Roadha Mihaaru
ހަމަނުޖެހުން އުފައްދާކަށް ނޫޅޭ: އެމްޑީޕީ

ހަމަނުޖެހުން އުފައްދާކަށް ނޫޅޭ، ކުރަނީ ދޮގު ތުހުމަތެއް: އެމްޑީޕީ

09 މާޗް 2018

އެމްޑީޕީއަކީ ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށް ބާރު އަޅާ ޕާޓީއެއް ކަމަށާއި ހަމަނުޖެހުން އުފައްދަން އުޅޭ ކަމަށް ބުނެ އެ ޕާޓީގެ މެމްބަރުން ހައްޔަރު ކުރަމުންދަނީ ދޮގު ތުހުމަތުތަކެއްގައި ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އެމްޑީޕީއަކީ ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށް ބާރު އަޅާ ޕާޓީއެއް ކަމަށާއި ހަމަނުޖެހުން އުފައްދަން އުޅޭ ކަމަށް ބުނެ އެ ޕާޓީގެ މެމްބަރުން ހައްޔަރު ކުރަމުންދަނީ ދޮގު ތުހުމަތުތަކެއްގައި ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

ހަމަނުޖެހުން އުފައްދަން އުޅޭކަމުގެ ތުހުމަތުގައި އެމްޑީޕީގެ ބައެއް މީހުން އިއްޔެ ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރަކާއި އެ ޕާޓީގެ ކުރީގެ މަޖިލިސް މެމްބަރަކާއި އެ ޕާޓީގެ އެކްޓިވިސްޓަކު ވެސް ހިމެނެ އެވެ.

އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައިވަނީ އެ ޕާޓީން އަބަދުވެސް މަސައްކަތް ކުރަނީ ސުލްހަވެެރި ސިޔާސީ ހަރަކާތްތައް ހިންގަން ކަމަށާއި އެ ޕާޓީން ކުރާ މަސައްކަތަކީ ރާއްޖޭގެ ސިޔާސީ ނިޒާމް ހަމަ މަގަށް އެޅުވުމުގެ މަސައްކަތް ކަމަށެވެ. އަދި އެކަމަށްޓަކައި ގާނޫނު އަސާސީން ލިބިދޭ އެއްވެ އުޅުމުގެ މިނިވަންކަމާއި ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން ރައްޔިތުންނަށް ފުލުހުން ދޭންޖެހޭ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން އެ ޕާޓީ އާއި އެ ޕާޓީގެ މެމްބަރުންގެ މައްޗަށް ދޮގު ތުހުމަތުތައް ކުރަނީ ސަރުކާރުގައި ތިއްބެވި އެކި ފަރާތްތަކުން އެދޭހާ ގޮތަކަށް ކަންކަން ކުރުމަށެވެ. އެފަދަ ކަންކަމުގެ ސަބަބުން ފުލުހުންގެ މުއައްސަސާއަށް ރައްޔިތުން ކުރާ އިތުބާރު ގެއްލިފައިވާ ކަމަށާއި ހަމަނުޖެހުން އުފައްދަން އުޅުނު ކަމަށް ބުނެ އެ ޕާޓީގެ މެމްބަރުންގެ މައްޗަށް ކުރަނީ ދޮގު ތުހުމަތުތަކެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި އެމްޑީޕީން ގޮވާލާފައިވަނީ އަސާސީ ހައްގުތަކަށް ހުރަސް ނޭޅުމަށާއި ހާލަތާއި ނުބައްދަލު ބާރު ބޭނުން ނުކުރުމަށާއި އެ ޕާޓީގެ މެމްބަރުންނަށް ދޮގު ތުހުމަތު ނުކުރުމަށެވެ. އަދި ހަމަހަމަ ކަމާ އެކު އާންމުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް ވެސް އެ ބަޔާނުގައި ގޮވާލާފައިވެ އެވެ.

މިދިޔަ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ސިޔާސީ މަސްރަހު ހަލަބޮލިވުމާ އެކު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ބައެއް މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިތުރުން އެހެން ބައެއް ބޭފުޅުން ވެސް ހިމެނެ އެވެ.