Roadha Mihaaru
މިސައިލް ގަތުމާ ސައޫދީއަކަށް ނުބެހެވޭނެ: ގަތަރު

މިސައިލް ގަތުމާ ސައޫދީއަކަށް ނުބެހެވޭނެ: ގަތަރު

08 ޖޫން 2018

ގަތަރުގެ އަމިއްލަ ދިފާއަށް ބޭނުންވާ މިސައިލްތަކެއް ގަތުމަށް ރޫސީ ވިލާތާ އެކު ކުރަމުންދާ މަސައްކަތަށް ހުރަސްއެޅުމުގެ އެއްވެސް ހައްގެއް ސައޫދީ އަރަބިއްޔާ އަށް ނޯންނާނެ ކަމަށް، ރޫސީ ވިލާތުގައި ހުންނަވާ ގަތަރުގެ ސަފީރު ފަހްދުލް އަތިއްޔާ ވިދާޅުވެއްޖެ އެވެ.

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

ގަތަރުގެ އަމިއްލަ ދިފާއަށް ބޭނުންވާ މިސައިލްތަކެއް ގަތުމަށް ރޫސީ ވިލާތާ އެކު ކުރަމުންދާ މަސައްކަތަށް ހުރަސްއެޅުމުގެ އެއްވެސް ހައްގެއް ސައޫދީ އަރަބިއްޔާ އަށް ނޯންނާނެ ކަމަށް، ރޫސީ ވިލާތުގައި ހުންނަވާ ގަތަރުގެ ސަފީރު ފަހްދުލް އަތިއްޔާ ވިދާޅުވެއްޖެ އެވެ.

ރޫސީ ވިލާތުގެ މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވި ގޮތުގައި ގަތަރުން އަންނަނީ ރޫސީ ވިލާތާ އެކު ހުރިހާ ދާއިރާއަކުން ވެސް ރަނގަޅު ގުޅުމެއް އުފައްދަމުންނެވެ. އޭގެ ތެރޭގައި ދިފާއީ ކަންތަކާއި ގައުމީ ސަލާމަތާ ގުޅުން ހުރި ދާއިރާތައް ވެސް ހިމެނެ އެވެ.

ގަތަރު ސަފީރު މި މޭރުމުން ވާހަކަ މި ދެއްކެވީ، ރޫސީ ވިލާތުގައި އުފައްދާފައިވާ އެސް400 މަރުކާގެ މިސައިލް ނިޒާމުތަކެއް ގަތަރުން ގަންނަން އުޅޭތީ، އެކަމާ ދެކޮޅަށް ސައޫދީން އިންޒާރު ދީފައި ވަނިކޮށެވެ. ސައޫދީން ބުނެފައިވަނީ އެފަދަ މިސައިލް ނިޒާމެއް ގަތަރުން ގަނެފި ނަމަ، ގަތަރަށް ހަމަލާ ދޭނެ ކަމަށެވެ.

ސަފީރު ވިދާޅުވި ގޮތުގައި ސައޫދީގެ އިންޒާރަކީ ގަތަރާއި ރޫސީ ވިލާތުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ސައޫދީން ނުފޫޒު ފޯރުވަން މަސައްކަތް ކުރުމެވެ. އެފުރުސަތު އެއްވެސް ގައުމަކަށް ގަތަރުން ނުދޭނެ ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.

އެސް400 މަރުކާގެ މިސައިލް ނިޒާމަކީ ވަރަށް ދުރުގައިވާ އަމާޒުތަކަށް ހަމަލާ ދިނުމުގެ ގާބިލްކަން ލިބިގެންވާ ނިޒާމެކެވެ. އެއް ވަގުތާ 300 އަމާޒަށް ފާރަލުމުގެ ގާބިލްކަން މި ނިޒާމަށް ލިބިގެންވެ އެވެ. އޭގެ އިތުރުން 240-300 ކިލޯމީޓަރު ދުރުން ދަތުރުކުރާ މަތިންދާބޯޓުތަކަށް ވެސް ހަމަލާ ދިނުމުގެ ގާބިލްކަން މި މިސައިލްތަކަށް ލިބިގެންވެ އެވެ.

ރޫސީ ވިލާތުގައި އުފައްދާފައިވާ އެސް400 މަރުކާގެ މިސައިލް ނިޒާމެއް.

ރޫސީ ވިލާތުގައި އުފައްދާފައިވާ އެސް400 މަރުކާގެ މިސައިލް ނިޒާމެއް.

ރޫސީ ވިލާތުގެ އަސްކަރިއްޔާގައި 2007 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އަންނަ މި ނިޒާމުގައި ހިމެނޭ މިސައިލްތަކަކީ ހުރިހާ ބާވަތެއްގެ އަސްކަރީ މަތިންދާބޯޓަށް ހަމަލާ ދިނުމުގެ ގާބިލްކަން ލިބިގެންވާ މިސައިލްތަކެކެވެ. ނަމަވެސް މި މިސައިލް ނިޒާމުގެ އެންމެ ބޮޑު އުނިކަމަކީ ވަރަށް އުހުން ދަތުރުކުރާ އިންޓަ ކޮންޓިނެންޓަލް ބެލެސްޓިކް މިސައިލަށް ހަމަލާ ދިނުމުގެ ގާބިލްކަން ލިބިފައި ނެތުމެވެ. އެއީ އެ ބާވަތުގެ މިސައިލް ދަތުރުކުރާލެއް އުސް ކަމުންނެވެ.

ގަތަރުގެ ސަފީރު ވިދާޅުވީ، ބައިނަލްއަގުވާމީ ގާނޫނުތައް ހުއްދަ ކުރާ ކޮންމެ ވިޔަފާރިއެއް، ކޮންމެ ގައުމަކާ އެކު ވެސް ކުރުމުގެ ފުރިހަމަ ސިޔާދަތީ މިނިވަންކަން ގަތަރަށް ލިބިގެންވާ ކަމަށެވެ. އަދި މިހާރު ދުނިޔެ އޮތީ ޖަންގަލީގެ ގާނޫނުތަކުގެ ޒަމާނުގައި ނޫން ކަމަށާއި ހުރިހާ ގައުމެއް ވެސް މިހާރު އުޅެމުން ދަނީ އދ. މަޖިލީހުގެ ހިޔަލުގެ ތެރޭގައި ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.

ފަރަންސޭސި ވިލާތުގެ ނޫހެއް ކަމަށްވާ ލެ ފިގާރޯ އިން މިދިޔަ ހަފުތާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ރޫސީ ވިލާތުގެ އެސް400 މަރުކާގެ މިސައިލް ނިޒާމު ގަތަރަށް ވިއްކުން ހުއްޓުވައިދިނުމަށް އެދި ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ވަނީ އެމެރިކާ އާއި އިނގިރޭސި ވިލާތް އަދި ފަރަންސޭސި ވިލާތުގެ ވެރިންނަށް ސިޓީފުޅުތަކެއް ފޮނުއްވައިފަ އެވެ.

އެ ވިޔަފާރި ނުހުއްޓުވިއްޖެ ނަމަ، އަދި އެސް400 މަރުކާގެ މިސައިލް ނިޒާމު ގަތަރަށް ގަނެފި ނަމަ، ގަތަރާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅާނެ ކަމަށް އެ ސިޓީފުޅުތަކުގައި ސަލްމާން ރަސްގެފާނު އިންޒާރު ދެއްވާފައިވާ ކަމަށްވެ އެވެ.

ގަތަރާއި ރޫސީ ވިލާތުގެ މި ވިޔަފާރި އަށް ސައުދީން ހުރަސް އަޅާއިރު، ސައޫދީން އަރަބިއްޔާ އިން ވެސް މިދިޔަ އަހަރު ވަނީ މި ބާވަތުގެ މިސައިލްތަކެއް ގަތުމުގެ އެއްބަސްވުމެއްގައި ރޫސީ ވިލާތާ އެކު ސޮއި ކޮށްފަ އެވެ.

ހިޒްބުﷲ ޖަމާއަތާއި ހަމާސް ޖަމާއަތް އަދި އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތަށް ތާއީދު ކުރައްވާ މޭރުކަމުން ގަތަރު އަމީރު ބަޔާނެއް ދެއްވި ކަމަށް ބުނެ، ގަތަރުގެ ރަސްމީ ނިއުސް އޭޖެންސީ މިދިޔަ އަހަރުގެ ކުރީކޮޅު ފެތުރި ޚަބަރަކާ ގުޅިގެން އަރަބި-އިސްލާމީ ބައެއް ގައުމުތައް ވަނީ ގަތަރާ ގުޅުން ކަނޑާލައިފަ އެވެ. މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ގަތަރާ ގުޅުން ކަނޑައިލި ގައުމުތަކުގެ ތެރޭގައި ސައޫދީ އަރަބިއްޔާ، މިސްރު، އެމިރޭޓްސް އަދި ބަހްރައިނާއި ދިވެހިރާއްޖެ ހިމެނެ އެވެ.

ނަމަވެސް ގަތަރުން ބުނެފައިވަނީ، އެއީ ބަޔަކު މީހުން އެ ވެބްސައިޓް ހެކްކޮށްގެން ޝާއިއުކުރި ޚަބަރެއް ކަމަށާއި ގަތަރުގެ އަމީރު އެފަދަ ވާހަކަފުޅެއް ވިދާޅުނުވާ ކަމަށެވެ.

އެ މައްސަލަ އަށް ފަހު ގަތަރާއި ބައެއް އަރަބި ގައުމުތަކާ ދެމެދު ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އަދި ގަތަރުން ޓެރަރިޒަމަށް ވާގިވެރިވަނީ ކަމަށް ބުނެ، ގަތަރާ އެކު އޮތް ވިޔަފާރި އާއި ދަތުރުފަތުރުގެ ގުޅުންތައް ކަނޑާލައި ސިޔާސީ ގުޅުން ވެސް ކަނޑައިލި އެވެ.