Roadha Mihaaru
ބީއެމްއެލްގެ ހިއްސާއަކަށް 22ރ. ބަހަން ފާސްކޮށްފި

ބީއެމްއެލްގެ ފައިދާއިން ހިއްސާއަކަށް 22ރ. ރުފިޔާ ބަހަން ފާސްކޮށްފި

13 މެއި 2018

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް 22ރ.ގެ މަގުން 118.4 މިލިއަން ރުފިޔާ ބަހަން މިރޭ ފާސްކޮށްފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް 22ރ.ގެ މަގުން 118.4 މިލިއަން ރުފިޔާ ބަހަން މިރޭ ފާސްކޮށްފި އެވެ.

މިރޭ ހޮޓެލް ޖެންގައި ބޭއްވި ބީއެމްއެލްގެ އަހަރީ އާއްމު ޖަލްސާގައި މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 22ރ. ބަހަން ފާސްކުރީ ހާޒިރުވި 41 ހިއްސާދާރުންގެ ވޯޓުންނެވެ.

އެ ބޭންކަށް 2016 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 1.02 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ބީއެމްއެލްގެ މާލީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 2.3 ބިލިއަން ރުފިޔާ ލިބުނެވެ. މިއީ އޭގެ ކުރީ އަހަރަށް ވުރެ 8 ޕަސެންޓް އިތުރު އަދަދެކެވެ. އޭގެ އިތުރުން ކަސްޓަމަރުން ޑިޕޮސިޓްކުރި ފައިސާގެ އަދަދު ވެސް 15 ޕަސެންޓް އިތުރުވެފައިވެ އެވެ. އެގޮތުން މިދިޔަ އަހަރުގެ ނިޔަލަށް 15 ބިލިއަން ރުފިޔާ ޑިޕޮސިޓް ކޮށްފައިވެ އެވެ.

އެ ބޭންކުން އާއްމުކުރި މިދިޔަ އަހަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން ޓެކުހާ އެކު ފައިދާގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ އޭގެ ކުރީ އަހަރަށް ވުރެ ހަތަރު ޕަސެންޓް އިތުރު މިންވަރެކެވެ. އަދި ޓެކްސްގެ ފައިސާ ކެނޑުމުން ސާފު ފައިދާގެ ގޮތުގައި ލިބުނީ 1.02 ބިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ އަހަރަށް ވުރެ ދެ ޕަސެންޓް އިތުރު އަދަދެއް ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ. މިރޭގެ ޖަލްސާގައި އެ ބޭންކުގެ ބޯޑަށް އާއްމު ހިއްސާދާރުންގެ ފަރާތުން ހޮވާ ތިން ޑިރެކްޓަރުން ވެސް އިންތިހާބުކުރި އެވެ.