Roadha Mihaaru
ޕާކިސްތާނުގައި 61 މީހުން މަރާލި ހަމަލާ ދިނީ އައިއެސް

ޕާކިސްތާނުގައި 61 މީހުން މަރާލި ހަމަލާ ދިނީ އައިއެސް އިން

26 އޮކްޓޯބަރ 2016

ގުއެޓާ (އޮކްޓޯބަރު 26) - ޕާކިސްތާނުގެ ގުއެޓާގެ ފުލުހުންގެ ކޮލެޖަކަށް ހަމަލާދީ 61 މީހުން މަރާލީ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ކަމަށް އެ ޖަމާއަތުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ގުއެޓާ (އޮކްޓޯބަރު 26) - ޕާކިސްތާނުގެ ގުއެޓާގެ ފުލުހުންގެ ކޮލެޖަކަށް ހަމަލާދީ 61 މީހުން މަރާލީ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ކަމަށް އެ ޖަމާއަތުން ބުނެފި އެވެ.

އައިއެސްގެ އައުމާގު ނިއުސް އެޖެންސީން ވަނީ ހަމަލާ ދިން ތިން މީހުންގެ ފޮޓޯ ވެސް އާއްމުކޮށްފަ އެވެ.

ޕާކިސްތާން ސިފައިންގެ މޭޖާ ޖެނެރަލް ޝާ އަފްގާން ކުރިން ވިދާޅުވެފައި ވަނީ ކޮލެޖަށް ހަމަލާދިނީ ލަޝްކަރީ ޖަންގްވީ ޖަމާއަތުން ކަމަށެވެ. އަލްގައިދާއާ ގުޅުން އޮންނަ ޖަންގްވީ އިން ވަނީ ވޭތުވެދިޔަ ދުވަސްތަކުގައި ވަރަށް ގިނަ ހަމަލާތައް ދީފަ އެވެ. ނަމަވެސް އެންމެ ފަހުން މި ދިން ހަމަލާގެ ޒިންމާ އެ ޖަމާއަތުން އުފުލައިފައެއް ނުވެ އެވެ. ޖަންގްވީ އިން 2013 ވަނަ އަހަރު ބަލޮޗިސްތާނުގައި ދިން ހަމަލާގައި ވަނީ 160 މީހުން މަރުވެފަ އެވެ. މިއީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން 2001 ވަނަ އަހަރު ވަނީ ނިންމައިފަ އެވެ.

ބަލޮޗިސްތާން ޕްރޮވިންސް ސަރުކާރުގެ ތަރުޖަމާން އަންވަރުލް ހައްގު ވިދާޅުވީ ޕޮލިސް ކޮލެޖަށް ދިން ހަމަލާގެ ޒިންމާ އައިއެސް އިން އުފުލާ ކަމަށް ބުނި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ޕާކިސްތާނުގައި އައިއެސް އިން ހަރަކާތްތެރިވާ ކަމަށް އެ ގައުމުގެ އަސްކަރިއްޔާ އިން ސެޕްޓެމްބަރު މަހު ވަނީ ފުރަތަމަ ފަހަރަށް ބުނެފަ އެވެ. އަދި އެ ޖަމާއަތުގެ އިސް ހަނގުރާމަވެރިން ހައްޔަރުކޮށްފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މިދިޔަ އޮގަސްޓް މަހު ގުއެޓާގެ ހޮސްޕިޓަލަކަށް ދިން ހަމަލާގެ ޒިންމާ ވެސް އައިއެސް އިން ވަނީ އުފުލައިފަ އެވެ. އެ ހަމަލާގެ ޒިންމާ ވަނީ ތަހުރީކީ ތާލިބާންގެ ގޮތްޕެއް ކަމަށްވާ ޖަމާއަތުލް އަހުރާރުން ވެސް އުފުލައިފަ އެވެ.