Roadha Mihaaru
އެމްޑީޕީގެ ދުވުން ހުއްޓުވައި، ޗެއާޕާސަން ހައްޔަރުކޮށްފި

އެމްޑީޕީގެ ދުވުން ހުއްޓުވައި، ޗެއާޕާސަން ހަސަން ލަތީފް ހައްޔަރުކޮށްފި

22 ޖޫން 2018

އެމްޑީޕީން މިއަދު ހަވީރު ބާއްވަން އުޅުނު ދުވުމަށް ފުލުހުން ހުރަސް އަޅައި، އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފާއި ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް ހައްޔަރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އެމްޑީޕީން މިއަދު ހަވީރު ބާއްވަން އުޅުނު ދުވުމަށް ފުލުހުން ހުރަސް އަޅައި، އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފާއި ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް ހައްޔަރުކޮށްފި އެވެ.

ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ހަރަކާތެއްގެ ގޮތުގައި "ޖަޒީރާ ރަން" ގެ ނަމުގައި އެ ޕާޓީން މާފަންނު އެކުވެނި ޓްރެކް ދަނޑުގައި ބޭއްވި ދުވުމުގެ ތެރެއިން ހަސަން ލަތީފާއި ނިޔާޒުގެ އިތުރުން ޒުވާނުންގެ ގޮފީގެ ރައީސް މީކާއިލް ނަސީމް ހައްޔަރުކުރީ ދުވުން ފެށި ތަނާ ހެންނެވެ. އެ ތިން ބޭފުޅުން ހައްޔަރު ކުރުމުގެ އިތުރުން އެ ދުވުމަށް ވެސް ފުލުހުން ވަނީ ހުރަސް އަޅައިފަ އެވެ.

ދުވުމުން ހައްޔަރުކުރުމާ އެކު މީކާއިލް ކުރި ޓުވީޓެއް.

އެމްޑީޕީގެ ދުވުމަކީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ހޯދަން ބާއްވަން އުޅުނު ހަރަކާތެކެވެ. އެ ހަރަކާތް ބާއްވަން އެމްޑީޕީން ތައްޔާރުވަމުން އަންނަނިކޮށް، މިއަދު މެންދުރު ފަހު 2:00 އިން އިރުއޮއްސި 6:30 އާ ހަމައަށް އެކުވެނި ޓްރެކް ދަނޑު އާއްމުންނަށް ބަންދުވާނެ ކަމަށް ޔޫތު މިނިސްޓްރީން ވަނީ އިއުލާންކޮށްފަ އެވެ. އެއީ، އެ މިނިސްޓްރީގެ ބޭނުމަކަށް ކަމަށް ވެސް އިއުލާނުގައި ވެ އެވެ.

ދުވުން ފެށުމުގެ ކުރިން ޓްރެކް ބަންދުކޮށް، އެ ސަރަހައްދުގައި ފުލުހުން ދިޔައީ ހަރަކާތްތެރިވަމުންނެވެ.

އެމްޑީޕީން މީގެކުރިން ބާއްވަން އުޅުނު ބައެއް ހަރަކާތްތަކަށް ވެސް ފުލުހުން ހުރަސް އެޅި އެވެ. ދާދިފަހުން އެ ޕާޓީން ބޭއްވި ރިޔާސީ ޕްރައިމަރީ ހުއްޓުވުން ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރުމުން ފުލުހުން ވަނީ އެ ޕްރައިމަރީ ހުއްޓުވައި، ބައެއް މީހުން ހައްޔަރުކޮށްފަ އެވެ. އެކަމަކު އެމްޑީޕީން އެ ޕްރައިމަރީ ކުރިއަށް ގެންގޮސް، ނަތީޖާ އިއުލާންކުރި އެވެ. އެ ޕްރައިމަރީގައި ހަރަކާތްތެރިވި ބައެއް ކައުންސިލަރުން ލޯކަލް ގަވަމެންޓް އޮތޯރިޓިން މިހާރު ވަނީ ސަސްޕެންޑްކޮށްފަ އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ ނަޝީދު ކަމަށް އެ ޕާޓީން ނިންމާފައިވީ ނަމަވެސް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާތީ، އެމަނިކުފާނު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝަރުތެއް އުނިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ޕާޓީ އަށް އަންގައިފަ އެވެ.