Roadha Mihaaru
އަތުހަރު މަރުވެއްޖެ, ތަހުގީގަށް އޮޓޮޕްސީ ހަދަނީ

ޖަލުގައި ދަންޖެހުނު އަތުހަރު މަރުވެއްޖެ, ތަހުގީގަށް އޮޓޮޕްސީ ހަދަނީ

02 ސެޕްޓެމްބަރ 2024

މާލޭގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަޅިން ބިރު ދައްކައި އަންހެނަކު ރަހީނުކުރި މައްސަލައިގައި ފުލުހުން ހައްޔަރުކުރި އާދަމް އަތުހަރު ޖަލުގައި ދަންޖެހުމުން ހާލު ދެރަވެ ފަރުވާ ދެމުން ދަނިކޮށް މިއަދު މަރުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

މާލޭގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަޅިން ބިރު ދައްކައި އަންހެނަކު ރަހީނުކުރި މައްސަލައިގައި ފުލުހުން ހައްޔަރުކުރި އާދަމް އަތުހަރު ޖަލުގައި ދަންޖެހުމުން ހާލު ދެރަވެ ފަރުވާ ދެމުން ދަނިކޮށް މިއަދު މަރުވެއްޖެ އެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އަތުހަރަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދަނިކޮށް މިއަދު ހަވީރު 4:08 ހާއިރު މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.

ޝަރީއަތް ނިމެންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އޭނާ ދަންޖެހުނު މައްސަލާގައި ފުލުހުން ވަނީ ތަހުގީގެއް ފަށައިފަ އެވެ. މަރުވި ސަބަބު ދެނެގަތުމަށް އަތުހަރުގެ ހަށިގަނޑުގެ އޮޓޮޕްސީއެއް ހަދަން ވެސް ނިންމާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަތުހަރު ދަންޖެހުނު ހާދިސާއާ ގުޅޭ ގޮތުން ފުލުހުން މިއަދު އާންމުކުރި ޓައިމްލައިންގައިވާ ގޮތުން އޭނާ ދަންޖެހިފައި ހުއްޓާ ފެނުނީ އިއްޔެ އިރު އޮއްސި 7:02 ގަ އެވެ. ހަމަ އެ ވަގުތު ގޮޅިއަށް ވަދެ އަތުހަރު ނަގައި ބިންމަތީ ބޭއްވި ކަމަށާއި އޭގެ ތިން މިނެޓް ފަހުން ސްޓްރެޗަރުގައި އޭނާ ނެރެގެން އެއް މިނެޓް ތެރޭ ދޫނިދޫ ކްލިނިކަށް ގެންދިޔަ ކަމަށް ވެސް އެ ޓައިމްލައިނުން ދައްކަ އެވެ.

އޭގެ އަށް މިނެޓް ފަހުން 7:14 ވީއިރު އަތުހަތު ލޯންޗެއްގައި މާލެ ގެނައި ކަމަށާއި 7:17 ގައި އެމްބިއުލާންސަށް އަރުވައި 7:25 ވީއިރު އައިޖީއެމްއެޗްގެ އިމަޖެންސީއަށް ގެންދިޔަ ކަމަށް ވެސް ޓައިމްލައިންގައިވެ އެވެ.

އެހެންވެ އަތުހަރު ދަންޖެހިފައި ހުއްޓާ ފެނުމާއި އޭނާ ހޮސްޕިޓަލަށް ގެންދިއުމާ ދެމެދު ހޭދަވީ 23 މިނެޓެވެ. އެކަމަކު، ފުލުހުން އާންމުކުރި ޓައިމްލައިންގައި، އަތުހަރު އެންމެ ފަހުން ސަލާމަތުން ހުއްޓާ ފެނުނު ވަގުތެއް ބުނެފައެއް ނުވެ އެވެ.

އަތުހަރު އޭނާގެ ލޯބިވެރިޔާ ރަހީނުކުރީ އޭނާގެ ލޯބިވެރިޔާއާ އެކު އުޅޭ ގޭގެ ކުލީގެ މައްސަލައިގައި އުފެދުނު ދެބަސްވުމެއްގައި ވަޅިން ބިރު ދައްކައި ހަމަނުޖެހުން ހިންގަން ފެށުމުން އެތަނަށް ފުލުހުން ދިއުމާ އެކުގަ އެވެ. އަތުހަރުގެ ލޯބިވެރިޔާ އަކީ ޕޮލިސް ރެކްރޫޓެއް ކަމަށް ވާއިރު އޭނާ ވަނީ ފުލުހުން ދިއުމާ އެކު ލޯބިވެރިޔާގެ ކަރުގައި ވަޅި ޖައްސައި މަރުގެ އިންޒާރު ދީފަ އެވެ.

ކަރުގައި ވަޅި ޖައްސައިގެން ހުރެ ލޯބިވެރިޔާ ސައިކަލަށް އަރުވައި، އަތުހަރު އޭގެ ފަހަތުގައި އިނދެގެން ދަނިކޮށް ސަލާމަތްކުރީ ފުލުހުން އަތުހަރުގެ ބޮލުގައި މުގުރުން ޖަހައި ވައްޓާލައިގެންނެވެ. އޭނާ ޖަލަށް ގެންދިޔައީ ހައްޔަރުކުރަން އުޅުމުގެ ތެރޭގައި ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލާއި އައިޖީއެޗްގައި ފަރުވާ ދިނުމަށް ފަހުގަ އެވެ. ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި އަތުހަރުގެ ޓެސްޓުތަކުގެ ނަތީޖާއިން ސީރިއަސް މައްސަލައެއް ފާހަގައެއް ނުވެ އެވެ.