Roadha Mihaaru
ސިއްރު ކުރަން އުޅެނީ އިންތިހާބުގެ ނަތީޖާ: ޝިފާޒު

ސިއްރު ކުރަން އުޅެނީ ނަތީޖާ، ކަންބޮޑުވުން އެބަހުރި: ޝިފާޒް

08 ޖޫން 2018

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ސިއްރު ކުރަން އުޅެނީ ރިޔާސީ އިންތިހާބުގެ ނަތީޖާ ކަމަށާއި އެ ކޮމިޝަނާ މެދު ހިތްހަމަނުޖެހޭ ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ސިއްރު ކުރަން އުޅެނީ ރިޔާސީ އިންތިހާބުގެ ނަތީޖާ ކަމަށާއި އެ ކޮމިޝަނާ މެދު ހިތްހަމަނުޖެހޭ ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބު، ސެޕްޓެމްބަރު 23ގައި އޮންނައިރު، މިއީ އެންމެ ބޮޑަށް ހުޅުވާލައިގެން ބާއްވާ އިންތިހާބު ކަމަށް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ރޭ ވަނީ ވިދާޅުވެފަ އެވެ. އަދި ގާނޫނީ ގޮތުން ސިއްރު ކުރަން ޖެހޭ ކަމެއް ނޫނީ އެ ކޮމިޝަނުން ސިއްރު ނުކުރާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް، ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސެއިން ވާހަކަ ދައްކަވަނީ. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް، ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސެއިން ވާހަކަ ދައްކަވަނީ. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން ޝިފާޒް ވިދާޅުވީ ދުނިޔެ އަށް ހުޅުވާލައިގެން އިންތިހާބު ބާއްވާނެ ކަމަށް ބުނި އިރު، އަންނަނީ "ހިނި" ކަމަށެވެ. އަދި އިލެކްޝަނުން ހަމައެކަނި ފޮރުވަން އޮންނާނީ ރިޔާސީ އިންތިހާބުގެ ނަތީޖާ ކަމަށް ވެސް ޝިފާޒް ވިދާޅުވި އެވެ.

"ހަމައެކަނި ސިއްރު ނުކުރަން ހިފެހެއްޓީ އިންތިހާބު ކާމިޔާބު ކުރީ އޭނައޭ. އެ ނޫން ހުރިހާ ވާހަކައެއް (ޝަރީފް) ވިދާޅުވި. އަޅުގަނޑަށް ހީވަނީ، އެހެން ވިދާޅުވާން އުޅުއްވާފައި އިހަށް މަޑުކޮށްލީހެން،" ރައީސް އަބްދުﷲ ޔާމީނަށް އިޝާރާތް ކުރައްވައި، ޝިފާޒް ވިދާޅުވި އެވެ.

އިލެކްޝަން ކޮމިޝަންގެ ރައީސް ޝަރީފް، ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސައިންއާ ސަލާމް ކުރައްވަނީ-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

އިލެކްޝަން ކޮމިޝަންގެ ރައީސް ޝަރީފް، ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސައިންއާ ސަލާމް ކުރައްވަނީ-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

ކެމްޕެއިން ކުރުމުގެ ފުރުސަތު ހުރިހާ ޕާޓީތަކަށް ދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަ ކުރިއިރު، ޕީޕީއެމް ފިޔަވައި ދެން ހުރި ޕާޓީތަކަށް ހަރަކާތްތައް ހިންގުމަށް އެއްވެސް ފުރުސަތެއް ރާއްޖޭގައި ނެތް ކަން ޝަރީފަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށް ޝިފާޒް ވިދާޅުވި އެވެ. އަދި ކެމްޕެއިން ކުރުމަށް ހުޅުވާލުމަކީ ކެމްޕެއިން ކުރެވޭނެ ގޮތަށް ޕާޓީގެ ކަންކަން ތަނަވަސްވެފައި އޮތުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއްވެސް ޕާޓީއަކަށް ބެނާއެއް ނުދެމޭ. ކުލައެއް ނުލެވޭ. ލަވައެއް ނުޖެހޭ. މީހުން އެއް ނުކުރެވޭ. ޝަރީފާއި ޝަރީފުގެ ޕީޕީއެމަށް އެކަނި، (އެކަން ކުރެވެނީ)" ޝިފާޒް ވިދާޅުވި އެވެ.

ޝިފާޒް ވިދާޅުވީ ކަންބޮޑުވާ އެތައް ކަމެއް ހުރި އިރު، ކަންބޮޑުވުމުގެ ތެރެއިން ވެސް ރިޔާސީ އިންތިހާބުގެ ކަރުދާސް ކޮޅު ރައްޔިތުންގެ އަތަށް ލިބިއްޖެނަމަ، ރައީސް ޔާމީންގެ ވެރިކަން ބަދަލު ކުރާނެ ކަމަށެވެ. އަދި ވެރިކަމަށް ގެންނާނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށާއި އެމަނިކުފާނުގެ ނަންކޮޅު ވޯޓު ކަރުދާހުގައި އޮންނަންވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބަށް ޕީޕީއެމުން ރައީސް ޔާމީން މިހާރު ވެސް ކެމްޕެއިން މަސައްކަތް ފައްޓަވާފައި ވާއިރު އިދިކޮޅު ކޯލިޝަނުން އަންނަނީ އެ ހުރިހާ ޕާޓީތަކުން އެއް ކެންޑިޑޭޓް ނެރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުންނެވެ. އަދި އިދިކޮޅު އެމްޑީޕީން ވަނީ ރިޔާސީ ޕްރައިމަރީ ބާއްވައި ރިޔާސީ ކެންޑިޑޭޓަކަށް ނަޝީދު އައްޔަން ކޮށްފަ އެވެ. އެމްޑީޕީން ބުނި ގޮތުގައި އެއްވެސް ވާދަވެރިކަމެއް ނެތި ކުރިއަށް ދިޔަ ޕްރައިމަރީގައި ނަޝީދު ވަނީ 43،000 އަށްވުރެ ގިނަ ވޯޓު ހޯއްދަވައިފަ އެވެ.

އެމްޑީޕީގެ ޕްރައިމަރީ ހުއްޓުވަން ފުލުހުން އުޅުނު ގޮތުގެ މިސާލު، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވެސް ފެނިގެންދާނެ ކަމަށް ބެލެވޭ ކަމަށް ޝިފާޒް ވިދާޅުވި އެވެ. އެކަމަކު، ދެ ފުށް ފެންނަ އިންސާފުވެރި އިންތިހާބެއް ބާއްވައިފިނަމަ، ވެރިކަމުގައި ރައީސް ޔާމީން ނުހުންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިފާޒް ވިދާޅުވީ އިންތިހާބަށް އިދިކޮޅު ފަރާތްތަކުން ނިކުންނާނީ އެންމެންނަށް އެއްބަސްވެވޭ ކެންޑިޑޭޓަކާ އެކުގައި ކަމަށެވެ. ލޯކަލް ކައުންސިލް އިންތިހާބުން އިދިކޮޅު ފަރާތްތަކަށް ލިބުނު ކާމިޔާބީން ހިތްވަރު ހޯދައި، ވަރަށް އަވަހަށް ކެމްޕެއިން ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝިފާޒް ވިދާޅުވި ގޮތުގައި، ވޯޓު ފޮށިތަކަށް ފާރަވެރިވެގެން ރައްޔިތުން ތިބެން ޖެހޭނެ އެވެ. ރައްޔިތުންގެ ލޯ މަތިން ވޯޓު ފޮށިތައް ގެއްލިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގެ ލިސްޓު އިސްލާހު ކުރާ ގޮތް ބަލަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.