Roadha Mihaaru
އިންގްލެންޑް މޮޅުވިއިރު ޖަރުމަން ބަލިވެއްޖެ

އިންގްލެންޑް މޮޅުވިއިރު ޖަރުމަން ބަލިވެއްޖެ

03 ޖޫން 2018

ލަންޑަން (ޖޫން 3) - މި މަހު ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރޭ ކުޅުނު މެޗުތަކުން ނައިޖީރިއާގެ މައްޗަށް 2-1 އިން އިންގްލެންޑް ކުރި ހޯދިއިރު، ޖަރުމަން ކުޅުނު މެޗުން 2-1 އިން އޮސްޓްރީއާ އަތުން ބަލިވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ޖޫން 3) - މި މަހު ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރޭ ކުޅުނު މެޗުތަކުން ނައިޖީރިއާގެ މައްޗަށް 2-1 އިން އިންގްލެންޑް ކުރި ހޯދިއިރު، ޖަރުމަން ކުޅުނު މެޗުން 2-1 އިން އޮސްޓްރީއާ އަތުން ބަލިވެއްޖެ އެވެ.

އިންގްލެންޑްގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ހަތް ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިދިނީ ޗެލްސީގެ ޑިފެންޑަރު ގެރީ ކޭހިލް އެވެ. ކޯނަރަކުން އޭރިއާ ތެރެއަށް ހުރަސްވި ބޯޅަ ކޭހިލް ވަނީ ބޮލުން ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިފަ އެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން އިންގްލެންޑްގެ ދެ ވަނަ ލަނޑު ޖެހީ އެ ޓީމުގެ ކެޕްޓަން ހެރީ ކޭން އެވެ. ކޭން ޖެހި ބޯޅަ ގޯލަށް ވަނީ ރޭގެ މެޗުގައި ނައިޖީރިއާގެ ގޯލު ބެލެހެއްޓި ޒުވާން ގޯލްކީޕަރު ފްރާންސިސް އޮޒޯހޯ ފައިގައި ޖެހިފަ އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ދެ ވަނަ މިނިޓް ތެރޭ ނައިޖީރިއާގެ ގޯލު ކާމިޔާބުކުރީ އާސެނަލްގެ އަލެކްސް އިވޯބީ އެވެ. އޭރިއާ ތެރެއިން ނައިޖީރިއާގެ އޮޑިއޯން އިގާލޯ ފޮނުވާލި ބޯޅަ ދަނޑީގައި ޖެހިފައި ނުކުތް ވަގުތު އިވޯބީ ވަނީ ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.

މި މެޗުގައި އިންގްލެންޑަށް އިތުރު ލަނޑުތަކެއް ޖަހަން ފުރުސަތު ލިބުނު ނަމަވެސް ބޭނުންކުރެވޭ ގޮތެއްނުވި އެވެ. އެންމެ ރަނގަޅު ފުރުސަތުތަކެއް މި މެޗުގައި ބޭކާރުވީ މެންޗެސްޓާ ސިޓީގެ ވިންގް ރަހީމް ސްޓާލިން އަތުންނެވެ.

މެޗަށް ފަހު އިންގްލެންޑްގެ ކޯޗު ގަރެތު ސައުތުގޭޓް ބުނީ މި މެޗުގައި ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތު ދެވުމަކީ ލިބުނު އެންމެ ބޮޑު ހިތްހަމަ ޖެހުމެއް ކަމަށާއި ނަތީޖާއާ މެދު އޭނާ ވިސްނާނީ އެންމެ ފަހަށް ކަމަށެވެ. ސަބަބަކީ މި ވަގުތު އެންމެ މުހިއްމު ކަމަކީ ކުޅުންތެރިންގެ ފެންވަރު ވަޒަންކޮށްލުން ކަމަށެވެ.

އަނިޔާއިން ރަނގަޅުވެ އަށް މަސް ދުވަހަށް ފަހު ޖާމަނީގެ ކީޕަރު މެނުއަލް ނޯޔާ ކުޅުނު ފުރަތަމަ މެޗުގައި ރޭ އެ ޓީމު ބަލިވި ނަމަވެސް އޭނާގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިފަ އެވެ. ވޯލްޑް ކަޕަށް އޭނާ ގެންދިއުމާ މެދު މި މެޗަށް ފަހު ގޮތެއް ނިންމާނެ ކަމަށް ޖާމަނީގެ ކޯޗު ޔަކީމް ލޯ ވަނީ ބުނެފަ އެވެ.

ރޭގެ މެޗުގައި އޮސްޓްރިއާގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާނަގައި މެޗުގެ 11 ވަނަ މިނިޓްގައި ޖާމަނީ އަށް ލީޑުނަގައިދިނީ މެސުޓް އޮޒިލް އެވެ.

އޮސްޓްރިއާ އިން އެ ޓީމު ކޮޅަށް މެޗުގެ ނަތީޖާ އަނބުރާލީ ދެ ވަަނަ ހާފުގަ އެވެ. އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިން ގޯލު މެޗުގެ 53 ވަނަ މިނިޓްގައި ކާމިޔާބުކުރީ މާޓިން ހިންޓެރެގާ އެވެ. ކޯނަރަކުން އޭރިއާ ތެރެއަށް ހުރަސްވި ބޯޅަ އޭނާ ވަނީ ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިފަ އެވެ. އޮސްޓްރިއާ މޮޅުވި ލަނޑު ޖެހީ މެޗުގެ 69 ވަނަ މިނިޓްގައި އަލެސަންދްރޯ ޝޮފް އެވެ.

މިއީ އޮސްޓްރިއާ އިން 32 އަހަރު ތެރޭ ޖާމަނީގެ މައްޗަށް ހޯދި ފުރަތަމަ މޮޅެވެ. ރޭގެ މެޗުގައި ޖަރުމަނުން ވަނީ ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތު ދީފަ އެވެ.

ކޯޗު ލޯ ބުނީ އޭނާ ޝަކުވާކުރަން ބޭނުންވަނީ މެޗުން ބަލިވުމުން ނަތީޖާއާ މެދު ނޫން ކަމަށާއި ބަލިވިއިރު ކުޅުންތެރިންނަށް ރަނގަޅު ކުޅުމެއް ނުދެއްކުމުން ކަމަށެވެ.

"މިއީ އަހަރެމެން އަމިއްލަ އަށް ހެދި ގޯހެއް. ފުރަތަމަ ހާފުގައި ލަނޑު ޖަހައި މެޗުގެ ކޮންޓްރޯލް ނަގާފައި ދެ ވަނަ ހާފުގައި ނުކުމެ އަހަރެމެން ކުޅުނީ މުޅިން އެހެން ފުޓްބޯޅަ އެއް. މިއީ އަހަރެން ބޭނުންވާ ލެވެލެއް ނޫން،" ލޯ ބުންޏެވެ.

ރޭ ޕޯޗުގަލް އާއި ބެލްޖިއަމް ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.