު، އެ އަޑުއެހުން ކެންސަލް ކޮށްފައިވާ ކަމަށާއި އެހެން ވުމުން ވަކީލެއްގެ ހާޒިރުގައި ރިޔާޒްގެ ބަންދުގެ މައްސަލަ އަލުން މުރާޖާ ކުރެވިފައި ނުވާ ކަމަށް ސިޓީގައި ވެ އެވެ. ރިޔާޒަކީ މަޖިލީހުގެ މެމްބަރެއް ކަން ފާހަގަކޮށް، އެ ސިޓީގައި ވަކީލް ވިދާޅުވެފައި ވަނީ ރިޔާޒް ބަންދުގައި ހުންނެވުމުން އޭނާ ނިސްބަތްވާ ދާއިރާގެ ރައްޔިތުންގެ ހައްގުތަކަށް އުނިކަން އައުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އެ ސިޓީގައި ނޫރު އެދިވަޑައިގެންފައި ވަނީ ރިޔާޒް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ނިންމި ނިންމުން އަލުން މުރާޖާ ކޮށް ދިނުމަށެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ހިނގައިދިޔަ ކަންކަމާ ގުޅިގެން ދައުލަތުން ޓެރަރިޒަމްގެ ދައުވާ ކުރި ނުވަ ބޭފުޅުންގެ ތެރޭގައި ރިޔާޒް ވެސް ހިމެނިވަޑައިގަންނަވަ އެވެ. އެ މައްސަލަތަކުގެ ޝަރީއަތް އަދި ނުފަށަ އެވެ.

ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާ އާއި ޓެރަރިޒަމްގެ ދައުވާގެ އިތުރުން ރިޔާޒްގެ މައްޗަށް ދައުވާކުރާ އިތުރު ދެ މައްސަލައެއް ވެސް ކޯޓުގައި އެބައޮތެވެ. އެއީ މިދިޔަ ޖުލައި މަހު ގަދަކަމުން މަޖިލީހަށް ވަތް މައްސަލާގައި ކްރިމިނަލް ކޯޓުގައި ކުރާ ދައުވާ އަކާއި ފުލުހުންގެ ތަހުގީގެއްގައި ރިޔާޒްގެ ފޯނު ހުޅުވައި ނުދިން މައްސަލާގައި ރިޔާޒާ ދެކޮޅަށް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަލަ އެކެވެ.