27 ޖެނުއަރީ 2020
ފުލުހުންގެ ތަހުގީގަށް ފޯނު ނުދެއްވި ކަމަށް ބުނެ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް އިއްވި ދޮޅު އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް، ހައި ކޯޓުން މިއަދު އެމަނިކުފާނު މިނިވަންކޮށްފި އެވެ.
ފުލުހުންގެ ތަހުގީގަށް ފޯނު ނުދެއްވި ކަމަށް ބުނެ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް އިއްވި ދޮޅު އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް، ހައި ކޯޓުން މިއަދު އެމަނިކުފާނު މިނިވަންކޮށްފި އެވެ.
އަބްދުﷲ ސައީދު އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ ފެބްރުއަރީ، 2018 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު އެމަނިކުފާނު ހައްޔަރުކޮށް، ފުލުހުންގެ ތަހުގީގަށް ފޯނު ދޭން އެންގުމުން ފޯނު ނުދެއްވި ކަމަށް ބުނެ އެވެ. އެމަނިކުފާނުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ވެސް އެ މައްސަލާގައި އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވާ ކަމަށް ނިންމައި، ޖަލު ހުުކުމް އިއްވި އެވެ. އެކަމަކު އެ ދެ ބޭފުޅުންގެ ހުކުމް ހައި ކޯޓުން ކުރިން އޮތީ ބާތިލްކޮށްފަ އެވެ.
އެ މައްސަލައިގެ ހުކުމް އިއްވަން މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހުސައިން މަޒީދު ވިދާޅުވީ އަބްދުﷲ ސައީދު އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމާ އެކު އެމަނިކުފާނުގެ ގާނޫނީ ވަކީލުކަމުގެ ހުއްދަ ބާތިލްކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލް ކުރަންޖެހޭ ކަމަށް އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންނަށް ވެސް އިއްތިފާގުވެވޭ ކަމަށެވެ.
ފަނޑިޔާރު މަޒީދު ވިދާޅުވީ އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާ އަބްދުﷲ ސައީދުގެ މައްޗަށް ކުރީ އެމަނިކުފާނަށް ކުރި ރިޝްވަތުގެ ތުހުމަތުތަކާ ގުޅޭ ހެކި ފޯނުގައި ހުންނާނެ ކަމަށް ބެލެވޭތީ ފޯނު ދޭން އެންގުމުން ފޯނު ނުދެއްވި ކަމަށް ބުނެ ކަމަށް ވާއިރު، އެ ފޯނުގައި ހެކި ހުރިކަން އެނގޭނެ އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައި ނެތް ކަމަށެވެ. އަދި އެއީ ކޮން ފޯނެއްކަން އެނގޭނެ ފަދައިން އެ ފޯނުގެ އެއްވެސް މައުލޫމާތެއް ހުށަހަޅާފައި ނެތް ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
ދަށު ކޯޓުގައި ހެކިބަސް ދިން ހެކިންގެ ބަހުން ހަމައެކަނި އެނގެން އޮތީ ފޯނު ވީތަނެއް އަބްދުﷲ ސައީދަށް ބުނެދެއްވިފައި ނުވާކަން އެކަނި ކަމަށާއި އަދި އެ ފޯނުގައި ހެއްކެއް ހުރި ކަމަށް ބެލެވުނީ ކީއްވެގެން ކަން ދަށު ކޯޓުން ވެސް ފާހަގަ ކޮށްފައި ނެތް ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. އެހެންވެ، ގާނޫނުލް އުގޫބާތުގެ ދަށުން އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ކުށުގައި ބަޔާންކުރާ ފަދައިން މާއްދީ ހެކި ނައްތާލީ ކަން ސާބިތުނުވާ ފަނޑިޔާރު ވިދާޅުވި އެވެ.
ފޯނަކީ ޒާތީ މުވާސަލާތު ކުރުމަށް ބޭނުންކުރާ ވަސީލަތަކަށް ވާއިރު، ޒާތީ މުވާސަލާތުތަކަކީ ހުރުމަތްތެރިވެގެންވާ އެއްޗެއް ކަން ގާނޫނުއަސާސީގައި ބަޔާން ކުރާކަން ފާހަގަ ކުރައްވައި، ފަނޑިޔާރު މަޒީދު ވިދާޅުވީ ފޯނެއް ދެވެން ނެތިގެން ނުވަތަ ގެއްލިގެން ނުވަތަ އެ ނޫން ވެސް ސަބަބަކާ ހެދި ފޯނު ނުދެވުމަކީ ގާނޫނުލް އުގޫބާތު އޮތްގޮތުން ކުށެއް ކަމަށް ނުބެލެވޭނެ ކަމަށެވެ. އަދި އެ މީހަކާ ދެކޮޅަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ހެކި ދައްކަން އެ މީހާ އަށް މަޖުބޫރު ނުކުރެވޭނެ ކަން ވެސް ފަނޑިޔާރު ފާހަގަ ކުރެއްވި އެވެ.
"މީހަކު ގެެންގުޅޭ ފޯނެއް ގެއްލިގެން ނުވަތަ ފެންނަން ނެތިގެން ނުވަތަ އެ ނޫން ވެސް ސަބަބެއް މެދުވެރިވެގެން އެ މީހަކު ގެންގުޅޭ ފޯނެއް ދެވެން ނެތުމަކީ [ގާނޫނު ނަމްބަރު] ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތުގެ 530 ވަނަ މާއްދާގެ ހ. ގެ ދެވަނަ ނަމްބަރަށް ރިއާޔަތްކޮށް ކުށެއް ކަމުގައި ބެލެވެން ނެތް." ފަނޑިޔާރު ވިދާޅުވި އެވެ.
ފަނޑިޔާރު މަޒީދު ވިދާޅުވި ގޮތުގައި އެ މައްސަލާގައި ސިއްރު ހެކިންގެ ހެކިބަސް ދަށު ކޯޓުން ނެގީ ޖިނާއީ އިޖްރާއާތުގެ ގާނޫނާ ޚިލާފަށެވެ. ޖިނާއީ އިޖްރާއާތުގެ ގާނޫނު އޮތްގޮތުން ސިއްރުން ހެކިބަސް ނެގޭނީ ހެއްކާ ބެހޭ ގާނޫނުގައި ބަޔާންކުރާ ހާލަތްތަކެއްގައި ކަމަށް ވާއިރު، މިހާރު އަމަލުކުރާ ހެއްކާ ބެހޭ ގާނޫނުގައި ސިއްރުން ހެކިބަސް ނެގުމުގެ ވާހަކައެއް ބަޔާން ކޮށްފައި ނެތްކަން ފަނޑިޔާރު ފާހަގަ ކުރެއްވި އެވެ.
"ހެކިބަސް ދޭ މީހުން ހިމާޔަތްކޮށް، ރައްކާތެރި ކުރެވޭ ގޮތަށް ހެކިބަސް ނެގުމަށް ކަނޑައަޅާފައިވާ ގޮތެއް ނުވަތަ ގޮތްތަކެއް ނެތްކަން އެ ގާނޫނަށް ބެލުމުން އެނގެން އޮންނަ ކަމަށްޓަކައި، ހެކިން ޝަރީއަތުގެ މަޖިލީހަށް ހާޒިރު ނުކޮށް، ހެކިބަސް ދެނީ ކާކުކަން ނޭނގޭ ގޮތަށް، ސިއްރު ހެކިންގެ ގޮތުގައި ތިން ހެކިންގެ ހެކިބަސް ނަގާފައިވަނީ (ގާނޫނު ނަމްބަރު) ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ 149 ވަނަ މާއްދާގައިވާ އިޖްރާއާތާ އެއްގޮތަށް ކަމުގައި ބެލެވެން ނެތް،" ފަނޑިޔާރު ވިދާޅުވި އެވެ.
މީގެ އިތުރުން ސިއްރުން ހެކިބަސް ނަގާ ހާލަތުގައި ވެސް ސިއްރު ހެކިންގެ އަދުލުވެރިކަން ކޯޓުގެ އިސް ނެގުމުގައި ކަށަވަރު ކުރަންޖެހޭ ކަމަށް ހައި ކޯޓުން ކުރިން ކަނޑައަޅާފައިވާއިރު، އަބްދުﷲ ސައީދާ ދެކޮޅަށް ހުށަހެޅި ސިއްރު ތިން ހެކިންގެ އަދުލުވެރިކަން ދަށު ކޯޓުން ކަށަވަރުކުރި ގޮތެއް އެނގެން ނެތް ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.
ފަނޑިޔާރު ވިދާޅުވީ އަބްދުﷲ ސައީދުގެ ގާނޫނީ ވަކީލު ކަމުގެ ހުއްދަ ވެސް ބާތިލް ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމުގައި ކަނޑައެޅިޔަސް، ގާނޫނުލް އުގޫބާތު ބުނާގޮތުން އިތުރު އަދަބެއްގެ ގޮތުގައި ކޯޓުން ކަނޑައަޅާ ކަމަކީ އަދަބެއްގެ ގޮތުގައި ބެލެވޭނެ ފަދަ ކަމަކަށް ވާން ޖެހޭނެ އެވެ. އެކަމަކު އެމަނިކުފާނުގެ ވަކީލުކަމުގެ ހުއްދަ ބާތިލް ކަމަށް ކަނޑައެޅި ސަބަބެއް އެ ހުކުމުން އެނގެން ނެތް ކަމަށާއި އަދި އެއީ މައްސަލާގެ ބާވަތަށް ބަލާއިރު އެއްވެސް ގުޅުމެއް ނެތް އަދި އެކަށީގެންނުވާ އަމުރެއް ކަމަށް ވެސް ފަނޑިޔާރު މަޒީދު ވިދާޅުވި އެވެ.
މީގެ އިތުރުން ދަށު ކޯޓުން ޝަރީއަތް ކުރިއަށް ގެންދިއުމުގައި ގާނޫނުއަސާސީން ތުހުމަތު ކުރެވޭ މީހުންނަށް ލިބިދޭ ހައްގުތައް އަބްދުﷲ ސައީދަށް ފޯރުކޮށްދިން ކަމަށް ނުބެލެވޭ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. އެގޮތުން ވަކީލުން މައްސަލައިން ތަނާޒުލްވުމުން އާ ވަކީލުން ހަމަޖައްސަން ވެސް ފުރުސަތު ދިނުމެއް ނެތި، ހުކުމް އިއްވާފައިވާ ކަން ފަނޑިޔާރު ފާހަގަ ކުރެއްވި އެވެ.
އެހެންވެ، ދަށު ކޯޓުގެ ހުކުމް ބާތިލްކުރަންޖެހޭ ކަމަށް އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންނަށް އިއްތިފާގުވެވޭ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
ފަނޑިޔާރު މަޒީދުގެ އިތުރުން އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު މުހައްމަދު ފައިސަލް އެވެ.
ފޯނު ނުދިން މައްސަލާގެ އިތުރުން އިތުރު ދެ މައްސަލައެއްގައި ވެސް އެމަނިކުފާނުގެ މައްޗަށް އޭރު ޖަލު ހުކުމް އިއްވި އެވެ. އެކަމަކު އެ ދެ ހުކުމް ހައި ކޯޓުން ކުރިން އޮތީ ދަމަހައްޓައިފަ އެވެ. އެހެންވެ، އެ ދެ ހުކުމް ތަންފީޒުކޮށް ނިމުމަށް ފަހު މިއަދާ ހަމައަށް އެމަނިކުފާނު ގޭ ބަންދުގައި ހުންނެވީ ފޯނު ނުދިން މައްސަލާގެ ހުކުމް ތަންފީޒު ކުރެއްވުމަށެވެ.
ޖެމްސް މައްސަލައިގެ ޖަލު ހުކުމް ސުޕްރީމް ކޯޓަށް
ޖެމްސް ހުއްޓުވި މައްސަލާގެ އިސްތިއުނާފް މާދަމާ ނިންމަނީ
ދެ ފަނޑިޔާރުންނަށް ކުރި ޖަލު ހުކުމް އިސްތިއުނާފަށް
ބަންދު އަމުރު އުއްތަމަ ފަނޑިޔާރު އިސްތިއުނާފެއް ނުކުރި
މޫސަގެ މަރު: ދައުވާ ލިބޭ މީހާ ބަންދުނުކުރީ ރަނގަޅަށް
މޫސަގެ މަރު: މީހާ ބަންދު ނުކުރާތީ ސުޕްރީމް ކޯޓަށް
މޫސަގެ މަރުގެ ދައުވާލިބޭ މީހާ ސުޕްރީމް ކޯޓުން ބަންދަށް
މައްސަލަ ލަސްވުމަކީ ބަންދުން ދޫކުރެވޭނެ ސަބަބެއް ނޫން
ނަދީމްގެ މަރު: ބަންދު ނުކުރި އަމުރު ބާތިލްކޮށްފި
ނަދީމްގެ މަރު: ބަންދުނުކުރި މައްސަލަ ހުކުމާ ހަމައަށް