Roadha Mihaaru
ޕްރައިމަރީގައި އިސްކޮށްއުޅުނު މީހުންނަށް ފިޔަވަޅު އަޅަނީ

އެމްޑީޕީގެ ޕްރައިމަރީގައި އިސްކޮށް އުޅުނު މީހުންނަށް ފިޔަވަޅު އަޅައި ދިނުމަށް އެދެނީ

03 ޖޫން 2018

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އިސްކޮށް އުޅުއްވި ބޭފުޅުންގެ މައްސަލަތައް ތަހުގީގުކޮށް އެ ބޭފުޅުންނަށް ފިޔަވަޅު އަޅައި ދިނުމަށް ފުލުހުންގެ ކިބައިން އެދެން އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމައިފި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އިސްކޮށް އުޅުއްވި ބޭފުޅުންގެ މައްސަލަތައް ތަހުގީގުކޮށް އެ ބޭފުޅުންނަށް ފިޔަވަޅު އަޅައި ދިނުމަށް ފުލުހުންގެ ކިބައިން އެދެން އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމައިފި އެވެ.

އެ ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ، މިދިޔަ ބުދަ ދުވަހު ބޭއްވި ޕްރައިމަރީގައި އިސްކޮށް އުޅުއްވި ބޭފުޅުންނަށް ފިޔަވަޅު އަޅައި ދިނުމަށް ފުލުހުންގެ ކިބައިން އެދެން ނިންމީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ހަތް ވަނަ މާއްދާ (ށ) ގެ ދަށުން ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ހަތް ވަނަ މާއްދާގެ (ށ) ގައި ބުނެފައި ވަނީ، ޕާޓީގެ މަގާމަކަށް އިންތިޚާބު ކޮށްފައިވާ ނުވަތަ އައްޔަން ކޮށްފައިވާ ނުވަތަ ރާއްޖޭގައި ބާއްވާ އިންތިޚާބަކަށް ޕާޓީގެ ނަމުގައި ކުރިމަތިލާފައިވާ މީހަކު ވެސް އަދި ޕާޓީގެ ނަމުގައި އެ އިންތިޚާބެއް ކާމިޔާބު ކޮށްފައިވާ މީހަކު ވެސް، އެ މާއްދާގެ (ހ) ގައި ބުނާ ކަމެއް ކޮށްގެން ނުވާނެ ކަމަށެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ހަތްވަނަ މާއްދާގެ (ހ) ގައި ވަނީ ސިޔާސީ ޕާޓީތަކުން ކޮށްގެން ނުވާނެ ކަންކަމެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަނި ބައިވެރިވެވަޑައިގެން ބޭއްވި ޕްރައިމަރީ ކުރިއަށް ގެންދިޔައީ ގާނޫނާ ޚިލާފަށް ކަމަށް ވާތީ، އެމްޑީޕީއާ މެދު ވެސް ފިޔަވަޅު އަޅަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ކަމަށް އަކްރަމް ވިދާޅުވި އެވެ.

"އެކަމަކު އަޅާނެ ފިޔަވަޅެއް، ދެން އޮންނަ ބައްދަލުވުމެއްގައި ނިންމަން ކަނޑައެޅީ. އެއީ ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ވެސް ނިންމުމަށް ފަހު،" އޭނާ ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި އެމްޑީޕީއާ މެދު ފިޔަވަޅު އަޅަނީ ސިޔާސީ ޕާޓީގެ ގާނޫނުގެ 31 ވަނަ މާއްދާ އާއި 49 ވަނަ މާއްދާގެ ދަށުންނެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 31 ވަނަ މާއްދާގައި ބުނެފައި ވަނީ، ހައި ކޯޓަށް ހުށަހަޅައިގެން ޕާޓީ އުވާލެވޭނެ ހާލަތްތަކެވެ. އޭގެއިތުރުން ދެން ހަވާލާދީފައިވާ މާއްދާގައި ވަނީ ޕާޓީ ޖޫރިމަނާ ކުރުމެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވީ، ނަޝީދަކީ ޖަލު ހުކުމެއްގައި ހުންނެވި ބޭފުޅަކަށް ވާއިރު، އެމަނިކުފާނު ބައިވެރިވެވަޑައިގެން ބާއްވާ ޕްރައިމަރީއެއް ގަވާއިދާ ޚިލާފު ވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން އަންގައި އެކަން އެގޮތަށް ނުކުރުމަށް ސިވިލް ކޯޓުން އަމުރުކޮށްފައި ވަނިކޮށެވެ. އަދި ކޯޓު އަމުރުގައި ފުލުހުންނަށް އަންގާފައިވާ ގޮތުގެ މަތިން، ޕްރައިމަރީ ހުއްޓުވަން ފުލުހުން ހަރަކާތްތެރިވި ނަމަވެސް އެމްޑީޕީން އެ އަށް ތަބާނުވެ، ޕްރައިމަރީ ކުރިއަށް ގެންގޮސް ނަތީޖާ ވެސް އިއުލާން ކުރި އެވެ.

ނަޝީދު، ޕްރައިމަރީ ކާމިޔާބު ކުރެއްވީ 43،922 ވޯޓުންނެވެ. ނަމަވެސް އެއީ ގާނޫނާ ޚިލާފަށް ބޭއްވި ޕްރައިމަރީއެއް ކަމަށް ކަނޑައަޅައި، އެ ޕްރައިމަރީ ގަބޫލު ނުކުރަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.