Roadha Mihaaru
69 ޕަސެންޓް މީހުން އިންފްލުއެންޒާ އޭ އަށް ޕޮޒިޓިވް

69 ޕަސެންޓް މީހުން އިންފްލުއެންޒާ އޭ އަށް ޕޮޒިޓިވް: އެޗްޕީއޭ

28 މެއި 2018

މިހާރު ރާއްޖޭގައި ފެތުރެމުންދާ ހުމުގެރޯގާ އާ ގުޅިގެން ޓެސްޓް ކުރި މީހުންގެ ތެރެއިން 69 ޕަސެންޓް މީހުން އިންފްލުއެންޒާ "އޭ" އަށް ޕޮޒިޓިވް ވެފައިވާ ކަމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މިހާރު ރާއްޖޭގައި ފެތުރެމުންދާ ހުމުގެރޯގާ އާ ގުޅިގެން ޓެސްޓް ކުރި މީހުންގެ ތެރެއިން 69 ޕަސެންޓް މީހުން އިންފްލުއެންޒާ "އޭ" އަށް ޕޮޒިޓިވް ވެފައިވާ ކަމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

އެ އިދާރާ އިން އާންމުކުރި ބަޔާނެއްގައި ބުނީ މި މަހުގެ ދެ ވަނަ ހަފުތާ އިން ފެށިގެން ފެތުރެމުންދާ ރޯގާއާ ގުޅިގެން އެންމެ ގިނަ ބަޔަކު ފަރުވާ ހޯދީ މިދިޔަ ހަފުތާގައި ކަމަށެވެ. އެއީ 6،669 މީހުންނެވެ.

އެޗްޕީއޭ އިން ބުނިގޮތުގައި، އިންފުލުއެންޒާ އަށް ޓެސްޓް ކޮށްފައި ވަނީ އެޑްމިޓް ކޮށްފައިވާ މީހުންގެ ތެރެއިން ހާލުބޮޑު މީހުންނެވެ. އޭގެ ތެރެއިން 69 ޕަސެންޓް މީހުން އިންފްލުއެންޒާ އަށް ޕޮޒިޓިވް އެވެ. އޭގެ ތެރޭގައި ގިނައީ އިންފްލުއެންޒާ "އޭ" ގެ ވައްތަރެއް ކަމަށްވާ "އެޗް3އެން2" އަށް ޕޮޒިޓިވްވި މީހުން ކަމަށް ވެސް އެޗްޕީއޭއިން ބުނެ އެވެ.

ޑެންގީ ހުން ޖެހިގެން މިދިޔަ ދެ ހަފުތާގައި ރިޕޯޓް ކުރި މީހުންގެ އަދަދު ދަށް ވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. މިދިޔަ ހަފުތާގައި ޑެންގީ ޖެހިގެން މުޅި ރާއްޖެ އިން ޑޮކްޓަރަށް ދެއްކީ 96 މީހުންނެވެ.

ސަމާލުކަން ދޭންވީ ކަންކަން:

- އަރިދަފުސް ރޯގާ ޖެހިއްޖެ ނަމަ ކެއްސައި ކިނބިހި އަޅާއިރު ރުމާ/ޓިޝޫ އިން އަނގަމަތި ނިވާކުރުން.

- އާއްމު ސާފުތާހިރު ކަމަށް އިސްކަން ދިނުން.

- ރޯގާ ޖެހިފައިވާ ނަމަ ކުޑަކުދިންނާ ދުރުހެލިވެ އުޅުން.

- ހުން އައިސް ރޯގާ ޖެހިއްޖެ ނަމަ ވީހާ ވެސް ގިނައިން ދިޔާތަކެތި ބޭނުން ކުރުން.

- ޕެރަސެޓަމޯލް ފިޔަވައި އެހެން ބޭހެއް ބޭނުން ނުކުރުން.

- މަދިރިން ރައްކާތެރިވުން.