Roadha Mihaaru
ނަޝީދުގެ ހުކުމް ސުޕްރީމް ކޯޓަށް ބާތިލެއް ނުކުރެވޭނެ

ނަޝީދުގެ ޖަލު ހުކުމް ސުޕްރީމް ކޯޓަށް ބާތިލެއް ނުކުރެވޭނެ: އާޒިމާ

08 މެއި 2018

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓަށް ބާތިލު ނުކުރެވޭނެ ކަމަށް ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓަށް ބާތިލު ނުކުރެވޭނެ ކަމަށް ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ރޭ ވިދާޅުވެއްޖެ އެވެ.

ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވީ، ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި ޓެރަރިޒަމްގެ ކުށް ސާބިތުވެގެންނެވެ. އެ ހުކުމަކީ ގާނޫނީ އިޖުރާއާތުތަކާ ޚިލާފު ޝަރީއަތަކުން އިއްވި ހުކުމެއް ކަމަށް ބުނެ، އެ ހުކުމް ރިވިއުކޮށް އެ މަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ދޭން އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީން ވަނީ ސަރުކާރަށް ހުށަހަޅައިފަ އެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން އާޒިމާ ވިދާޅުވީ ރިޔާސީ އިންތިހާބުގައި ނަޝީދަށް ވާދަކުރެއްވޭނެ ގާނޫނީ އެއްވެސް ހަމައެއް ނެތް ކަމަށެވެ. ނަޝީދަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމްގެ އިސްތިއުނާފު މަރުހަލާގައި، އެ ހުކުމް ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަން ފާހަގަ ކުރައްވައި ވިދާޅުވީ އެ ނިންމުން، އަލުން އެހެން ގޮތަކަށް އެ ކޯޓަށް ބަދަލު ނުކުރެވޭނެ ކަމަށެވެ.

އާޒިމާ ވިދާޅުވި ގޮތުގައި، ނަޝީދަށް ވާދަކުރުމުގެ ފުރުސަތު ދޭން އދ.ގެ ވޯކިން ގްރޫޕުން އެދުނަސް އެ ފުރުސަތު ދޭކަށް ނުޖެހެ އެވެ. ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކުން އެ ފުރުސަތު ނަޝީދަށް ފަހިކޮށްދެވޭނެ ގާނޫނީ އެއްވެސް ހަމައެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އާޒިމާ: ފެބުރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ ހުރިހާ ބައިތަކެއް ބާތިލްވެފައިވާ ކަމަށް ވިދާޅުވި. -- ފޮޓޯ: ނިޝާން އަލީ/މިހާރު

އާޒިމާ: ފެބުރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ ހުރިހާ ބައިތަކެއް ބާތިލްވެފައިވާ ކަމަށް ވިދާޅުވި. -- ފޮޓޯ: ނިޝާން އަލީ/މިހާރު

"ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުމަކީ އޭގެ ފައިނަލް ނިންމުމެއް. އެހެންވެ 1 ފެބުރުއަރީގެ އަމުރުގައި ވެސް، އަޅުގަނޑު ދެންނެވިން ސުޕްރީމް ކޯޓުން ނިންމާފައި އޮތް ނިންމުމެއް އަމުރަކުން ބާތިލެއް ނުކުރެވޭނެޔޭ،" އާޒިމާ ވިދާޅުވި އެވެ.

ފެބުރުއަރީ 1 ގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ސޮއި ކުރައްވައި ނެރުއްވި އަމުރުގައި ނަޝީދު ހިމެނިވަޑައިގަންނަވާ ގޮތަށް ސިޔާސީ ނުވަ ބޭފުޅަކު މިނިވަންކުރަން ދައުލަތުގެ މުއައްސަސާތަކަށް އަންގާފައިވެ އެވެ. އެ އަމުރު ތަންފީޒުނުކޮށް، ފެބްރުއަރީ 5 ގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް ދެ ބޭފުޅުންގެ މައްޗަށް ރިޝްވަތުގެ ތުހުމަތު ވަނީ ކޮށްފަ އެވެ. އަމުރު ނެރުނީ ވެރިކަން ވައްޓާލަން ކަމަށް ތުހުމަތުކޮށް، އެ އަމުރުގައި ސިޔާސީ ލީޑަރުން މިނިވަންކުރަން އެންގި ބައި، ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ތިން ފަނޑިޔާރުން ވަނީ ބާތިލްކޮށްފަ އެވެ.

އާޒިމާ ވިދާޅުވި ގޮތުގައި ފެބުރުއަރީ 1 ގެ އަމުރުގެ ހުރިހާ ބައިތަކެއް ހެން މިހާރު ވަނީ ބާތިލުވެފަ އެވެ. އެހެންކަމުން، އެ އަމުރު ދެމި އޮތް ކަމަށް އިދިކޮޅު ފަރާތްތަކުން ގަބޫލުކުރިއަސް ގާނޫނީ ގޮތުން ބަލާއިރު އެއީ ބާތިލް އަމުރެއް ކަމަށް ވިދާޅުވި އެވެ.

އާޒިމާ އެހެން ވިދާޅުވި ނަމަވެސް، އެ އަމުރުގައި ހިމެނޭ ބައިތަކުގެ ތެރެއިން ބާތިލު ކޮށްފައިނީ ސިޔާސީ ނުވަ ބޭފުޅުން މިނިވަން ކުރުމަށް އަމުރުކުރި ބަޔާއި، ޖުޑީޝަލް ސާވިސް ކޮމިޝަނުން ފަނޑިޔާރުންގެ މައްސަލަތައް ނުބެލޭނެ ކަމަށް ކަނޑައެޅި ބައެވެ. ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އެ އަމުރުގައި ކަނޑައެޅި ބައި މިހާތަނަށް ސުޕްރީމް ކޯޓުން ބާތިލެއް ނުކުރެ އެވެ.

ސެޕްޓެމްބަރު މަހުގެ ތެރޭގައި ރިޔާސީ އިންތިހާބު ބާއްވަން ނިންމާފައިވާއިރު، އެމްޑީޕީގެ ކެންޑިޑޭޓަކީ ނަޝީދެވެ. ރަސްމީކޮށް، އެމަނިކުފާނަށް ކެންޑިޑެސީ ދޭން އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ މި މަހު 30 ގައި ބާއްވާ ގޮތަށް ވަނީ ނިންމައިފަ އެވެ.

ނަޝީދު ވިދާޅުވަމުން ގެންދަވަނީ، އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އެކަމަކު ވޯޓު ކަރުދާސްކޮޅުގައި ނަޝީދުގެ ނަންފުޅު ނޯންނާނެ ކަމަށް ސަރުކާރުން ބުނެ އެވެ.