Roadha Mihaaru
ދޮގު ޚަބަރާ ދެކޮޅަށް ކެމްޕެއިނެއް ފަށައިފި

ދޮގު ޚަބަރާ ދެކޮޅަށް ކެމްޕެއިނެއް ފަށައިފި

04 ނޮވެމްބަރ 2019

ދޮގު ޚަބަރު ފެތުރުމާ ދެކޮޅަށް އާންމުންނާއި ނޫސްވެރިން ހޭލުންތެރިކުރުމަށް ހޯމް މިނިސްޓްރީން މިއަދު ކެމްޕެއިނެއް ފަށައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ދޮގު ޚަބަރު ފެތުރުމާ ދެކޮޅަށް އާންމުންނާއި ނޫސްވެރިން ހޭލުންތެރިކުރުމަށް ހޯމް މިނިސްޓްރީން މިއަދު ކެމްޕެއިނެއް ފަށައިފި އެވެ.

ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި "ދޮގު ޚަބަރު ހުއްޓުވާނީ އަހަރެން" ކެމްޕެއިން ފައްޓަވައިދެއްވީ ގައުމީ ޔުނިވާސިޓީގެ ޗާންސެލާ ޑރ. ހަސަން ހަމީދެވެ. އެކުގައި ހޯމް މިނިސްޓަރު، ޝެއިހް އިމްރާން އަބްދުﷲ ބައިވެރިވެ ވަޑައިގަތެވެ.

ކުރިއަށް އޮތް ހަތަރު މަސް ދުވަހު ކުރިއަށް ގެންދަން ނިންމާފައިވާ އެ ކެމްޕެއިންގައި ދޮގު ޚަބަރާ ގުޅޭގޮތުން އާންމުންނާއި މީޑިއާތައް ހޭލުންތެރި ކުރުމަށް އެމްބެސެޑަރުންތަކެއް ވަނީ އައްޔަންކޮށްފަ އެވެ. އެމްބެސެޑަރުންނަކީ ވީމީޑިއާގެ ސީއޯއޯ މުހައްމަދު އާސިފު (މޮންދު) އާއި "މިހާރު" ގެ އެސިސްޓެންޓް އެޑިޓަރު މުހައްމަދު ހަމްދޫނާއި ވަގުތު ނޫހުގެ ހުސައިން އަރުބާން ފައްވާޒެވެ. އަދި ކުރީގެ ނޫސްވެރިން ކަމަށްވާ ހުސައިން ހަސަނާއި ޝަމްއާން ޝާކިރުގެ އިތުރުން އަބްދުﷲ އަޒްމީނާއި ޕްރެޒެންޓަރު މަރިޔަމް ވަހީދާ (މަރީ) ވެސް ވަނީ އެމްބެސެޑަރުންނަށް ހަމަޖައްސައިފަ އެވެ.

އެމްބެސެޑަރު ކަމަށް ހަމަޖެއްސި މަރިޔަމް ވަހީދާ އާއި ޝަމްއާން ޝާކިރު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު

އެމްބެސެޑަރު ކަމަށް ހަމަޖެއްސި މަރިޔަމް ވަހީދާ އާއި ޝަމްއާން ޝާކިރު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު

މިނިސްޓަރު އިމްރާން ވިދާޅުވީ މައުލޫމާތުގެ ރަން ޒަމާނުގައި ގައުމުތަކާއި ކުންފުނިތަކުގެ މިސްރާބު ބައްޓަންކުރަނީ ފެތުރޭ ޚަބަރުތަކުގެ މައްޗަށް ކަމަށެވެ. ދޮގު ޚަބަރުގެ ނުރައްކާތެރިކަމުގެ ސަބަބުން މުޖުތަމައުއަށް ގެއްލުންވާ ކަމަށާއި އެހެންވެ އެކަން ހުއްޓުވަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އޭގެ[ދޮގު ޚަބަރު] ގެ ސަބަބުން އާއިލާތައް ފުނޑުފުނޑު އެބަވޭ. ވިޔަފާރިތައް ބަނގުރޫޓު އެބަ ވޭ. ހަމަނުޖެހުން އުފެދި އެއް ގައުމާއި އަނެއް ގައުމާ ދެމެދު ހަނގުރާމަ އެބަ ފެށޭ،" ނޫސްވެރިންނާއި މުއައްސަސާތަކުގެ ވެރިން ބައިވެރިވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގެ ދައުރު ބޮޑުކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ދުނިޔެ އަށް މިހާރު އައިސްފައިވާ ގިނަ ބަދަލުތައް ގެނެސްފައިވަނީ މެއިންސްޓްރީމް މީޑިއާތަކުން ނޫން ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި ދިވެހިންނަކީ ވަރަށް ކުރިއަރާފައިވާ ބައެއް ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އިސްލާމް ދީނުގައި އަންގަވާފައިވާ އުސޫލުތައް މީޑިއާތަކުން ބޭނުންކުރާ ނަމަ ދޮގު ޚަބަރު ފެތުރުން ހުއްޓުވޭނެ ކަމަށެވެ. ކޮންމެ ޚަބަރަކީ ވެސް ތެދު ޚަބަރެއްކަން ޔަގީން ކުރުމަކީ ކޮންމެ މީހެއްގެ ވެސް ފަރުދީ ޒިންމާއެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ގުރުއާންގައި ﷲ އަންގަވާފައިވަނީ ފާސިގަކު ޚަބަރެއް ހިފައިގެން އައިސްފި ނަމަ އޭގެ ތެދުކަން ބަލާށޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިއަދު ފެށި ކެމްޕެއިން ނިމޭއިރު ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން މުހިންމު އަސަރުތަކެއް މުޅި މުޖުތަމައުއަށް ކުރާނެ ކަމަށެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ: ދޮގު ހަބަރުގެ ނުރައްކާ ބޮޑުކަމަށް ވިދާޅުވި-- ފޮޓޯ: ނިޝާން އަލީ/މިހާރު

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ: ދޮގު ހަބަރުގެ ނުރައްކާ ބޮޑުކަމަށް ވިދާޅުވި-- ފޮޓޯ: ނިޝާން އަލީ/މިހާރު

ދޮގު ޚަބަރާ ގުޅޭގޮތުން އެ ކެމްޕެއިންގެ އެމްބެސެޑަރު މަރީ ވިދާޅުވީ ރާއްޖޭގައި ދޮގު ޚަބަރު އިތުރުވާ އެންމެ ބޮޑު އެއް ސަބަބަކީ އެންމެ އަވަހަށް ޚަބަރު ގެނެސްދޭ ބަޔަކީ އެންމެ މޮޅު މީޑިއާ ކަމަށް ގަބޫލުކުރުމުގެ ވިސްނުމެއް ރާއްޖޭގައި އޮންނާތީ ކަމަށެވެ. އެހެންވެ ސޯޝަލް މީޑިއާ އިން ފެންނަ ޕޯސްޓްތަކުގެ ހަގީގަތް ބެލުމަށްވުރެ އަވަހަށް ޚަބަރު ޖަހަން އިސްކަން ދެނީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޓްވިޓާގައި މަޝްހޫރު ބޭފުޅަކު ޖަހާ އެއްޗަކުން ޚަބަރު ހަދަނީ. އޭގެން ޚަބަރު ހަދާފައި ދައުރުކުރާއިރު އޭގެ އިމްޕެކްޓަކަށް ވިސްނައެއް ނުލާ،" މިހާރު ޕީއެސްއެމްގެ ބޯޑު މެމްބަރަކަށް ކުރައްވާ މަރީ ވިދާޅުވި އެވެ.

ދޮގު ޚަބަރު އިތުރުވާ އަނެއް ސަބަބަކީ މުއައްސަސާތަކުން މައުލޫމާތު ނުދިނުން ކަމަށް ވެސް މަރީ ވިދާޅުވި އެވެ. އެހެންވެ ދޮގު ޚަބަރު ހުއްޓުވުމަށް މުއައްސަސާތަކުން މައުލޫމާތު ފޯރުކޮށްދިނުމަށް މިހާރަށްވުރެ ރަނގަޅަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.