Roadha Mihaaru
ގައިދީން ޕްރޮމޯޓްކުރާ މީޑިއާތަކަށް ފިޔަވަޅު އަޅާނަން

ގައިދީން ޕްރޮމޯޓް ކުރާނަމަ ފިޔަވަޅު އަޅާނަން: ހޯމް މިނިސްޓްރީ

29 މެއި 2018

ގައިދީން ޕްރޮމޯޓްކޮށް ޚަބަރު ފަތުރާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ހޯމް މިނިސްޓްރީން މިއަދު ދީފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ގައިދީން ޕްރޮމޯޓްކޮށް ޚަބަރު ފަތުރާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ހޯމް މިނިސްޓްރީން މިއަދު ދީފި އެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވާހަކަތައް މީޑިއާތަކުން ގެނެސްދޭއިރު އެ ދެ ބޭފުޅުންނަކީވެސް ޖަލު ހުކުމެއް އިއްވާފައިވަނިކޮށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ފަހު ހިމާޔަތް ހޯއްދަވައިގެން އުޅުއްވާ ބޭފުޅުންނެވެ. މީގެ އިތުރުން ޖަލުގައި ބަންދުކޮށްފައިވާ ސިޔާސީ ބޭފުޅުންގެ ބަޔާންތައް ވެސް މީޑިއާތަކުގައި ގެނެސްދެ އެވެ.

މީޑިއާތަކަށް އިންޒާރުދީ ހޯމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކުން މީޑިއާތައް މެދުވެރިކޮށް "ގައިދީން ޕްރޮމޯޓްކޮށް، ކުރިއަށް ނެރެ، ޝަހުސު އޮޅޭގޮތަށް" އަމަލުތައް ކުރާ ކަމަށެވެ.

"އެފަދަ އަމަލުތަކާއި ހަރަކާތްތައް ހިންގާ ފަރާތްތަކާއި މީޑިއާތަކުން ޒިންމާވާން ޖެހޭ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެކަމުގައި ދަންނަވަން،" އެ ބަޔާނުގައިވެ އެވެ.

ޝަރުއީ ހުކުމެއް ތަންފީޒު ކުރަމުންދާ މީހުންނާ ހަވާލާދީ ޚަބަރު ހަދަންވާނީ ގާނޫނުތަކުގެ ތެރެއިން ކަމަށް ތަކުރާރުކޮށް އަންގާފައިވާނެ ކަމަށް ހޯމް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ބަޔާނުގައި ބުނާ ދެ ގަވައިދަކީ، ގައިދީންނާއި ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބޭ މީހުންނަށާއި ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭންޖެހޭ އަސާސީ ޚިދުމަތްތަކާއި އިނާޔަތްތަކާ ބެހޭ ގަވައިދާއި އެ މީހުންނަށް ފޯނުކުރުމާއި ސިޓީ ފަދަ ތަކެތި ފޮނުވުމާއި ލިބިގަތުމުގެ ގަވައިދެވެ. އެ ގަވައިދުތައް ބުނާ ގޮތުން ޝަރުއީ ހުކުމެއް ތަންފީޒު ކުރަމުންދާ މީހުންގެ ފަރާތުން މައުލޫމާތު ހޯދައި، އެ މައުލޫމާތެއް މީޑިއާގައި ބޭނުމެއް ނުކުރެވޭނެ އެވެ. ޖަލުގައި ބަންދު ކުރެވިފައިވާ މީހުންނާ މުއާމަލާތު ކުރުމުގެ ފުރުސަތު ލިބޭނީ އާއިލާއަށާއި ގާނޫނީ ވަކީލަށް އެކަންޏެވެ.