Roadha Mihaaru
ޖަގަހަތައް ރޫޅާލަން ފެށުމުން އެމްޑީޕީން ރުޅިގަދަވެއްޖެ

ޖަގަހަތައް ރޫޅާލަން ފެށުމުން އެމްޑީޕީން ރުޅިގަދަވެެެއްޖެ

18 މެއި 2016

ދައުލަތުގެ ބިންތަކުގައި ހުރި ސިޔާސީ ޕާޓީތަކުގެ ޖަގަހަތައް ފުލުހުން ނުކުމެ ރޫޅާލަން ފެށުމުން އިދިކޮޅު އެމްޑީޕީން ރުޅިގަދަވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ދައުލަތުގެ ބިންތަކުގައި ހުރި ސިޔާސީ ޕާޓީތަކުގެ ޖަގަހަތައް ފުލުހުން ނުކުމެ ރޫޅާލަން ފެށުމުން އިދިކޮޅު އެމްޑީޕީން ރުޅިގަދަވެއްޖެ އެވެ.

ހޯމް މިނިސްޓްރީގެ އެންގުމަށް ފުލުހުން ވަނީ ހއ. ދިއްދޫގެ އެމްޑީޕީ ދެ ޖަގަހައަކާއި ބ. އޭދަފުށީގައި ހުރި އެމްޑީޕީގެ ޖަގަހައެއްވެސް ރޫޅާލައި އެތަނުގައި ހުރި ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި، ޕާޓީތަކުގެ ޖަގަހަތައް ރޫޅާލުން އެ ޕާޓީން ސިފަކޮށްފައި ވަނީ ސަރުކާރުން ހިންގާ ޣައިރު ގާނޫނީ އަމަލެއްގެ ގޮތުގަ އެވެ. އަދި އެއީ، ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމު ނެތިކޮށްލައި މިނިވަން ހިޔާލުތަކަށް ޖާގަ ނުދީ ހުދުމުހުތާރު ވެރިކަމެއް ބިނާ ކުރުމަށް ހިންގާ އަމަލެއް ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

"ކޮމަންވެލްތާއި އެފަދަ ބޮޑެތި ބައިނަލްއަގުވާމީ ފަރާތްތަކުން ދިވެހިރާއްޖޭގައި ސިޔާސީ ކަންކަން ކުރުމަށް ޖާގަ ނެތް ކަަމުގައި ވިދާޅުވެފައި މިވާ މި ދަނޑިވަޅުގައި މިފަދަ ޑިމޮކްރަސީގެ ރޫހާހިލާފް ކަންކަން ބާރު ސްޕީޑްގައި ކުރަމުން ގެންދިއުމުން ދިވެހިރާއްޖެއަށް އަމާޒުވެފައިވާ ފާޑުކިޔުންތައް އިތުރުވެ، ސަރުކާރުގެ މިފަދަ އަމަލުތަކުގެ ސަބަބުން ރާއްޖެއާ މެދު ފިޔަވަޅު އެޅުމަށް މަގުފަހި ގެންދިއުމަކީ ކަންބޮޑުވާ ކަމެކެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

އެ ޕާޓީން ބުނީ ރައްޔިތުން ބޮޑު ހަރަދުކޮށްފައި ހަދާފައިވާ ޖަގަހަތައް ރޫޅާލަމުން ދަނީ ކުރިން އެންގުމަކާ ނުލައި ކަމަށެވެ. އެ ޖަހަގަތައް ބޭނުންކުރަނީ، އެމްޑީޕީން ބުނިގޮތުގައި، ހަމައެކަނި ސިޔާސީ ބޭނުންތަކަށް ނޫނެވެ. ރަށްރަށުގެ ބަނދަރު ސަރަހައްދުތަކުގައި ހުންނަ ޖަގަހަތަކަކީ އެކި ރަށްތަކުން ދާ މީހުން ހިޔާވުމަށާއި މަޑުކޮށްލައިގެން ތިބެން ވެސް ބޭނުންކުރާ ތަންތަން ކަމަށް އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

"މިފަދަ ތަންތަން ތެޅުމަށާއި ރޫޅާލުމަށް ގިނަ އަދަދެއްގެ ފުލުހުން ބޭނުންކޮށް އަގުހުރި ފުލުހުންގެ ވަގުތު ބޭކާރު ކޮށްލަނީ ސަރުކާރުން ބޭނުންވާ ސިޔާސީ ކަންކަން ފުލުހުން ބޭނުންކޮށްގެން ކުރުވުމަށެވެ،" ބަޔާނުގައިވެ އެވެ.

އެމްޑީޕީގެ ބަޔާން ނިންމާލާފައި ވަނީ، ގާނޫނާ ހިލާފު އަމުރުތައް ފުލުހުންނަށް ކުރިއަސް އެ އަމުރުތަކަށް ތަބާނުވެ، ގާނޫނީ އިމުގެ ތެރޭގައި ފުލުހުން ހަރަކާތްތެރިވުމަށް އިލްތިމާސްކުރަމުންނެވެ.

ހޯމް މިނިސްޓްރީން ބުނެފައި ވަނީ ދައުލަތުގެ ބިންތަކުގައި ގާނޫނާ ހިލާފަށް ހަދާފައިވާ ތަންތަން ރޫޅާލުމަށް ފުލުހުންގެ ކިބައިން އެދިފައި ވަނީ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރުމަށް ފަހު އެވެ. އެކަމަކު އޭގެ ސަަބަބެއް ހޯމް މިނިސްޓްރީން ބުނެފައެއް ނުވެ އެވެ.