Roadha Mihaaru
"ފަނޑިޔާރުން ލަދު ގަންނުވާނުލައި އިސްލާހެއް ނުވާނެ"

ފަނޑިޔާރުން ލަދު ގަންނުވާނުލަނީސް އިސްލާހެއް ނުވާނެ: ނަޝީދު

19 މާޗް 2019

ރާއްޖޭގެ ޝަރުއީ ނިޒާމު އިސްލާހު ކުރެވޭނީ ފަނޑިޔާރުންގެ މައްސަލަތައް ފާހަގަކޮށް އެ ވާހަކަ ގިނައިން ދައްކައިގެން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރާއްޖޭގެ ޝަރުއީ ނިޒާމު އިސްލާހު ކުރެވޭނީ ފަނޑިޔާރުންގެ މައްސަލަތައް ފާހަގަކޮށް އެ ވާހަކަ ގިނައިން ދައްކައިގެން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓް އިމްތިޔާޒު ފަހުމީގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ނުހައްގުން މީހުންގެ މުދާތައް ހޯދަމުން އަންނަކަމުގެ މިސާލެއް ދައްކަވަމުން ނަޝީދު ވިދާޅުވީ ވައްކަންތައް ކޮށްދެމުން އަންނަނީ ފަނޑިޔާރު ގެތަކުން ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެ ވަޑައިގެންނެވި ޖަލްސާގައި ނަޝީދު ވިދާޅުވީ ހުކުމެއް އިއްވަފާނެތީ ޝަރުއީ ނިޒާމުގެ ވާހަކަ ދެއްކުމަކީ ގިނަ މީހުންނަށް ބިރެއް ކަމަށެވެ. ނަމަވެސް ފަނޑިޔާރުގެއާ ގުޅޭ ވާހަކަތައް އާއްމުކޮށް ދެއްކެވުމަށް ނަޝީދު ގޮވާލެއްވި އެވެ.

"މިވާހަކަ ސާފުކޮށް ބުނެނުދީ، މުޅި ރާއްޖޭގެ ރައްޔިތުން އެ ފަނޑިޔާރުން ލަދު ނުގަންނަވާ ހިނދެއްގައި އަޅުގަނޑުމެންގެ ފަނޑިޔާރުގެއެއް ރަނގަޅެއް ނުވާނެ،" އާއްމުކޮށް ޝަރުއީ ނިޒާމަށް ފާޑުވިދާޅުވާ ނަޝީދު ވިދާޅުވި އެވެ.

"އެއްވެސް ބޭފުޅެއް މިކަމަށް ޖެހިލުންވެ ވަޑައިގެންފިނަމަ އަޅުގަނޑުމެން އެއްމެން ހަލާކު ވާނެ. އެންމެން އެކުގައި ތިބެ މިކަމަށް ކުރިމަތި ލައިގެން މިކަން އިސްލާހު ކުރިއްޔާ ނޫނިއްޔާ އަޅުގަނޑުމެންގެ ފަނޑިޔާރުގެތަކެއް އިސްލާހެއް ނުވާނެ."

އިންތިޒާޖް ފަހުމީގެ ކެމްޕެއިން ޖަލްސާގައި ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި ނައިބު ރައީސް ފައިސަލް ނަސީމް-- ފޮޓޯ: އެމްޑީޕީ

އިންތިޒާޖް ފަހުމީގެ ކެމްޕެއިން ޖަލްސާގައި ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި ނައިބު ރައީސް ފައިސަލް ނަސީމް-- ފޮޓޯ: އެމްޑީޕީ

ނަޝީދު ވިދާޅުވީ ބޭނުންފުޅުވަނީ ވަކި ބޭފުޅެއްގެ ވާހަކަ ދެއްކުން ނޫން ކަމަށާއި މަގުސަދަކީ ފަނޑިޔާރުގެ އިސްލާހު ކުރުން ކަމަށެވެ.

ޝަރުއީ ނިޒާމު ރަނގަޅު ކުރެވޭނީ ފަނޑިޔާރުން ބަދަލުކޮށްގެން ނޫން ކަމަށާއި އެކަން ކުރެވޭނީ ރަނގަޅު ނިޒާމެއް ގާއިމު ކޮށްގެން ކަމަށް ނަޝީދު ވިދާޅުވި އެވެ. އެޖެންޑާ 19 އަކީ އެ ނިޒާމު ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ބައެއް ބޭފުޅުން ތިލަ ވިސްނުމެއްގައި ބުނޭ ބޭނުންވަނީ އިހުލާސްތެރި މީހެކޭ. ނޫން. ބޭނުންވަނީ ނުލަފާ މީހާ ހުއްޓާ ރަނގަޅު ނޫންކަމެއް ނުކުރެވޭނެ ނިޒާމެއް،" ނަޝީދު ވިދާޅުވި އެވެ.

އިމްތިޔާޒުގެ އާއިލީ ގިނަ ބޭފުޅުންނަކީ ޝަރުއީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންތަކަކަށް ވާއިރު ނަޝީދު ވިދާޅުވީ ފަނޑިޔާރު ގެއަކީ އިމްތިޔާޒުގެ ގޭ ކަމަށެވެ. ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް އިމްތިޔާޒު އިސްކޮށް މަސައްކަތް ކުރައްވާއިރު އެއީ އޭނާގެ ގެ އިސްލާހު ކުރަން އޭނާ މަސައްކަތް ކުރެއްވުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ މަޖިލިސް އެޖެންޑާގެ އެންމެ މުހިންމު ކަމަކީ މަޖިލީހުގެ ހިންގާ ގަވައިދުކަން ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވީ އެ ގަވައިދު އެކުލަވާލަން ޖެހެނީ މަޖިލީހުގެ މެމްބަރުންގެ ސްލޫކު ހިފެހެއްޓުމަށް ޓަކައި ކަމަށެވެ. މެމްބަރުންގެ މާލީ ހާލަތު އޭގެން އެނގެން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"މެމްބަރުން ރައްޔިތުންނާ ބައްދަލު ކުރާނެ މިންވަރުތަކާއި މެމްބަރުން އިންތިޚާބުވި ޕާޓީ ދޫކޮށް، އެ ޕާޓީގެ ފިކުރު ދޫކޮށް އެހެން ޕާޓީއަކަށް ބަދަލުވަނީ ނަމަ ދެން ކަންކުރާން ޖެހޭގޮތުގެ އިޖުރާތްތައް، އަދި މެމްބަރުންގެ ފައިސާއަށް ވާގޮތް، އަދި މެމްބަރުންގެ މުއްސަދިކަމަށް ވާގޮތް،" ނަޝީދު ވިދާޅުވި އެވެ.

މެމްބަރު އެކަނި ނަޒާހަތްތެރި ވެގެން ވާންނެތް ކަމަށާއި އާއްމު ރައްޔިތުންވެސް ނަޒާހާތްތެރިވާން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.