Roadha Mihaaru
ރިިޔާޒް މިނިވަން ކުރުމުގެ އަމުރަކަށް ހުށަހަޅައިފި

ރިޔާޒް ބަންދުން މިނިވަން ކުރުމުގެ އަމުރަކަށް އެދި ކްރިމިނަލް ކޯޓަށް ހުށަހަޅައިފި

19 ސެޕްޓެމްބަރ 2018

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ބަންދުން މިނިވަން ކުރުމުގެ އަމުރަކަށް އެދި ރިޔާޒްގެ ވަކީލުން ހެބިއަސް ކޯޕަސްގެ މައްސަލައެއް ކްރިމިނަލް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ބަންދުން މިނިވަން ކުރުމުގެ އަމުރަކަށް އެދި ރިޔާޒްގެ ވަކީލުން ހެބިއަސް ކޯޕަސްގެ މައްސަލައެއް ކްރިމިނަލް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.

ކުރިން ޕޮލިސް ކޮމިޝަނަރު ކަން ވެސް ކުރެއްވި ރިޔާޒްގެ މައްޗަށް ހައި ކޯޓުން އިއްވި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމް ތަންފީޒުކޮށް ވަނީ ނިމިފަ އެވެ. އެކަމަކު އެ ހުކުމް އައުމުގެ ކުރިން، މިދިޔަ މާޗް މަހުން ފެށިގެން ރިޔާޒް ހުންނެވީ އެހެން މައްސަލައަކާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

ރިޔާޒްގެ ވަކީލުން މިއަދު ނެރުނު ބަޔާނެއްގައިވަނީ ރިޔާޒްގެ މައްޗަށް ހައި ކޯޓުން ކުރި ހުކުމް މިދިޔަ ހަފުތާގައި ތަންފީޒުކޮށް ނިމިފައިވާތީ ރިޔާޒް މިހާރު ބަންދުގައި ބަހައްޓާފައި ހުރީ ގާނޫނާ ޚިލާފަށް ކަމަށެވެ. އެހެންވެ ރިޔާޒް ބަންދުން ދޫކުރުމަށް ހެބިއަސް ކޯޕަސްގެ އަމުރެއް ނެރެދިނުމަށް ރިޔާޒްގެ ވަކީލުންގެ ޓީމުން މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

"އަޅުގަނޑުމެން އުއްމީދު ކުރަމުން މި ދަނީ އިންތިޚާބުގެ ކުރިން ރިޔާޒު މިނިވަން ކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރައްވާނެ ކަމަށް." އެ ބަޔާނުގައިވެ އެވެ.

ހެބިއަސް ކޯޕަސްއަކީ މީހަކު ބަންދު ކޮށްފައިވަނީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ އޭނާ ބަންދުން ދޫކުރުމުގެ އަމުރަކަށް އެދި އެ މީހާ ނުވަތަ އޭނާގެ ބަދަލުގައި އެހެން މީހަކު ކޯޓަށް ހުށަހަޅާ މައްސަލަތަކެވެ.

ރިޔާޒް މިނިވަން ކުރުމުގެ އަމުރަކަށް އެދި ރިޔާޒްގެ ވަކީލުން ކްރިމިނަލް ކޯޓުގައި އެދުނުއިރު އޭނާގެ މައްޗަށް ދައުވާކުރާ އިތުރު ތިން މައްސަލައެއް ކްރިމިނަލް ކޯޓުގައި މިހާރު ވެސް އެބައޮތެވެ. އެގޮތުން ޓެރަރިޒަމްގެ ދައުވާ އަކާއި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާ އާއި ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާއެއް ރިޔާޒްގެ މައްޗަށް ކުރެ އެވެ.