Roadha Mihaaru
ކޭޓްގެ ކުއްލި މަރުން ފެޝަންގެ ދުނިޔެ ޝޮކުގައި

ކޭޓް ސްޕޭޑްގެ ބާނީގެ ކުއްލި މަރާ އެކު ފެޝަންގެ ދުނިޔެއަށް ހިމޭންކަން

06 ޖޫން 2018

ކެލިފޯނިއާ (ޖޫން 6) - އަތްދަބަހާއި ފެޝަނުގެ ވިޔަފާރީގައި މަޝްހޫރު ބްރޭންޑު، 'ކޭޓް ސްޕޭޑް ނިއުޔޯކް' ގެ ބާނީ، ކެތަރީން ބްރޮސްނަހާންގެ ކުއްލި މަރާ އެކު ފެޝަންގެ ސިނާއަތަށް ސިހުން ގެނުވައިފި އެވެ.

އިބްރާހިމް ސަމީރު އިބްރާހިމް ސަމީރު

ކެލިފޯނިއާ (ޖޫން 6) - އަތްދަބަހާއި ފެޝަނުގެ ވިޔަފާރީގައި މަޝްހޫރު ބްރޭންޑު، 'ކޭޓް ސްޕޭޑް ނިއުޔޯކް' ގެ ބާނީ، ކެތަރީން ބްރޮސްނަހާންގެ ކުއްލި މަރާ އެކު ފެޝަންގެ ސިނާއަތަށް ސިހުން ގެނުވައިފި އެވެ.

އުމުރުން 55 އަހަރުގެ ކޭޓް މަރުވެފައި އޮއްވައި ފެނުނީ ޕާކް އެވެނިއުގައި އެ އާއިލާ ދިރިއުޅޭ ގޭގެ ނޯކަރަށެވެ. އޭރު ފިރިމީހާ، އޭންޑީ ސްޕޭޑް ވެސް ގޭގައި އުޅޭ ކަމަށް ވެއެވެ.

މި ހާދިސާގެ ތަހުގީގު މިހާރު ފަށާފައިވާއިރު، މަރުވި ސަބަބާ މެދު ފުލުހުން ރަސްމީކޮށް ވަކި އެެއްޗެއް ނުބުނެ އެވެ. ނަމަވެސް މީޑިއާތަކަށް ތިލަވެފައިވާ ގޮތުގައި ނޯކަރަށް ކޭޓް ފެނުނީ ދަންޖެހިފައި ހުއްޓަ އެވެ.

ކޭޓް އޭނާގެ 13 އަހަރުގެ ދަރިފުޅަށް ލިޔެފައިވާ ކަމަށް ބުނާ ނޯޓެއް ހާދިސާ ހިނގި ތަނުން ފުލުހުންނަށް ވަނީ ފެނިފަ އެވެ. ނަން ހާމަ ނުކުރުމަށް އެދި ބައެއް އޮފިޝަލުން މީޑިއާތަކަށް މައުލޫމާތު ދިން ގޮތުގައި އެ ނޯޓުގައި ކޭޓް މަސައްކަތްކޮށްފައި ވަނީ މަންމަގެ ކުށެއް ނެތްކަން ދަރިފުޅަށް ވިސްނައިދިނުމަށެވެ. ނަމަވެސް އެ ވާހަކަތަކުގެ ކޮޅެއް މެދެއް އަދި ވަނީ އެނގޭ ގޮތް ނުވެފައެވެ.

އެ އާއިލާއިން އިއްޔެ ނެރުނު ބަޔާނެެއްގައި ބުނީ މިވަގުތު އެންމެން ވެސް ތިބީ ފުން ހިތާމައެއްގައި ކަމަށާއި މީޑިއާތަކާއި ހިއްސާކުރާނޭ ވާހަކައެއް ނެތް ކަމަށެވެ. އަދި އެ ނިންމުމަށް އިހުތިރާމު ކުރުމަށް ވެސް މީޑިއާތަކުގެ ކިބައިން އެދިފައިވެ އެވެ.

ފެޝަން މެގަޒިން "މެޑްމޯޒެލް" ގައި އެޑިޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށްފަހު، 1993 ގައި ފިރިމީހާ އޭންޑީއާ އެކު ފަށައިގަތް އަތްދަބަހުގެ ވިޔަފާރި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވައިގައި ހިފީ ކޭޓްގެ މިންނެތް މަސައްކަތުންނެވެ.

ވިޔަފާރީގައި ކާމިޔާބު އަހަރުތަކަކަށް ފަހު 2007 ގައި ދެމަފިރިންގެ އަލަތު ވިޔަފާރި، 125 މިލިއަން ޑޮލަރަށް "ނޭމަން މާކަަސް ގުރޫޕް"ގެ އަތްމައްޗަށް ދޫކޮށްލިއެވެ. އަދި ފްރާންސިސް ވެލެންޓީންގެ ނަމުގައި އާ ބްރޭންޑެއް ތައާރަފުކޮށް ވިޔަފާރި ކުރިއެރުވުމުގެ މަސައްކަތް ފެށިއެވެ. މި ބްރޭންޑު ނިސްބަތް ވަނީ އެ ދެމަފިރިންގެ ދަރިފުޅު، ފްރާންސިސް ބީޓްރިކްސް އަށެވެ.

ކޭޓް ސްޕޭޑް ބްރޭންޑުގެ 140 އަށް ވުރެ ގިނަ ފިހާރަ އެމެރިކާގައި ހުޅުވާފައިވާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެ ބްރޭންޑުގެ 175 އަށް ވުރެ ގިނަ ވިޔަފާރި މަރުކަޒުތައް އެބަހުއްޓެވެ.

މިއީ އަމިއްލައަށް މަރުވުމުގެ ހާދިސާ އެއް ކަމަށް ބެލެވިފައި ވިޔަސް ސުވާލު އުފެދޭ ކަންތައްތަކެއް ހުރުމާ އެކު މަރުގެ ތަހުގީގު ފުރިހަމަ ކުރުމަށްޓަކައި އޮޓޮޕްސީ އަށް ބަރޯސާ ވާނޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އާއިލާ އާއި މީޑިއާ އިތުރުން ފެޝަނުގެ ދުނިޔެ ވެސް މިވަގުތު އޮތީ އެ އޮޓޮޕްސީ ނަތީޖާގެ އިންތިޒާރުގައެވެ.