13 ޖުލައި 2020
މަދަނީ މައްސަލައެއްގައި ހުކުމެއް ތަންފީޒު ކުރަން ސުޕްރީމް ކޯޓުން ސިވިލް ކޯޓަށް އަންގައި، ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
މަދަނީ މައްސަލައެއްގައި ހުކުމެއް ތަންފީޒު ކުރަން ސުޕްރީމް ކޯޓުން ސިވިލް ކޯޓަށް އަންގައި، ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ސުޕްރީމް ކޯޓުން ހުކުމެއް ތަންފީޒު ކުރަން އެންގި ކަމަށް ބުނާ މައްސަލަ ސުޕްރީމް ކޯޓުގައި އިއްޔެ ފެންމަތިވީ އޯނަސް ޕްރައިވެޓް ލިމިޓެޑަށް ފައިސާތަކެއް ދައްކަން މ. އަތަމާ އިބްރާހިިމް އަބްދުއްލަތީފްގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމެއްގެ މައްސަލަ އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އިއްޔެ ބޭއްވި އަޑުއެހުމުގަ އެވެ.
އަބްދުއްލަތީފްގެ ފަރާތުން އޯނަސް ކުންފުންޏަށް ދޫކުރި ޗެކްތަކެއް ބައުންސްވި މައްސަލައިގައި ޖިނާއީ ދައުވާ ކުރެވެން ނެތް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމި ނިންމުމާ ދެކޮޅަށް އޯނަސްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެއްގައި އެ ކޯޓުން 2012 ނިންމާފައި ވަނީ އެ ނިންމުން މުރާޖައާ ކުރަން ޕީޖީގެ ކިބައިން އެ ކުންފުންޏަށް އެދެވިދާނެ ކަމަށެވެ. ފައިސާއެއް ދައްކަން އެ ހުކުމުގައި ސާފުކޮށް އަންގާފައި ނެތަސް، ސުޕްރީމް ކޯޓުން 2015 ގައި ސިވިލް ކޯޓަށް އެންގީ އެ ހުކުމުގެ މަދަނީ ބައި ތަންފީޒު ކުރުމަށެވެ.
އެހެންވެ، ސުޕްރީމް ކޯޓުގެ އެ ހުކުމުގެ ދަށުން ކަމަށް ފައިސާ ދައްކަން އަބްދުއްލަތީފްގެ މައްޗަށް ސިވިލް ކޯޓުން 2017 ގައި ހުކުމްކުރި އެވެ. އެ ހުކުމް އޭނާގެ ފަރާތުން އިސްތިއުނާފް ކުރިޔަސް، ހައި ކޯޓުން ނިންމީ އެ މައްސަލަ ބަލައިނުގަތުމުން ސުޕްރީމް ކޯޓާ ހަމައަށް އެ މައްސަލަ ދިޔައީ ހައި ކޯޓުގެ ހުކުމެއް ނެތި އެވެ.
އެ މައްސަލައިގައި، ސުޕްރީމް ކޯޓުގައި އިއްޔެ އޮންލައިންކޮށް ބޭއްވި އަޑުއެހުމުގައި އަބްދުއްލަތީފްގެ ބަދަލުގައި ވަޑައިގަތް ވަކީލް މުހައްމަދު ސަލީމް (ރޭނިސް) ވިދާޅުވީ، ސުޕްރީމް ކޯޓުގެ ހުކުމެއް ތަންފީޒު ކުރަން ކަމަށް ބުނެ ސުޕްރީމް ކޯޓުގެ އޭރުގެ ރެޖިސްޓްރާގެ ސިޓީއަކުން ސިވިލް ކޯޓަށް އެންގީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އެއްވެސް ނިންމުމެއް ނެތި ކަމަށެވެ. ޕީޖީއާ ދެކޮޅަށް ކުރިން ހުށަހެޅި މައްސަލައިގައިި ސުޕްރީމް ކޯޓުގެ ހުކުމުގައި ފައިސާ ދައްކަން ޖެހޭނެ ކަމަށް ކަނޑައަޅާފައި ނެތީސް، އެގޮތަށް ސިވިލް ކޯޓަށް އެންގީ އޭރުގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ނުފޫޒުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުރިން މި އިޝާރާތްކުރި ގަޒިއްޔާގައި ބައިވެރިވި ފަނޑިޔާރެއް. އޭނާގެ ނުފޫޒު. ހަމަ އެހެން އަޅުގަނޑު ދަންނަވާނީ. ފަނޑިޔާރުގެ ނަމެއް އަޅުގަނޑު ދަންނަވާކަށް ނެތިން. އޭނާ މިކަމުގެ ތެރޭގައި އިސްވެ ހުންނަވައިގެން،" ސަލީމް ވިދާޅުވި އެވެ
އެއީ ކޮން ފަނޑިޔާރެއް ކަން ހާމަ ކުރައްވަން ފަނޑިޔާރުންގެ ބެންޗުން އެންގެވުމުން ސަލީމް ވިދާޅުވީ އެއީ އޭރުގެ ފަނޑިޔާރު އަލީ ހަމީދު ކަމަށެވެ.
ހައި ކޯޓަށް ނުގޮސް ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅި ސަބަބާ ބެހޭގޮތުން ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރެއްވުމުން ސަލީމް ވިދާޅުވީ، ސިވިލް ކޯޓުގެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެއީ ސުޕްރީމް ކޯޓުގެ ނިންމުމަކާ ގުޅުން ހުރި މައްސަލައެއް ކަމަށް ބުނެ އެ މައްސަލަ ބަލައި ނުގަތް ކަމަށެވެ. އެ މައްސަލަ ސުޕްރީމް ކޯޓަށް ތަކުރާރުކޮށް ހުށަހެޅި ކަމަށާއި އެކަމަކު އެއްވެސް ޖަވާބެއް ނުލިބި ހުއްޓާ އެ މައްސަލަ ބަލައިގަތީ މާ ފަހުން ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ގަޒިއްޔާ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައި ވާނެ ކަމާއި، ބަލައިގަންނަ ކަން ނުވަތަ ބަލައިނުގަންނަ ކަން މި ކަހަލަ އެއްވެސް ޖަވާބެއް ދެއްވާފައި ނުވާ ވާހަކަ ބަޔާން ކުރެއްވީމާ ދެން ވިދާޅުވީ މައްސަލަ ހުށަހަޅުއްވާށޭ ފޯމަކުން. ދެން އަޅުގަނޑުމެން ފޯމަކުން ހުށަހެޅީމާ ބަލައިގަނެ، މައްސަލަ ހިންގީ. އެ ދުވަސްވަރަކީ މި ދެންނެވި ފަނޑިޔާރު ކޮންމެވެސް މައްސަލައަކާ ގުޅިގެން ކޮންމެވެސް ތަނެއްގައި ހައްޔަރުވެފައި ހުރި ވަގުތަކާ ދިމާވީ،" ސަލީމް ވިދާޅުވި އެވެ.
ސަލީމް ވިދާޅުވި ގޮތުގައި ހުުކުމް ތަންފީޒު ކުރަން ފައިސާ ދައްކަން ސިވިލް ކޯޓުން ހުކުމްކުރީ ދިފާއުގައި ވާހަކައެއް ދެއްކުމުގެ ފުރުސަތު ދިނުމެއް ވެސް ނެތި އެވެ. އެހެންވެ، އެއީ ވެސް އިޖުރާއާތުތަކާ ޚިލާފަށް ކުރި ހުކުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އަބްދުއްލަތީފް އަތުން ފައިސާ ހޯދަން މަދަނީ މައްސަލައެއް ވަކިން ހުށަހެޅިންތޯ އޯނަސްގެ ވަކީލުންނާ ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރެއްވުމުން އެ ކުންފުނީގެ ވަކީލް އަބްދުއްނާސިރު އިބްރާހިމް ވިދާޅުވީ، އެފަދަ މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށާއި އޭރު އެ މައްސަލަ ހުށަހެޅީ ފުލުހަށް ހުށަހަޅައި، ޖިނާއީ ދައުވާ ކޮށްގެން އެ ފައިސާ ހޯދުމަށް ކަމަށެވެ. ޗެކްތަކަށް ފައިސާ ލިބެންޖެހޭ ކަމާ މެދު ސުވާލު ނުއުފެއްދޭނެ ކަމަށާއި އެކަމަކު ފައިސާ ނުލިބި އެތައް ދުވަހެއް ހޭދަވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ހާޒިރުވަނީ އަޅުގަނޑުމެންގެ ފައިސާ ހޯދުމަށްޓަކައި. އެއީ ހަމަ ވަރަށް އަންޑަސްޓޭންޑިން އެއްޗެއް ދެއްތޯ،" ވަކީލް ނާސިރު ވިދާޅުވި އެވެ.
ފައިސާ ހޯދަން އޯނަސް އިން ވަކި ދައުވާއެއް ނުކުރަނީސް، އެ ފައިސާ ދައްކަން ސުޕްރީމް ކޯޓަށް އެންގިދާނެތޯ ބެންޗުން ސުވާލު ކުރެއްވުމުން ނާސިރު ވިދާޅުވީ، އެއީ ބައެއްގެ ހައްގާ ގުޅުން ހުރި ކަމަކަށް ވާތީ އެގޮތަށް އެ ކޯޓުން ނިންމިދާނެ ކަމަށެވެ. އެއީ އިންސާފު ގާއިމް ކުރުމަށްޓަކައި ކުރެވިދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަދުލު އިންސާފު ހޯދައި ދެއްވުމަށް އެ ބޭފުޅުންނަށް ލިބިފައި އޮތް ޝަރުއީ ވިސްނުމެއް ބޭނުން ކުރުމަކީ އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ ޝަރުއީ އަދި ގާނޫނީ ހައިސިއްޔަތުން ބޭރު ކަމެއް ކަމަކަށް،" އޭނާ ވިދާޅުވި އެވެ.
އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އެ މައްސަލާގެ އިތުރު އަޑުއެހުމެއް ފަހުން ބާއްވާނެ ކަމަށެވެ.
އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދުގެ އިތުރުން ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ.
މައްސަލައަކަށް އަލީ ހަމީދު ނުފޫޒު ފޯރުއްވި ކަމަށް ބުނާ މައްސަލައެއް ފެންމަތިވިއިރު، ސުޕްރީމް ކޯޓުގެ ފެބްރުއަރީ 1، 2018 ގެ އަމުރަށް ފަހު އޭނާ އާއި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރުކޮށް، ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވިކަމަށް ބުނެ އެ ބޭފުޅުންގެ މައްޗަށް ކްރިމިނަލް ކޯޓުން ދޮޅު އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވި އެވެ. އެ ހުކުމް ސުޕްރީމް ކޯޓުން ދެމެހެއްޓުމުން އެ ދެ ބޭފުޅުން މަގާމު ވަނީ ގެއްލިފަ އެވެ.
ޑިސްޕިއުޓް އުވާލުމުން ނިންމި މައްސަލަތައް މަދުވެއްޖެ
286މިލިއަންގެ ޖޫރިމަނާ :ސުޕްރީމް ކޯޓުން ނާކާމިޔާބު
މަދަނީ އިޖްރައާތު: ކޮންމެ ރަށަކަށް ވަކި ގަވާއިދެއް!
ދެން ވަކީލު ފީ ދައްކަންޖެހޭނީ ނާކާމިޔާބުވާ މީހާ
ސިވިލް ކޯޓުން މައްސަލަ ބަލާ އުސޫލު ބަދަލުކޮށްފި
ހުކުމް ތަންފީޒު ފަސްކުރުމަށް އާ ބާވަތުގެ އަމުރެއް
138 މިލިއަންގެ ޖޫރިމަނާ އެމްޕީއެލުން ދޭކަށް ނުޖެހޭނެ
ހުކުމް ފަސްކުރިޔަސް، ކޯޓަށް ފައިސާ ދައްކަން އެންގިދާނެ
އިންސާފު ހޯދުމުގެ "އަގު" ލިބޭނެ ގޮތެއް ނެތް!
އިތުބާރު ކުރަންޖެހޭ ޖުޑިޝަރީގެ ހާލަތު!