Roadha Mihaaru
ރައީސް ޔާމީނަށް ކެމްޕޭނުގެ ހުރިހާ ފުރުސަތެއް!

ރައީސް ޔާމީނަށް ކެމްޕޭނުގެ ހުރިހާ ފުރުސަތެއް!

26 ޖޫން 2018

ރިޔާސީ އިންތިޚާބަށް ދެ މަހަށް ވިއިރު ވެސް ރާއްޖޭގެ ހާލަތަކީ މި އެވެ؛ ވެރިކަން ކުރާ ޕީޕީއެމުން އިމެއް ނެތި، ސިޔާސީ ހަރަކާތް ހިންގަންވީ އެވެ. ޖަލްސާތަކާއި އެއްވުންތަކާއި ސައިކަލް ބުރުތައް ބާއްވައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން ޕްރޮމޯޓް ކުރަން ކުރެވުނު ކަމެއް ކުރަންވީ އެވެ. ހުރިހާ ކަމެއް ވެސް ހުއްދަ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރިޔާސީ އިންތިޚާބަށް ދެ މަހަށް ވިއިރު ވެސް ރާއްޖޭގެ ހާލަތަކީ މި އެވެ؛ ވެރިކަން ކުރާ ޕީޕީއެމުން އިމެއް ނެތި، ސިޔާސީ ހަރަކާތް ހިންގަންވީ އެވެ. ޖަލްސާތަކާއި އެއްވުންތަކާއި ސައިކަލް ބުރުތައް ބާއްވައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން ޕްރޮމޯޓް ކުރަން ކުރެވުނު ކަމެއް ކުރަންވީ އެވެ. ހުރިހާ ކަމެއް ވެސް ހުއްދަ އެވެ.

އެއާ ޚިލާފަށް، އިދިކޮޅު ޕާޓީތަކުން ސިޔާސީ ހަރަކާތް ހިންގުން މުޅިން "މަނަލެ"ވެ. ޖަލްސާއެއް ބާއްވާކަށް ތަނެއް ނުދެ އެވެ. ސިޔާސީ އެއްވުންތައް ހުއްދައެއް ނޫނެވެ. އާއްމުންނަށް ފެންނާނެހެން، އިދިކޮޅު ސިޔާސީ ބޭފުޅެއްގެ ޕޯސްޓަރެއް ހަރުކުރުމުގެ ފުރުސަތެއް ނުދެ އެވެ. އެންމެ ކުޑަމިނުން، ސިޔާސީ ޕާޓީއަކުން، އެ ޕާޓީއެއްގެ ހަރުގޭގައި އާއްމު މެމްބަރުންނަށް ސަޔެއް ބޭއްވުން ވެސް ވަނީ ބޮޑު "ކުށަކަށެ"ވެ. ސަޔަށް ތައްޔާރުކޮށްފައި ހުންނަ ހެދިކާކޮޅު ފުލުހުން ލައްވައި، ގެންގޮސްގެން ނަމަވެސް ހުރަސްތައް ކުރިމަތި ކުރުވަ އެވެ.

ސިޔާސީ ހަރަކާތް ހިންގުމުގައި ހުރިހާ ޕާޓީތަކަށް ހަމަހަމަ ފުރުސަތު ލިބެން ޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވީ ނަމަވެސް ސަރުކާރުން އަމަލުކުރަނީ ބޭނުން ގޮތަކަށެވެ. ރިޔާސީ އިންތިޚާބުގެ ކެމްޕޭން ފަށާފައިވާއިރު ވެސް ދޫދިނުމެއް ނެތެވެ. އިދިކޮޅު ޕާޓީތަކަށް އޮތީ "ފިއްތުމެ"ވެ.

ރައީސް ޔާމީންގެ ކެމްޕޭން، ދައުލަތުގެ ޚަރަދުގައި!

އިދިކޮޅަށް ކުރިމަތި ކުރުވާފައިވާ ހުރަސްތަކާ އެކު ޕާޓީތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، ރައީސް ޔާމީންގެ ކެމްޕޭނަށް ދައުލަތުގެ މުދަލާއި ވަސީލަތްތައް ބޭނުން ކުރުމެވެ. ވެރިކަމުގައި ހުންނަވާ ބޭފުޅަކު ދެ ވަނަ ދައުރަކަށް ކުރިމަތިލައްވައި، ކެމްޕޭން ކުރައްވާއިރު އެމަނިކުފާނުގެ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެކެވެ. އެކަމަކު އެމަނިކުފާނުގެ ކެމްޕޭނަށް ދައުލަތުގެ ބަޖެޓާއި ވަސީލަތްތައް ބޭނުން ކުރުން ގާނޫނުން ހުއްދައެއް ނުކުރެ އެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް އިދިކޮޅު އެމްޑީޕީގެ ޕޯސްޓަރެއް ހަރުކުރަން އުޅުމުން ފުލުހުން ހުރަސްއަޅަނީ. --ފޮޓޯ/ސޯޝަލްމީޑިއާ

ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް އިދިކޮޅު އެމްޑީޕީގެ ޕޯސްޓަރެއް ހަރުކުރަން އުޅުމުން ފުލުހުން ހުރަސްއަޅަނީ. --ފޮޓޯ/ސޯޝަލްމީޑިއާ

ދައުލަތުގެ ޚަރަދުގައި ރައީސް ޔާމީން ކެމްޕޭން ކުރައްވާ ކަމަށް، އިދިކޮޅުގެ ފާޑުކިއުން އިތުރުވީ، ދެ ވަނަ ދައުރަކަށް ރައީސް ޔާމީން ހޮވުމަށް ޕީޕީއެމުން ކެމްޕޭން ކުރަނިކޮށް، މާލެ އަތޮޅު ތިން ރަށަކަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅުންނެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ވިދާޅުވެފައިވާ ގޮތުގައި، ރަށްރަށަށް ވަޑައިނުގަންނަވާތާ ދުވަސްތަކެއް ފަހުން، ރައީސް ޔާމީން ތުލުސްދު އާއި މާފުށީގެ އިތުރުން ގުރައިދު އަށް ވަޑައިގަތީ ރަސްމީ ދަތުރުފުޅެއްގަ އެވެ. އެމަނިކުފާނު ހޮވަން ޕީޕީއެމުން ކުރާ ކެމްޕޭނާ، އެ ދަތުރުފުޅުތަކާ އެއްވެސް ގުޅުމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަތޮޅުތަކަށް ވަޑައިނުގަންނަވާތާ ދުވަސްތަކަކަށް ފަހު، ކ. އަތޮޅުން ފެށި ދަތުރުފުޅުތަކަކީ ތަރައްގީގެ މަޝްރޫއުތަކުގެ ނިންމުން ފާހަގަކުރާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

އެކަމަކު ތިން ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވެސް މައިގަނޑު ގޮތެއްގައި ރައީސް ޔާމީން ދެއްކެވީ މުޅިން ސިޔާސީ ވާހަކަފުޅުތަކެވެ. ސަރުކާރުން ރައްޔިތުންނަށް ގެނެސްދޭ ތަރައްގީން ވާހަކަފުޅު ފެއްޓެވި ނަމަވެސް ވާހަކަފުޅުގައި މައިގަނޑު އަމާޒަކީ އިދިކޮޅު ޕާޓީތަކަށް ފާޑުވިދާޅު ވުމެވެ. އޭގެ ފަހުން ދެން ދައްކަވަނީ އެމަނިކުފާނު ދެ ވަނަ ދައުރަކަށް ހޮވަން ޖެހޭ ސަބަބުތަކެވެ. އެއާ އެކު، ދެ ވަނަ ދައުރަކަށް ހޮވިވަޑައިގެންފި ނަމަ، ރަށްރަށަށް މިވެނި ކަމެއް ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގަތެވެ. އެއަށް ފަހު، އެދިވަޑައިގަންނަވަނީ ތަރައްގީ ބޭނުން ނަމަ، އިންތިޚާބުގައި އެމަނިކުފާނަށް ވޯޓު ދިނުމަށެވެ.

އިދިކޮޅު ޕާޓީތަކުން ދެކޭ ގޮތުގައި، ރައީސް ޔާމީންގެ މުޅި ކެމްޕޭންގެ އަމާޒު ހިފާފައި ވަނީ، ދައުލަތުގެ މުދަލާއި ވަސީލަތްތައް ބޭނުންކުރުމަށެވެ. ކުރިއަށް އޮތް ތަނުގައި، އިތުރު އަތޮޅުތަކަށް ވަޑައިގަތުމަށް ނިންމާފައިވާއިރު، އެ މަންޒަރު ފެންނާނެ ކަމަށް ވެސް ޕާޓީތަކުން ދެކެ އެވެ.

އިންތިޚާބުގެ މިނިވަންކަމަށް ހުރަހެއް

ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތުގެ ގޮތުގައި އޮތް އިލެކްޝަންސް ކޮމިޝަނުން ތަކުރާރުކޮށް ބުނަމުން އަންނަ ގޮތުގައި، ސެޕްޓެމްބަރު 23 ގައި، އޮންނަ ރިޔާސީ އިންތިޚާބަކީ މިނިވަން، އިންސާފުވެރި އިންތިޚާބަކަށް ވާނެ އެވެ. އެކަމަކު، އިންތިޚާބެއް މިނިވަންވަނީ، ކަނޑައަޅާ ތާރީޚެއްގައި އިންތިޚާބު ބާއްވައި ވޯޓު ލުމުގެ ހައްގު ލިބުމުން އެކަންޏެއް ނޫނެވެ. އޭގެ ކުރިން، ހިނގާ ކަންކަމުން ވެސް އިންތިޚާބުގެ މިނިވަންކަމަށް އަސަރު ފޯރާނެ އެވެ.

އިދިކޮޅު ފަރާތްތަކުގެ މައި ހަރުގެއެއްގެ ގޮތުގައި މ. ކުނޫޒް ބޭނުންކުރިއިރު އެތަނުގައި އެސްއޯ ފުލުހުންތަކެއް މަޑުކޮށްލައިގެން: އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ހަރާކާތް ހިންގަން ސަރުކާރުން ފުރުސަތެއް ނުދޭ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އިދިކޮޅު ފަރާތްތަކުގެ މައި ހަރުގެއެއްގެ ގޮތުގައި މ. ކުނޫޒް ބޭނުންކުރިއިރު އެތަނުގައި އެސްއޯ ފުލުހުންތަކެއް މަޑުކޮށްލައިގެން: އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ހަރާކާތް ހިންގަން ސަރުކާރުން ފުރުސަތެއް ނުދޭ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ރޮޒައިނާ އާދަމް ވިދާޅުވީ ސަރުކާރުގެ ނުފޫޒު ފޯރާފައިވާ އިލެކްޝަންސް ކޮމިޝަނުން ބާއްވާ މި އިންތިޚާބު މިނިވަން ނުވާނެ ކަމަށެވެ. އޭނާގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރަން ހަމަހަމަ ފުރުސަތު ކެންޑިޑޭޓުންނަށް ނުލިބުމެވެ.

"އެއް ބަޔަކު ވަރަށް ބޮޑުކޮށް، ދައުލަތުގެ ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން މިނިވަންކަމާ އެކު ކެމްޕޭން ކުރާއިރު، އަނެއް ބަޔަކު މި ތިބީ ބިރުވެރި ކަމެއްގެ ތެރޭގައި. ޕޯސްޓަރެއް ހަރުކޮށެއް ނުލެވޭ، މީޑިއާގައި ވެސް ބޭނުން ވާހަކައެއް ނުދެއްކޭ،" ރޮޒައިނާ ވިދާޅުވި އެވެ.

"ޕާޓީތަކުގެ ކޮންގްރެސްއަކީ ބާއްވަން ގާނޫނުން ލާޒިމްކުރާ ކަމެއް. އެކަމަކު ކޮންގްރެސް ބާއްވަން ވެސް މާލެ އިން ތަންކޮޅެއް ނުދިން އެމްޑީޕީ އާއި ޖޭޕީއަކަށް ވެސް. އެކަމަކު، އިލެކްޝަންސް ކޮމިޝަނުން އަޅައެއް ނުލާ. އެހެންކަމުން މިއީ، އެ ކޮމިޝަންގެ މިނިވަންކަމާ ދޭތެރޭގައި ވެސް ސުވާލު އުފެދޭ ކަމެއް."

ރޮޒައިނާ ވިދާޅުވި ގޮތުގައި ގާނޫނީ ގޮތުން އިލެކްޝަންސްގެ މާ ބޮޑު ދައުރެއް ނެތް ކަންކަމަށް ބަސްކިޔައި، ގޮތްތައް ނިންމާއިރު، ޕާޓީތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގައި އެ ކޮމިޝަން އޮތީ ނުކުޅެދިފަ އެވެ.

ރޮޒައިނާ އެ އިޝާރާތް ކުރެއްވީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލެއްވި ހަމައެކަނި ކެންޑިޑޭޓް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފުރުސަތު ދީގެން ޕްރައިމަރީ ބާއްވާން އުޅުމުން، ކޯޓު އަމުރެއް ހޯދައިގެން ފުލުހުން ލައްވައި އެ ޕްރައިމަރީ އަށް ހުރަސްއެޅި މައްސަލަ އަށެވެ.

އިންތިޚާބުގެ ކެމްޕޭނަށް ހަމަހަމަ ފުރުސަތު ޕާޓީތަކަށް ހޯދައިދޭން، އިލެކްޝަންސުން އެފަދަ އަމުރު ހޯދައިގެން މަސައްކަތް ކުރާ ތަން ނުފެންނަ ކަަމަށް ވެސް ރޮޒައިނާ ވިދާޅުވި އެވެ.

އިންތިޚާބަކަށް ކެމްޕޭން ކުރުމަކީ މުހިއްމު ކަމެކެވެ. އެ ފުރުސަތު އިދިކޮޅު ޕާޓީތަކަށް ހަމަހަމައަށް ނުލިބޭ ނަމަ އެއީ މައްސަލައެކެވެ. ގާނޫނުގައި ބުނަނީ ސިޔާސީ ޕާޓީތަކާއި އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު އޮންނަން ޖެހޭނެ ކަމަށެވެ. އެހެންކަމުން ރައީސް ޔާމީނަށް ކެމްޕޭން ކުރެއްވޭ އުސޫލުން، އިދިކޮޅު ޕާޓީތަކަށް ވެސް އެކަން ކުރެވެން ޖެހޭނެ އެވެ.