Roadha Mihaaru
ނާރުތައް ބުރިވި ދަރިވަރު އޮޕަރޭޝަނަށް ފަހު ދޫކޮށްލައިފި

އަތުގެ ނާރުތައް ބުރިވި ދަރިވަރު އޮޕަރޭޝަނަށް ފަހު ދޫކޮށްލައިފި

04 ޖޫން 2018

ފުވައްމުލަކު ހާފިޒު އަހުމަދު ސްކޫލް، ދޮރެއްގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސް، ބިއްލޫރިގަނޑެއް ހެރި އަތުގެ ނާރުތައް ބުރިވި ކުއްޖާ އަށް ފަރުވާ ދިނުމަށް ފަހު އިއްޔެ ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ފުވައްމުލަކު ހާފިޒު އަހުމަދު ސްކޫލް، ދޮރެއްގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސް، ބިއްލޫރިގަނޑެއް ހެރި އަތުގެ ނާރުތައް ބުރިވި ކުއްޖާ އަށް ފަރުވާ ދިނުމަށް ފަހު އިއްޔެ ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.

މިހާރަށް އެނގިފައިވާ ގޮތުގައި 13 އަހަރުގެ އެ ދަރިވަރުގެ ވާތުގެ ނުވަ ނާރެއް ބުރިވެފައިވާ އިރު ކަނާތުގެ ނާރެއް ވެސް ވަނީ ބުރިވެފަ އެވެ. އޭޑީކޭ އިން ވަނީ އޮޕަރޭޝަނެއްކޮށް އެ ނާރުތައް ގުޅުވާފަ އެވެ. ނަމަވެސް އިނގިލިތައް ހަރަކާތްކޮށް ބޭނުން ކުރެވޭނެ ކަން އެނގޭނީ ހަތް މަސް ފަހުން ކަމަށް ޑޮކްޓަރުން ބުނެ އެވެ. އެ ދަރިވަރުގެ ހާލު މިހާރު ރަނގަޅެވެ.

މިދިޔަ އަންގާރަ ދުވަހު ހިނގި ހަމަނުޖެހުމުގައި ޒަހަމްވި އެ ކުއްޖާގެ އާއިލާގެ މީހަކު "މިހާރު" އަށް ބުނި ގޮތުގައި އެ ހާދިސާ ހިނގީ ކުއްޖާ ކްލާހުގައި ހުރެފައި ކުނި އަޅަން ޑަސްބިން ކައިރި އަށް ދިޔަ ތަނާ އެ ދަރިވަރު ކްލާހަށް ވަނަ ނުދޭން އެހެން ހަތަރު ކުއްޖަކު މަސައްކަތްކުރުމުގެ ތެރޭގަ އެވެ.

"ހަތަރު ކުއްޖަކު ދޮރު ކައިރީގައި ލެނގިގެން ތިބި ކަމަށް އޭނަ (ޒަހަމްވި ކުއްޖާ) ބުނީ. ދޮރު ހުޅުވަން ބުނީމަ، އެ ކުދިން އެއްވެސް ގޮތަކަށް ނުހުޅުވި،" ޒަހަމްވި ކުއްޖާގެ އާއިލާ އިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

"ކްލާހަށް ވަންނަން މަސައްކަތް ކުރަނިކޮށް، ދޮރުގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސް ކުއްޖާގެ އަތަށް ވަދެ ސީރިއަސް އަނިޔާތަކެއް ލިބުނީ،" އެ ހާދިސާ ހިނގިއިރު ކްލާހުގައި ޓީޗަރެއް ނެތުމުން، ދަރުވަރުން އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލާފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ފާޑުކިޔާފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެކަން ހިނގީ ދެ ޓީޗަރުން ބަދަލުވި ގަޑީގައި ކަމަށެވެ. މިނިސްޓްރީން ވެސް ބުނީ މިކަން ދިމާވީ ދަރިވަރު ކްލާހަށް ވަންނަން ދޮރު ހުޅުވަން މަސައްކަތްކުރުމުގެ ތެރޭގައި ކަމަށެވެ.