Roadha Mihaaru
ކުރުދީ އަމާޒުތަކަށް ހަމަލާ ދޭން ޖެހިދާނެ: އުރްދުޣާން

އިރާގުގެ ކުރުދީ އަމާޒުތަކަށް ހަމަލާ ދޭން ޖެހިދާނެ: އުރްދުޣާން

08 ޖޫން 2018

އިރާގުގެ އުތުރަށް ބާރު ގަދަ ކޮށްގެން އުޅޭ ކުރުދީންގެ ކަންތައް މާ ބޮޑުވަންޏާ އަނެއްކާ ވެސް އިރާގުގެ އުތުރު ސަރަހައްދަށް ހަމަލާ ދޭންޖެހިދާނެ ކަމަށް ތުރުކީ ވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އިންޒާރު ކުރައްވައިފި އެވެ.

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

އިރާގުގެ އުތުރަށް ބާރު ގަދަ ކޮށްގެން އުޅޭ ކުރުދީންގެ ކަންތައް މާ ބޮޑުވަންޏާ އަނެއްކާ ވެސް އިރާގުގެ އުތުރު ސަރަހައްދަށް ހަމަލާ ދޭންޖެހިދާނެ ކަމަށް ތުރުކީ ވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އިންޒާރު ކުރައްވައިފި އެވެ.

އުރްދުޣާން ވިދާޅުވީ އިރާގުގެ ތެރޭގައި ތިއްބަސް ކުރުދީ ހަނގުރާމަވެރިންގެ ފަރާތުން ތުރުކީ ވިލާތަށް ކުޑަވެސް ނުރައްކަލެއް ފޯރަފާނެ ކަމަށް ބެލެވޭ ނަމަ، ކޮންމެ ވަގުތެއްގައި ވެސް އަސްކަރީ ހަމަލާތަކެއް ދޭން ތައްޔާރަށް ތުރުކީ ވިލާތް އޮތް ކަމަށެވެ.

އިރާގުގެ ތެރޭގައި ތިބި ކުރުދީން މައިތިރި ނުކުރެވޭނެ ކަމަށް އިރާގު ސަރުކާރުން ބުނެފި ނަމަ، އެހެން ބައެއްގެ ހުއްދައެއް ހޯދުމަކާ ނުލައި، ކުރުދީންނަށް ހަމަލާ ދޭނެ ކަމަށް ވެސް އުރްދުޣާން ވިދާޅުވި އެވެ. އަދި ތުރުކީ ސިފައިން މިހާރު ވެސް ތިބީ އެކަމަށް ތައްޔާރަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ތުރުކީ ވިލާތާއި އިރާގު ގުޅޭ ސަރަހައްދުގައި ކުރުދީންގެ ވަކި ވެރިކަމެއް ގާއިމުކުރުމަށް އުފައްދާފައިވާ ކުރުދީ ހަނގުރާމަވެރި ޖަމާއަތްތައް މިހާރު އެންމެ ބޮޑަށް ބާރު ގަދަކޮށްގެން ތިބީ އިރާގުގެ އުތުރުގައިވާ ފަރުބަދަތަކާއި ވާދީތަކުގެ ތެރޭގަ އެވެ.

ސީއެންއެން އަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި އުރްދުޣާން ތަކުރާރުކޮށް އިރާގު ސަރުކާރަށް ގޮވައިލެއްވީ އިރާގުގެ ތެރޭގައި އުޅޭ ކުރުދީ ހަނގުރާމަވެރިން މައިތިރި ކުރުމަށެވެ. އިރާގަށް އެކަން ނުކުރެވޭ ނަމަ، ކުރުދީން މައިތިރި ކުރުމަށް ތުރުކީ ސިފައިން ފަސް ނުޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ތުރުކީ ވިލާތުގެ ދާޚިލީ ވަޒީރު ސުލައިމާން ސޯޔުލޫ މިދިޔަ ހަފުތާގައި ވިދާޅުވި ގޮތުގައި އެ ގައުމުގެ ލަޝްކަރުތައް މިހާރު އޮތީ ކުރުދީންނަށް ހަމަލާ ދިނުމަށް ހުރިހާ ގޮތަކުން ތައްޔާރުވެފަ އެވެ. މިހާރު ސިފައިން މަޑުކޮށްގެން ތިބީ އެކަމުގެ ވަގުތު ޖެހެންދެނެވެ.

ސީރިޔާ އާއި އިރާގަށް އަތް ގަދަކޮށްގެން އުޅުނު އިސްލާމިކް ސްޓޭޓް (އައިއެސް) ހަނގުރާމަވެރިންނާ ދެކޮޅަށް ތުރުކީ ސިފައިން ވަނީ އެ ދެ ގައުމުގައި ހަނގުރާމަ ކޮށްފަ އެވެ. އެ ހަނގުރާމައިގެ ތެރޭގައި ކުރުދީ ހަނގުރާމަވެރިންގެ އަމާޒުތަކަށް ވެސް ތުރުކީ ވިލާތުގެ އަސްކަރީ މަތިންދާބޯޓުތައް ހަމަލާ ދީފައިވެ އެވެ.