Roadha Mihaaru
ދިއްދޫ ކައުންސިލްގެ ރައީސްގެ ބަންދަށް 5 ދުވަސް

ދިއްދޫ ކައުންސިލްގެ ރައީސްގެ ބަންދަށް ފަސް ދުވަސް

24 މެއި 2018

ހއ. ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމްގެ އިތުރު ފަސް ދުވަހު ބަންދުގައި ބަހައްޓަން ކޯޓުން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހއ. ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމްގެ އިތުރު ފަސް ދުވަހު ބަންދުގައި ބަހައްޓަން ކޯޓުން ނިންމައިފި އެވެ.

އެމްޑީޕީގެ މެންބަރެއް ކަމަށްވާ ހާޝިމް މިދިޔަ އަންގާރަ ދުވަހުގެ ރޭ ހައްޔަރުކުރީ ސައްހަ ނޫން ލިޔެކިޔުންތަކެއް ތައްޔާރުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އެ އަތޮޅު ފިއްލަދޫ ކޯޓަށް ހާޒިރު ކުރުމުން، ފަސް ދުވަސް އިތުރު ކޮށްދީފައިވާ ކަމަށެވެ.

ހާޝިމް ހައްޔަރުކުރުމަށް ފަހު ފުލުހުން ވަނީ އޭނާ ދިރިއުޅޭ ގެ ވެސް ފާސްކޮށްފަ އެވެ. އަދި މިދިޔަ މަހު ދިއްދޫ ކައުންސިލްގެ އިދާރާ ވެސް ފާސްކޮށްފައި ވެ އެވެ.

ސިޔާސީ ބޭފުޅުންތަކެއް ހިމެނޭ ގޮތަށް ނުވަ މީހަކު މިނިވަން ކުރުމަށް މިދިޔަ ފެބްރުއަރީ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލި މައްސަލައިގައި ލޯކަލް ގަވަރްމެންޓް އޮތޯރިޓީން މީގެ ކުރިން ހާޝިމް އެއް މަސް ދުވަހަށް ސަސްޕެންޑްކުރި އެވެ. އަދި ދިއްދޫގައި އިމާރާތްކޮށްފައިވާ ރޯހައުސްތައް ލިބޭ މީހުންގެ ލިސްޓެއް ހައުސިން މިނިސްޓްރީން އިއުލާނުކޮށްފައި ވަނިކޮށް، އެ ލިސްޓާ ހިލާފަށް، އަލުން ލިސްޓެއް ތައްޔާރުކޮށް ނެރޭނެ ކަން ދޭހަވާ ފަދަ ގޮތަކަށް އާއްމުންނަށް ސިޓީ ފޮނުވި ކަމަށް ބުނެ ވެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އޭނާ ސަސްޕެންޑްކުރި އެވެ.