Roadha Mihaaru
ރަނިންމޭޓަކީ އައިޝާއެއް ނޫން، އިދިކޮޅަށް ހިތްހަމަޖެހުން

ރަނިން މޭޓު ކަން އައިޝާ އަށް ނުދޭނެ ކަން ޔަގީންވެ އިދިކޮޅަށް ހިތްހަމަޖެހުން؟

08 ޖުލައި 2018

ދެ ޕާޓީން ފާޅުގައި ނުބުންޏަސް އެއް ކަމެއް ޔަގީނެވެ؛ ރިޔާސީ އިންތިޚާބަށް އިދިކޮޅުން ނެރޭ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ރަނިން މޭޓަކަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހަގު އަނބިކަނބަލުން، އައިޝަތު ނަހުލާ (އައިޝާ) ހަމަޖައްސަން އެމްޑީޕީ އާއި އަދާލަތު ޕާޓީން ދެކޮޅެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ދެ ޕާޓީން ފާޅުގައި ނުބުންޏަސް އެއް ކަމެއް ޔަގީނެވެ؛ ރިޔާސީ އިންތިޚާބަށް އިދިކޮޅުން ނެރޭ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ރަނިން މޭޓަކަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހަގު އަނބިކަނބަލުން، އައިޝަތު ނަހުލާ (އައިޝާ) ހަމަޖައްސަން އެމްޑީޕީ އާއި އަދާލަތު ޕާޓީން ދެކޮޅެވެ.

ގައުމުގެ ނައިބު ރައީސަކަށް އަންހެން ބޭފުޅަކު ހަމަޖައްސަން، އަދާލަތު ޕާޓީ އަށް ނިސްބަތްވާ އިލްމުވެރިންގެ ތާއީދެއް ނެތް ކަމަށް ބުނެ، އެ ޕާޓީގެ ވިސްނުން ނުސީދާކޮށް މިދިޔަ ހުކުރު ދުވަހުގެ ރޭ ވަނީ ހާމަކޮށްފަ އެވެ. އެމްޑީޕީން ބުނަމުން އަންނަނީ، ޖޭޕީން ދައްކާނީ "ގަބޫލުކުރެވޭ ނުވަތަ އެއްބަސްވެވޭ" ރަނިން މޭޓެއް ކަމަށް އުއްމީދުކުރާ ކަމަށެވެ. އެކަމަކު، އެއީ، ކޮން ޝަރުތުތަކެއްގެ ބޭފުޅެއް ކަން ކަމެއް މިހާތަނަށް ހާމައެއް ނުކުރެ އެވެ.

ރަނިން މޭޓު ކަމަށް ވާދަކުރައްވާނެ ކަމަށް، ވަރަށް ފަހުން ސިޔާސީ ދާއިރާ އަށް ނުކުމެވަޑައިގެންނެވި އައިޝާ ވިދާޅެއް ނުވެ އެވެ. އެކަމަކު ރަނިން މޭޓު ކަން އެންމެ ހައްގު ވަނީ އޭނާއަށް ކަމަށް ގާސިމާ ގާތް ގުޅުމެއް އޮންނަ އެ ޕާޓީގެ ރައީސް އަލީ ވަހީދު ވިދާޅުވުމާ އެކު، ޖޭޕީގެ ބައެއް ބޭފުޅުން ގެންދެވީ އައިޝާ އަށް ކެމްޕޭން ކުރައްވަމުންނެވެ. އެ ކެމްޕޭނުގެ ފޯރިގަދަވެ، އައިޝާ ރަނިން މޭޓަކަށް ހަމަޖައްސަފާނެ ކަމުގެ ބިރާ އެކު އިދިކޮޅުގައި، ރެއާ ހަމައަށް އޮތީ ނުތަނަވަސްކަމެވެ.

ސިޔާސީ ތަޖުރިބާއެއް ނެތް، އައިޝާއަކީ ރަނިން މޭޓަކަށް ގާބިލް ބޭފުޅެއް ނޫން ކަމަށް ބުނެ، ގާސިމާއި ޖުމްހޫރީ ޕާޓީ އަށް ބަހުގެ ހަމަލާތައް ބަދަލުކުރި އެވެ. އެއީ، އިިދިކޮޅުގެ ރަނިން މޭޓުގެ ގޮތުގައި ދައްކައިފި ނަމަ ކޯލިޝަން ރޫޅާލަން ޖެހޭނެ ކަމުގެ އިންޒާރު ވެސް އެމްޑީޕީގެ ސަޕޯޓަރުން ދިނެވެ. އެކަމަކު ރެއާ ހަމައިން، އެ ނުރުހުމުގެ އަޑު ފަނޑުވެ، ގާސިމަށް ޝުކުރު އަދާކުރަނީ އެވެ. ގައުމުގެ ހައްގުގައި، ގާސިމްގެ "ނިންމެވުމަށް"، މަރުހަބާ ކިޔަނީ އެވެ.

ޖޭޕީގެ ރަނިން މޭޓަކަށް ކަނޑައަޅާނެ ބޭފުޅަކާ ދޭތެރޭގައި ސުވާލު އުފައްދަމުން ދަނިކޮށް އެ ޕާޓީގެ އިސް ބައެއް ބޭފުޅުން އެކުގައި ނަގާފައިވާ ފޮޓޯއެއް.

އިދިކޮޅުގެ އެއް ބަޔަކު ބުނާ ގޮތުގައި، ރަނިން މޭޓަކަށް އައިޝާ ހަމަނުޖައްސަވާނެ ކަން ނުވަތަ އިދިކޮޅަށް ބަލައިނުގަނެވޭ ފަދަ ބޭފުޅަކު ނުދައްކަވާނެ ކަމުގެ ޔަގީންކަން ގާސިމް ދެއްވި އެވެ.

"ގޯސް ނިންމެވުމެއް، ގުޅިފައިވާ ޕާޓީތަކަށް ބަލައިނުގަނެވޭނެ ފަދަ ބޭފުޅަކު ނުދައްކަވާނެ ކަމުގެ ޔަގީންކަން ގާސިމް ދެއްވާފައި އޮތީ. ރަނިން މޭޓާ އެކު އިންތިޚާބަށް އިދިކޮޅު ނުކުންނާނީ ބަދަހިކޮށް،" އިދިކޮޅުގެ އިސް ބޭފުޅަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.

އެކަމަކު، މި ވާހަކަ، ގާސިމާއި ޖުމްހޫރީ ޕާޓީން ވެސް އަދި ޔަގީންކޮށެއް ނުދެ އެވެ.

އެ ޕާޓީގެ ނައިބު ލީޑަރު ޑރ. ހުސެއިން ރަޝީދު ހަސަން ރޭ ވިދާޅުވީ ރަނިން މޭޓު ކަނޑައެޅުމާ ގުޅޭ ގޮތުން އެ ޕާޓީން އަދި އެއްވެސް ނިންމުމެއް ނިންމައިފައި ނުވާ ކަމަށެވެ. އަންނަ އަންގާރަ ދުވަހު ރަނިން މޭޓު އިއުލާންކުރާ ގޮތަށް ހަމަޖައްސާފައިި އޮތް ނަމަވެސް ޖޭޕީން މިއަދު ބާއްވާ ކައުންސިލް ބައްދަލުވުމުގައި، ރަނިން މޭޓު ކަމަށް ކުރިމަތިލާން ހުޅުވާލާނެ އެވެ.

ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާއިދުގައި އޮންނަ ގޮތުން، ރަނިން މޭޓަކަށް ބޭފުޅަކު ކަނޑައަޅާނީ އެކަމަށް ހުޅުވާލައި، ކުރިމަތިލާ ބޭފުޅުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ. ޖޭޕީގެ ކައުންސިލްގައި 37 މެމްބަރުން ތިއްބަވާއިރު، އެ މަގާމަށް ހޮވޭނީ އެންމެ މަތިން ވޯޓު ހޯއްދަވާ ބޭފުޅެކެވެ.

އިބޫގެ ރަނިން މޭޓަކަށް ވެވަޑައިގަތުމަށް އެ ޕާޓީގެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ގިނަ ބޭފުޅުންތަކެއްގެ ޝައުގުވެރިކަން އެބަ ހުއްޓެވެ. އަދި އެ މަގާމަށް އެންމެ ކަމުދާ ބޭފުޅުންގެ ނަންތައް ވެސް ވަނީ އާއްމުވެފަ އެވެ.

އޭގެ ތެރޭގައި ގާނޫނީ ވަކީލް، ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން އާއި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމާއި ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް ޑރ. އަބްދުﷲ މައުސޫމް އާއި ޑެޕިއުޓީ ލީޑަރުންގެ ގޮތުގައި ތިއްބެވި ޑރ. ހުސެއިން ރަޝީދު ހަސަން އާއި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީން ހިމެނެ އެވެ.

މި ކެމްޕޭންގެ އެންމެ ކުރީގައި އުޅެނީ ފައިސަލް ނަސީމާއި އަލީ ހުސައިންގެ ނަމެވެ. އެހެންކަމުން، ގާސިމް ނުވަތަ ޕާޓީގެ ކައުންސިލުން އިދިކޮޅަށް ހުށަހަޅާނީ މި ދެ ބޭފުޅުންގެ ތެރެއިން އެކަކުގެ ނަމަށް ވުން އެކަށީގެންވެ އެވެ. ނުވަތަ އެހެން ބޭފުޅަކު ރަނިން މޭޓަކަށް ހަމަޖެއްސުން ވެސް އެކަށީގެންވެ އެވެ.