Roadha Mihaaru
ކޯލިޝަން ނުހެދޭ ނަމަ ސަބަބަކަށް ވާނީ އެމްޑީޕީ: އަލީ

ކޯލިޝަން ނުހެދޭނީ އެމްޑީޕީ ނަހަދަން ތިބިނަމަ، ޖޭޕީ ތައްޔާރު: އަލީ ވަހީދު

27 މެއި 2018

މި އަހަރުގެ ރިޔާސީ އިންތިޚާބަށް އިދިކޮޅު ފަރާތްތަކަށް ކޯލިޝަނެއް ނުހެދޭ ނަމަ، އޭގެ ސަބަބަކަށް ވާނީ އެމްޑީޕީ ކަމަށާއި ކޯލިޝަން ހެދުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ތައްޔާރު ކަމަށް އެ ޕާޓީއާ މިރޭ ގުޅިވަޑައިގެންނެވި އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މި އަހަރުގެ ރިޔާސީ އިންތިޚާބަށް އިދިކޮޅު ފަރާތްތަކަށް ކޯލިޝަނެއް ނުހެދޭ ނަމަ، އޭގެ ސަބަބަކަށް ވާނީ އެމްޑީޕީ ކަމަށާއި ކޯލިޝަން ހެދުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ތައްޔާރު ކަމަށް އެ ޕާޓީއާ މިރޭ ގުޅިވަޑައިގެންނެވި އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ޖަރުމަނުގެ ފްރޭންކްފަޓްގައި ޖުމްހޫރީ ޕާޓީން ބޭއްވި ޖަލްސާގައި، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވީ، ހަމަ އާއި އިންސާފުން ބަލާ ނަމަ، ކޯލިޝަން ހަދަން ޖޭޕީ ތައްޔާރު ކަމަށެވެ. އަދި ކޯލިޝަން ރޫޅާލާ ބަޔަކަށް އެ ޕާޓީ "ހަމަ ގައިމުވެސް ނުވާނެ" ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިދިކޮޅު ހަތަރު ލީޑަރުންގެ ކޯލިޝަނެއް މިހާރު ވެސް ހަދާފައިވާއިރު، އެ ބޭފުޅުންގެ މެދުގައި ފުރަތަމަ މަޝްވަރާ ކުރައްވައި، ރިޔާސީ އިންތިޚާބަށް އެއް ކެންޑިޑޭޓަކު ނެރުމުގެ ވިސްނުން ނެރެން ޖެހޭ ކަމަށެވެ. ލީޑަރުން މަޝްވަރާ ކުރެއްވުމަށް ފަހު، ކެންޑިޑޭޓަކީ ކޮންމެ ޕާޓީއެއްގެ ބޭފުޅެއް ކަމަށް ކަނޑައެޅި ނަމަވެސް އެ ބޭފުޅެއްގެ ފަހަތުގައި ޖުމްހޫރީ ޕާޓީ އޮންނާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

ޖަރުމަނުގައި ބޭއްވި ރަސްމިއްޔާތުގައި ގާސިމާއި އަލީ ވަހީދު ސަލާމް ކުރައްވަނީ.

ޖަރުމަނުގައި ބޭއްވި ރަސްމިއްޔާތުގައި ގާސިމާއި އަލީ ވަހީދު ސަލާމް ކުރައްވަނީ.

"އަނިޔާވެރިކަމާއި ބޮޑާކަމާއި ކިބުރުވެރިކަމާއި ގޮތް ދޫނުކުރުމާއި ތިމަންނާ ނޫނީ އެހެން މީހަކު ނެތް ކަމާއި އެ ގޮތުގައި ރާއްޖެ ކުރިއަށް ނުގެންދެވޭނެ. އެ ގޮތަށް އަޅުގަނޑުމެންނަށް ކޯލިޝަން ވެސް ކުރިއަށް ނުގެންދެވޭނެ،" ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އޭނާގެ ޕޮލިޓިކަލް އެޑްވައިޒަރު، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި އަލީ ވަހީދު ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަނާ ގުޅޭ ގޮތުން، އެމްޑީޕީ އަށް އަލީ ވަހީދު ބަހުގެ ހަމަލާތަކެއް ދެއްވިއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ދާދި ފަހުން ވިދާޅުވެފައިވާ ގޮތުން ނަމަ އެމްޑީޕީގެ ކެންޑިޑޭޓާ ނުލައި މި އަހަރުގެ ރިޔާސީ އިންތިޚާބު ބާއްވައިފި ނަމަ ރާއްޖޭގައި ދެ ސަރުކާރެއް އުފެދިދާނެ އެވެ.

"އެމްޑީޕީގެ މެމްބަރުން ހިޔާރުކުރާ ކެންޑިޑޭޓެއް ނުހިމަނައި ރައީސް ޔާމީން ކުރިއަށް ގެންދަވައިފި ނަމަ، ރާއްޖޭގައި ދެ ސަރުކާރު އޮންނާނެ،" ނަޝީދު ވިދާޅުވެފައި ވެ އެވެ.

އަމިއްލަ އަށް އަރުވާލެވިގެން، ގާސިމް ދިރިއުޅުއްވާ ޖަރުމަނުގައި ބޭއްވި މި ޖަލްސާގައި އަލީ ވަހީދު ވިދާޅުވި ގޮތުގައި، ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯ ގައުމީ ކޯލިޝަނަށް ހުށަހަޅާނެ އެވެ. އަދި މެނިފެސްޓޯގެ ބައިބައި ހާމަކުރަމުން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީ އާއި ނަޝީދަށް ބަހުގެ ހަމަލަތަކެއް ދެއްވައި، ނުސީދާ ގޮތެއްގައި އަލީ ވަހީދު ވިދާޅުވީ އިނގިރޭސި ވިލާތުން ހިމާޔަތް ހޯއްދެވި ފަހުން ސްކައިޕް މެދުވެރި ކުރައްވައި ހަރަކާތްތައް އޭނާ ހިންގަން ފެއްޓެވުމާ އެކު، އެކަން ބައެއް މީހުންނަށް ވީ ޖޯކަކަށް ކަމަށެވެ. އެކަން ވެގެން ދިޔައީ މަގާމުން ދުރުކުރުމަށް ދެއްކި ބަހަނާ އަކަށް ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.

ނަމަވެސް، މި އަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބާ ދިމާކޮށް، އެމްޑީޕީން ކެމްޕެއިންގެ ހަރަކާތްތައް ސްކައިޕް މެދުވެރިކޮށް ކުރިއަށް ގެންދާ ކަމީ އުފާ ކުރައްވާ ކަމެއް ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ. އަލީ ވަހީދު އެ އިޝާރާތް ކުރެއްވީ، ސްކައިޕް މެދުވެރިކޮށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަޕޯޓަރުންނާ ބައްދަލު ކުރައްވައި މިހާރު ބައްދަލުވުންތައް ބާއްވާތީ އެކަމަށެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ނުކުންނަ ކެންޑިޑޭޓަކު ކަނޑައެޅުމުގެ ޕްރައިމަރީ މި މަހުގެ 30 ގައި ބާއްވާއިރު، އެ ޕްރައިމަރީ އަށް ކުރިމަތިލެއްވި ހަމައެކަނި ބޭފުޅަކީ ނަޝީދެވެ. ނަޝީދު ގެންދަވަނީ އިންތިހާބުގައި ވާދަ ކުރެއްވޭނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެކަމަކު، ސަރުކާރާއި އިލެކްޝަންސް ކޮމިޝަނުން ތަކުރާރުކޮށް ބުނަމުން އަންނަނީ ނަޝީދަށް 13 އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްފައިވާތީ، ވެރިކަމަށް ކުރިމަތިލެއްވުމުގެ ޝަރުތު އުނިވެފައިވާ ކަމަށެވެ.