Roadha Mihaaru
ސަރުކާރާ ދެކޮޅު ކަމެއް ނުކުރަން އިންޒާރު ކުރިން:ލުތުފީ

ސަރުކާރާ ދެކޮޅަށް ކަމެއް ނުކުރަން ފަނޑިޔާރު އަލީ ހަމީދާއި ހަސަން ސައީދަށް އިންޒާރު ކުރިން: ލުތުފީ

04 މެއި 2018

ސުޕްރީމް ކޯޓުގެ ތެރެއިން ވެރިކަން ވައްޓާލަން އުޅޭ އަޑު އިވިގެން، ސަރުކާރާ ދެކޮޅަށް އެއްވެސް ކަމެއް ނުކުރަން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދަށް އިންޒާރު ކުރެއްވި ކަމަށް އެންޓި ކޮރަޕްޝަންގެ ރައީސް ހަސަން ލުތުފީ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސުޕްރީމް ކޯޓުގެ ތެރެއިން ވެރިކަން ވައްޓާލަން އުޅޭ އަޑު އިވިގެން، ސަރުކާރާ ދެކޮޅަށް އެއްވެސް ކަމެއް ނުކުރަން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދަށް އިންޒާރު ކުރެއްވި ކަމަށް އެންޓި ކޮރަޕްޝަންގެ ރައީސް ހަސަން ލުތުފީ ވިދާޅުވެއްޖެ އެވެ.

ފެބްރުއަރީ 1 ގެ އަމުރާ ގުޅިގެން ފުލުހުން ހިންގި ތަހުގީގަށް ހަސަން ލަތީފް ދެއްވި ބަޔާނުގައި ވިދާޅުވީ އަމުރު ނެރުނުއިރު، އޭނާ ހުންނެވީ ޝްވެކް ސިނަމާގައި "ޕަދްމާވަތު" ފިލްމު ބެލުމަށް ކަމަށެވެ. އަމުރު ނެރުނު ކަމުގެ މެސެޖްތައް ލިބުމާއެކު، "މިއީ ކޮން ކަމެއް ހެއްޔޭ"، "ތިހާ މުނާފިގުވާކަށް ނުވާނެއޭ" ވިދާޅުވާން އަލީ ހަމީދާއި ހަސަން ސައީދަށް ގުޅުއްވޭތޯ ބެއްލެވި ނަމަވެސް، ދެ ބޭފުޅުން ފޯނު ނަންގަވާފައި ނުވާ ކަމަށެވެ. އަދި ލުތުފީ ދެ ބޭފުޅުންނަށް ފޮނުއްވި މެސެޖަށް ޖަވާބު ދީފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމާ އަޅުގަނޑު ވަރަށް ބޮޑަށް ކަންބޮޑުވި އެވެ. އެއީ ޑިނާއަށާއި ތަންތަނަށް ވަރަށް ގިނަ އިން ހަސަން ސައީދާ އެކީގައި ދެވިފައިވުމުން ފެންނަ މީހުން ވެސް އަޅުގަނޑުގެ ބައިވެރިވުމެއް އެކަމުގައި އޮވެދާނެ ކަމަށް ބުނެފާނެތީ އެވެ. އަދި ގާތްގަނޑަކަށް ދެ މަސް ދުވަހުގެ ތެރޭގައި އަޅުގަނޑު އެކަނި އުޅޭތީވެ ހަސަން ސައީދާއެކު ލެމަން ގްރާސްއަށް ކާންދެވިފައި ހުންނާނެ އެވެ. އަދި ހަސަން ސައީދު އެކަހަލަ ކަމެއް ކޮށްފާނެ ކަމަށް ގަބޫލެއް ނުކުރެވެ އެވެ،" މިދިޔަ މާޗް 15 ގައި ލުތުފީ ދެއްވި ބަޔާނުގައިވެ އެވެ.

ލީކުވެފައިވާ ހަ ސޮފްހާގެ ބަޔާނުގައި ލުތުފީ ވިދާޅުވީ ފަރިއްކުޅުވަން އެކުގައި ވަޑައިގަންނަވާ ދުވަސްތަކުގައި ފެބްރުއަރީ 1 ގެ އަމުރާ ގުޅޭ އެއްވެސް ވާހަކައެއް އޭނާއާ ހިއްސާކޮށްފައި ނުވާ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ތެރެއިން ވެރިކަން ވައްޓާލުމަށް ރޭވުންތަކެއް ރޭވޭ ކަމަށް އެކި މީހުން އޭނާއާ އެ ވާހަކަ ހިއްސާކޮށްފައިވާތީ ސަރުކާރާ ދެކޮޅަށް އެއްވެސް ކަމެއް ނުކުރުމަށް އަލީ ހަމީދާއި ހަސަން ސައީދަށް އިންޒާރު ދެއްވިއިރު، ރައީސް އަބްދުﷲ ޔާމީނަކީ ކާކުކަން ދަންނަން ޖެހޭނެ ކަމަށް ވެސް ލުތުފީ ވިދާޅުވި އެވެ.

(ކ-ވ) ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު.---ފައިލް ފޮޓޯތައް: މިހާރު

(ކ-ވ) ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު.---ފައިލް ފޮޓޯތައް: މިހާރު

ލުތުފީ ވިދާޅުވި ގޮތުގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ފާހަގަ ކުރެވިފައިވަނީ ވަރަށް ވަތަނީ އަދި މައުލޫމާތު ހުރި ބޭފުޅެއްގެ ގޮތުގަ އެވެ. އެހެންކަމުން އުއްތަމަ ފަނޑިޔާރުގެ ފަރާތުން އެކަހަލަ ކަމެއް ފެނިދާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ. އަދި އުއްތަމަ ފަނޑިޔާރު، އެ އަމުރު ނެރުއްވީ ކޮންމެވެސް ކަހަލަ ފިއްތުންތަކެއް ކުރިމަތިވެވަޑައިގަތުމުން ކަމަށް ބެލެވޭ ކަމަށް ވެސް ލުތުފީ ވިދާޅުވި އެވެ. އެކަމަކު، އަލީ ހަމީދު އެކަހަލަ ކަމެއް ކުރައްވަފާނެ ކަމަށް ގަބޫލު ކުރެއްވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެއީ އެ އަމުރު ނެރުނު ދުވަހުގެ ހެނދުނު 11:30 ގައި އަޅުގަނޑު އޮފީހުގައި ބައްދަލުވުމެއްގައި އިންދާ އަޅުގަނޑަށް (އަލީ ހަމީދު) ގުޅުއްވާފައި ވިދާޅުވި ކަލޯއޭ މީ ތިމަންނަމެން ގެނައި ސަރުކާރެކޭ، މި ސަރުކާރު މި ގެނައީ ތިމަންނަ މެންނޭ، ސަރުކާރު ދިފާއުކުރާނީ ވެސް ތިމަންނަމެންނޭ. ބަލާބަލާށޭ ތިއޮއް އެއާޕޯޓު އެހެދުނީއޭ، ބްރިޖު ތިއޮއް ނިންމަނީއޭ. 25 ބުރީގެ ހޮސްޕިޓަލެއް މި ހެދުނީއޭ، އަތޮޅު ތެރޭގެ 40 ހަކަށް ބަނދަރު އެބަހަދައޭ،" ލުތުފީ ފުލުހުންނަށް ދެއްވި ބަޔާނުގައިވެ އެވެ.

އިދިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލުމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުއްވި އަމުރު ތަންފީޒު ނުކޮށް، ރައީސް ޔާމީން ވަނީ ފެބްރުއަރީ ފަސް ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދާއި ހަސަން ސައީދާއި ސިޔާސީ ބައެއް ބޭފުޅުން ހައްޔަރުކޮށްފަ އެވެ.

ސަރުކާރު ވައްޓާލަން އުޅުމާއި ރިޝްވަތުގެ މައްސަލަތަކުގައި އެބޭފުޅުންނާ ދެކޮޅަށް ދައުލަތުން ކުރާ ގިނަ ދައުވާތަކެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ.

މީގެ ކުރިން ބޭއްވި ނިއުސް ކޮންފަރެންސެއްގައި ފުލުހުން ބުނެފައި ވަނީ ރާއްޖޭގެ ބޮޑު ކުންފުންޏަކުން 2.4 މިލިއަން ޔޫއެސް ޑޮލަރުގެ އެހީއެއް، ލޯނެއްގެ ގޮތުގައި އަލީ ހަމީދަށް ދީފައިވާކަން ޔަގީން ކުރެވޭ ކަމަށެވެ. އަދި ރާއްޖޭގެ ބޮޑު ކުންފުންޏަކުން 2.4 މިލިއަން ޑޮލަރުގެ މަންފާއެއް އުއްތަމަ ފަނޑިޔާރަށް ލިބިވަޑައިގެންފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ރާއްޖެ އިން ބޭރުން އަގު ބޮޑު މުދާ ބައްލަވައިގަތުމަށް ދެ ބޭފުޅުން މަސައްކަތް ކުރެއްވި ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.