Roadha Mihaaru
ޕާކިސްތާނުގެ ދާޚިލީ ވަޒީރުގެ ގަޔަށް ބަޑި ޖަހައިފި

އިންތިޚާބަށް ކެމްޕޭން ކުރަނިކޮށް ޕާކިސްތާނުގެ ދާޚިލީ ވަޒީރުގެ ގަޔަށް ބަޑިޖަހައިފި

07 މެއި 2018

އިސްލާމްއާބާދު (މެއި 7) - ޕަންޖާބް ޕްރޮވިންސްގައި ކެމްޕޭންގައި އުޅުއްވަނިކޮށް ޕާކިސްތާނުގެ ދާޚިލީ ވަޒީރު އަހުސަން އިގްބާލަށް ބަޑިން ހަމަލާދީ ޒަޚަމްކޮށްލައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އިސްލާމްއާބާދު (މެއި 7) - ޕަންޖާބް ޕްރޮވިންސްގައި ކެމްޕޭންގައި އުޅުއްވަނިކޮށް ޕާކިސްތާނުގެ ދާޚިލީ ވަޒީރު އަހުސަން އިގްބާލަށް ބަޑިން ހަމަލާދީ ޒަޚަމްކޮށްލައިފި އެވެ.

ބަޑީގެ ހަމަލާ އަރާފައި ވަނީ އިގްބާލް، 59، ގެ ކޮނޑަށެވެ. ހަމަލާ ދީފައި ވަނީ އިގްބާލްގެ އުފަން ޓައުން ނެރޯވަލް ޑިސްޓްރިކްޓުގައި ތަގްރީރެއް ދީ ނިމުނުތަނާ އެވެ.

ޕްރޮވިންސްގެ އިސް ފަރާތްތަކުން ބުނެފައި ވަނީ އިގްބާލްގެ ހާލު އެހާ ސީރިއަސް ނޫން ކަމަށެވެ. އެކަމަކު އިތުރު ފަރުވާ އަށް އިގްބާލް ވަނީ ލާހޯރަށް ގެންގޮސްފަ އެވެ.

ޕާކިސްތާނުގެ ދާޚިލީ ވަޒީރު އަހުސަން އިގްބާލް. --ފޮޓޯ:ރޮއިޓާސް

ޕާކިސްތާނުގެ ދާޚިލީ ވަޒީރު އަހުސަން އިގްބާލް. --ފޮޓޯ:ރޮއިޓާސް

ފެޑެރަލް މިނިސްޓަރު ތަލާލް ޗައުދަރީ ވިދާޅުވީ ތަހުގީގު މިހާރު ކުރިއަށްދާ ކަމަށާއި ހަމަލާއާ ގުޅިގެން އެކަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ހަމަލާ ދީފައި ވަނީ 21 އަހަރުގެ އާބިދު ހުސައިން ކިޔާ މީހެއް ކަމަށާއި އޭނާ ނިސްބަތް ވަނީ ހަރުކަށި ޖަމާއަތެއް ކަމަށްވާ ތަހުރީކީ ލައްބައިކަ ޕާޓީ އަށް ކަމަށް ޕާކިސްތާނުގެ މީޑިއާތަކުން ބުނެ އެވެ. ޕާކިސްތާނުގެ ބޮޑު ވަޒީރު ޝާހިގު ހައްގާނީ ވެސް ވަނީ ހާދިސާ ތަހުގީގު ކުރަން އަންގަވައިފަ އެވެ.

އިގްބާލްގެ ޕާކިސްތާން މުސްލިމް ލީގު (ޕީއެމްއެލް-އެން) ޕާޓީން ވެރިކަމުގެ ފަސް އަހަރުގެ ދައުރު މި މަހު ފަހުކޮޅު ނިންމާނެ އެވެ. ޕާކިސްތާނުން ދަނީ އަންނަ ޖުލައި މަހު އާއްމު އިންތިޚާބު ބޭއްވުމަށް ތައްޔާރުވަމުންނެވެ.

ދާޚިލީ ވަޒީރުކަން އިގްބާލަށް ދީފައި ވަނީ މިދިޔަ އަހަރު އެވެ. އެކަމަކު 2013 ވަނަ އަހަރު ޕީއެމްއެލް-އެން ވެރިކަމަށް އައި ފަހުން އިގްބާލްއަކީ ކެބިނެޓް މެންބަރެކެވެ.