Roadha Mihaaru
ސީރިއާގެ ނުސްރާ ފްރާންޓް އަލްގައިދާއާ ވަކިވެއްޖެ

ސީރިއާގެ ނުސްރާ ފްރާންޓް އަލްގައިދާއާ ވަކިވެއްޖެ

29 ޖުލައި 2016

ދިމިޝްގު (ޖުލައި 29) - ސީރިއާ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ ޖިހާދީ ޖަމާއަތެއް ކަމަށްވާ ޖަބްހަތު އަލް-ނުސްރާ ނުވަތަ ނުސްރާ ފްރާންޓުން އަލްގައިދާ ޖަމާއަތާ ވަކިވިކަން އިއުލާންކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ދިމިޝްގު (ޖުލައި 29) - ސީރިއާ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ ޖިހާދީ ޖަމާއަތެއް ކަމަށްވާ ޖަބްހަތު އަލް-ނުސްރާ ނުވަތަ ނުސްރާ ފްރާންޓުން އަލްގައިދާ ޖަމާއަތާ ވަކިވިކަން އިއުލާންކޮށްފި އެވެ.

ކުރިން ރެކޯޑްކޮށްފައިވާ މެސެޖެއްގައި އެ ޖަމާއަތުގެ ލީޑަރު އަބޫ މުހައްމަދު އަލް ޖުލާނީ ބުނީ އާ ޖަމާއަތުގެ ނަމަކީ ޖަބްހަތު ފާތިހު އަލް ޝާމު ކަމަށެވެ. އޭނާ ބުނީ އަލް ގައިދާ އިން ވަކިވެ އެ ޖަމާއަތުގެ ނަން ބަދަލުކުރީ ސީރިއާ އަށް ބޮން އަޅަން އެމެރިކާ އާއި ރަޝިޔާ އިން ދައްކާ ބަހަނާ ނައްތާލަން ކަމަށެވެ. އެކަމަކު އެމެރިކާ އިން ބުނީ ނުސްރާ ފްރަންޓުގެ ނަން ބަދަލު ކުރި ނަމަވެސް ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ބަލާ އެ ޖަމާއަތާ މެދު ދެކޭ ގޮތް ބަދަލު ނުކުރާނެ ކަމަށެވެ.

ވައުޓްހައުސްގެ ތަރުޖަމާން ޖޯޝް އާނެސްޓް ވިދާޅުވީ ހުޅަނގަށް ހަމަލާ ދިނުމަށް ނުސްރާ ފްރާންޓުން އުޅޭތީ އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

ނުސްރާ ފްރަންޓް ވަކިވުމުން އަލްގައިދާ އިން ވެސް ވަނީ އެ ކަމަށް ތާއީދުކޮށްފަ އެވެ. އަލްގައިދާގެ ލީޑަރުގެ ނައިބު އަހުމަދު ހަސަން އަބޫ އަލް ޚައިރު ބުނީ ސީރިއާގައި ކުރާ ޖިހާދު ހިމާޔަތް ކުރެވޭ ގޮތަށް ކުރިއަށް ދިއުމަށް ނުސްރާ ފްރަންޓަށް އަންގާފައިވާ ކަމަށެވެ. އަލްގައިދާގެ ލީޑަރު އައްޔުމަން އަލް ޒަވާހިރީ ވެސް ބުނީ ދެ ޖަމާއަތެއްގެ ގޮތުގައި އޮންނަ ގުޅުމަށް ވުރެ އިސްލާމުންގެ އެއްބައިވަންތަކަން މާ ވަރުގަދަ ކަމަށެވެ.

ސީރިއާގެ ދާޚިލީ ހަނގުރާމަ ފެށި ފަހުން ނުސްރާ ފްރަންޓް އުފެއްދީ 2012 ވަނަ އަހަރު އެވެ. މި ޖަމާއަތުން އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅުމުގެ ބަދަލުގައި އެޕްރީލް 2013 ގައި އުޅުނީ އަލްގައިދާއާ އެވެ. ނުސްރާ ފްރާންޓުގައި 5،000 އާއި 10،000 އާ ދެމެދުގެ އަދަދަކަށް ހަނގުރާމަވެރިން ތިބޭނެ ކަމަށް އޮބްޒާވަރުން ލަފާކުރެ އެވެ. ނުސްރާ ފްރަންޓުގެ ބޭނުމަކީ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރު ވައްޓާލުމެވެ.