Roadha Mihaaru
ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް އެލިއާ އިިން ފަށައިފި

ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް އެލިއާ އިިން ފަށައިފި

23 ޖުލައި 2016

މޯލްޑިވްސް ބްލަޑް ސާވިސާސްއާ ގުޅިގެން އެލައިޑް އިންވެސްޓްމަންޓުން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.

މަރިޔަމް ސާލިޔާ މަރިޔަމް ސާލިޔާ

މޯލްޑިވްސް ބްލަޑް ސާވިސާސްއާ ގުޅިގެން އެލައިޑް އިންވެސްޓްމަންޓުން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.

ދުނިޔޭގެ ލޭ ހަދިޔާކުރުމުގެ ދުވަސް ފާހަގަކުރުމަށް މިއަދު އާޓް ގެލަރީގައި ކުރިއަށް ގެންދާ ހަރަކާތުގައި ކޮންމެ މީހަކަށް ވެސް ބައިވެރިވެ، ލޭ ހަދިޔާކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. ލޭ ހަދިޔާކުރުމުގެ އިންތިޒާމް މިއަދު ހެނދުނު 10:00 އިން ހަވީރު 6:00 އަށް އާޓް ގެލެރީގައި ވަނީ ހަމަޖައްސައިފަ އެވެ.

މިއީ އެލިއާ އިން އިންތިޒާމް ކުރާ މިފަދަ ދެވަނަ ހަރަކާތެވެ. އެ ކުންފުންޏަށް 50 އަހަރު ފުރުން ފާހަގަކުރުމަށް މިދިޔަ އަހަރު ފެށި މި ހަރަކާތް، ކޮންމެ އަހަރަކު ވެސް ދެން ބާއްވާނެ ކަމަށް މި ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި އެލިއާގެ ޖެނެރަލް މެނޭޖަރު އަހުމަދު ސައީދު ވިދާޅުވި އެވެ.

"މިފަދަ ލޭ ހަދިޔާ ކުރުމުގެ ހަރަކާތްތައް އެހެން ކުންފުނިތަކުން ވެސް ރާވައިގެން ހިންގަން ޖެހޭ. ތެލަސީމިއާ ކުދިންނާއި ލޭ ބޭނުންވާ އެހެން މީހުންނަށް ވެސް ލޭ ހޯދުމުގައި ކުރިމަތިލާން ޖެހޭ ދަތިކަމަށް ލުޔެއް އެއިރުން ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

އެލިއާއިން މިއަދު ފެށި ލޭ ހަދިޔާ ކުރުމުުގެ ހަރަކާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރު އަބްދުﷲ ނާޒިމް އިބްރާހިމް ވާހަކަ ދައްކަވަނީ. -- ފޮޓޯ: މުހައްމަދު ޝަރުހާން / މިހާރު

އެލިއާއިން މިއަދު ފެށި ލޭ ހަދިޔާ ކުރުމުުގެ ހަރަކާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރު އަބްދުﷲ ނާޒިމް އިބްރާހިމް ވާހަކަ ދައްކަވަނީ. -- ފޮޓޯ: މުހައްމަދު ޝަރުހާން / މިހާރު

އޭނާ ވިދާޅުވީ ދަރިވަރުންނަށް 18 އަހަރު ވުމުގެ ކުރިން ތެލަސީމިއާ ކެރިއަރެއްތޯ ބެލުމަށް ޓެސްޓް ކުރުން ވަރަށް މުހިންމު ކަމަށާއި އެކަން ފަސޭހައިން ކުރެވޭނެ ގޮތް ހެލްތު އަދި އެޑިއުކޭޝަން މިނިސްޓްރީން ރާވައިގެން ހިންގޭނެ ކަމަށެވެ.

މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ލޭ ހަދިޔާ ކުރުމަށް ސަރުކާރުގެ ސިޔާސަތުގެ ދަށުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށެވެ. އެގޮތުން ރާއްޖޭގެ ސްކޫލްތަކުގައި ބާއްވާ ހެލްތު ސްކްރީނިން ޕްރޮގްރާމްތަކުގައި މިކަމާ ބެހޭގޮތުން ދަރިވަރުން އަހުލުވެރި ކުރާނެ ކަމަށް ވިދާޅުވި އެވެ.

"މި މިނިސްޓްރީން އެދެނީ ރާއްޖޭގެ ގިނަ ކުންފުނިތަކުން މިފަދަ ލޭ ހަދިޔާ ކުރުމުގެ ހަރަކާތްތައް ބޭއްވުމަށް. އަދި އެ ހުރިހާ ހަރަކާތެއްގައި ވެސް މި މިނިސްޓްރީން ބައިވެރިވެ، އެއްބާރުލުން ދޭނަން،" މިނިސްޓަރު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ބްލަޑް ސާވިސާސް އިން ވަނީ އާންމުކޮށް ލޭ ހަދިޔާކުރާ ބައެއް މީހުންގެ އަގު ވަޒަންކޮށް، އެ މީހުންނަށް ހަނދާނީ ފިލައެއް ވެސް ދީފަ އެވެ.

ދުނިޔޭގެ ލޭ ހަދިޔާ ކުރުމުގެ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް ޖޫން 14 އެވެ. ރާއްޖޭގައި މިދުވަސް މިއަހަރު ފާހަގަ ކުރުން ފަސްކުރީ ވަނީ އެދުވަސް ރޯދަ މަހާ ދިމާވުމުންނެވެ.