Roadha Mihaaru
ރެޝްފޯޑާއި އެމްބާޕޭގެ އަނިޔާ ސީރިއަސް އެއް ނޫން

ރެޝްފޯޑާއި އެމްބާޕޭގެ އަނިޔާ ސީރިއަސް އެއް ނޫން

13 ޖޫން 2018

މޮސްކޯ، ރަޝިއާ (ޖޫން 13) - މި ފަހަރުގެ ވޯލްޑް ކަޕުގައި ވިދާލާނެ ކަމަށް ބެލެވިފައިވާ ޒުވާން ދެ ކުޅުންތެރިން ކަމަށްވާ ފްރާންސްގެ ކިލިއަން އެމްބާޕޭ އާއި އިންގްލެންޑުގެ މާކަސް ރެޝްފޯޑަށް ލިބިފައިވަނީ ސީރިއަސް އަނިޔާތަކެއް ނޫން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މޮސްކޯ، ރަޝިއާ (ޖޫން 13) - މި ފަހަރުގެ ވޯލްޑް ކަޕުގައި ވިދާލާނެ ކަމަށް ބެލެވިފައިވާ ޒުވާން ދެ ކުޅުންތެރިން ކަމަށްވާ ފްރާންސްގެ ކިލިއަން އެމްބާޕޭ އާއި އިންގްލެންޑުގެ މާކަސް ރެޝްފޯޑަށް ލިބިފައިވަނީ ސީރިއަސް އަނިޔާތަކެއް ނޫން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެމްބާޕޭގެ ކުޑަހުޅަށް އަނިޔާވީ ފްރާންސްގެ ފަރިތަކުރުންތަކުގެ ތެރެއިން އެ ޓީމުގެ އާދިލް ރަމީ ކުރި ފައުލަކާ ގުޅިގެންނެވެ. އަނިޔާ ލިބުމާ އެކު އެމްބާޕޭ އަށް ވަގުތުން ފްރާންސްގެ މެޑިކަލް ޓީމުން ފަރުވާދިންއިރު، މީޑިއާގައި ވަނީ އޭނާ އަށް ވޯލްޑް ކަޕްގެ މެޗުތަކެއް ގެއްލިދާނެ ކަމަށް ބުނެ ވާހަކަ ފެތުރިފަ އެވެ. އެކަމަކު ފަހުން އެމްބާޕޭ ބުނީ ލިބުނީ އެހާ ސީރިއަސް އަނިޔާއެއް ނޫން ކަމަށާއި ފުރަތަމަ މެޗު ކުރިން އޭނާ ފިޓްވާނެ ކަމަށެވެ.

ވޯލްޑް ކަޕްގައި ފްރާންސް ވާދަކުރަން ޖެހިފައިވަނީ ޕެރޫ އާއި ޑެންމާކް އަދި އޮސްޓްރޭލިއާއާ އެއް ގްރޫޕެއްގަ އެވެ. ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އަށް ކުޅޭ އުމުރުން 19 އަހަރުގެ އެމްބާޕޭ އަކީ މި ފަހަރު ފްރާންސްގެ ފުރަތަމަ އެގާރައިން ފުރުސަތު ލިބޭނެ ކުޅުންތެރިއެކެވެ.

އެމްބާޕޭ ވަނީ އޭނާގެ އަނިޔާއާ ބެހޭގޮތުން ކުރި ޓްވީޓްގައި ސަޕޯޓަރުންގެ ކިބައިން އެ ޓީމުގެ އާދިލް ރަމީއާ ދިމާ ނުކުރުމަށް އެދިފަ އެވެ.

މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭ ރެޝްފޯޑަށް އަނިޔާވީ ރަޝިއާ އަށް ފުރުމުގެ ކުރިން އިންގްލެންޑުން ބޭއްވި ފަހު ޕްރެކްޓިސްތަކުގެ ތެރެއިންނެވެ. ރެޝްފޯޑްގެ ފަަލަމަސްގަނޑަށް ލިބުނު އަނިޔާ އަކީ މި ސީޒަނުގައި އޭނާ ޔުނައިޓެޑަށް ކުޅެނިކޮށް ވެސް ލިބުނު އަނިޔާއެކެވެ.

އިނގިރޭސި މީޑީއާތަކުން ރިޕޯޓްކުރާ ގޮތުގައި ރެޝްފޯޑަށް ލިބިފައިވާ އަނިޔާ އެހާ ސީރިއަސް އެއް ނޫނެވެ. އަދި ވޯލްޑް ކަޕްގައި އިންގްލެންޑް ކުޅޭ ފުރަތަމަ މެޗަށް ރެޝްފޯޑް ފިޓްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ވޯލްްޑް ކަޕަށް ތައްޔާރުވާން އިންގްލެންޑުން ކުޅުނު ފަހު މެޗުގައި ކޮސްޓަ ރިކާ އަތުން މޮޅުވިއިރު، އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރެޝްފޯޑް އެވެ. އޭނާ މި ފަހަރުގެ ވޯލްޑް ކަޕްގައި އިންގްލެންޑުން ގިނަ ފުރުސަތުތަކެއް ދޭނެ ކުޅުންތެރިއެކެވެ. އިންގްލެންޑް ކޯޗު ގަރެތު ސައުތުގޭޓް ވަނީ ދާދި ފަހުން ރެޝްފޯޑަށް ވަރަށް ބޮޑަށް ތައުރީފްކޮށް ވާހަކަ ދައްކައިފަ އެވެ.