Roadha Mihaaru
ކޯލިޝަންގައި މިފަހަރު މައްސަލަ ނުކުތުން ކުޑަވާނެ: އިބޫ

ކޯލިޝަންގައި މި ފަހަރު މައްސަލަ ނުކުތުން ކުޑަވާނެ: އިބޫ

07 ޖުލައި 2018

މީގެ ކުރީ ފަހަރުތަކާ ޚިލާފަށް، ސަރުކާރާ ދެކޮޅަށް މިހާރުގެ އިދިކޮޅު ފަރާތްތަކުން މި އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް އެކުލަވާލާފައިވާ ކޯލިޝަންގެ މައްސަލަތައް ކުޑަވާނެ ކަމަށް، އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

މީގެ ކުރީ ފަހަރުތަކާ ޚިލާފަށް، ސަރުކާރާ ދެކޮޅަށް މިހާރުގެ އިދިކޮޅު ފަރާތްތަކުން މި އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް އެކުލަވާލާފައިވާ ކޯލިޝަންގެ މައްސަލަތައް ކުޑަވާނެ ކަމަށް، އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިރޭ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ކޯލިޝަން ގައި ހިމެނޭ އަދާލަތު ޕާޓީގެ ދައުވަތަކަށް އެ ޕާޓީގެ އިސްބޭފުޅުންނާ އެކު ބޭއްވެވި ބައްދަލުވުމަށް ފަހު، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އިބޫ ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން ބަލިކުރުމަށް މި ފަހަރު އެކުލަވާލާފައިވާ ކޯލިޝަންގެ މައްސަލަތައް ކުޑަވަނީ، އެއީ ވަރަށް ބޮޑަށް ރޭވިގެން އަދި ވަގުތު އޮއްވައި ހަދާފައިވާ ކޯލިޝަނަކަށް ވުމުން ކަމަށެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ހިންނަވަރު ދާއިރާގެ މެމްބަރު އިބޫ ވިދާޅުވި ގޮތުގައި މިދިޔަ ދެ ފަހަރު ވެސް ކޯލިޝަން ހަދާފައި ވަނީ، އެ ނޫން އެއްވެސް ގޮތެއް ނެތިގެން، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގަ އެވެ. އަދި އެކަން އެގޮތަށް ކުރިއިރު، ކޯލިޝަން ޕާޓީތަކުގެ މެދުގައި މާ ބޮޑު ގުޅުމެއް ނޯންނާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

"މި ފަހަރު އެއާ ޚިލާފަށް އަޅުގަނޑުމެން ކުރިމަތި މިލަނީ ސަރުކާރެއް ބައްޓަން ކުރާނެ ގޮތާއި އޮނިގަނޑާއި ހުރިހާ އެއްޗެއް، އެންމެން އެއް ތަނެއްގައި ތިބެ މަޝްވަރާ ކޮށް ނިންމައިގެން. ސިޔާސަތުތައް ވެސް މި ކަނޑައަޅަނީ [ރިޔާސީ އިންތިޚާބުގެ] ފުރަތަމަ ބުރުގެ ކުރިން. އެހެންވީމާ ކުރީ ފަހަރުތަކާ ޚިލާފަށް މި ފަހަރު ކޯލިޝަން އުފެދިގެން މިދަނީ ދުރާލައި ރޭވިގެން. އެހެންވީމާ ކުރިއާ ޚިލާފަށް މީގައި މި ފަހަރު މައްސަލަ ނުކުތުން ކުޑަވާނެ،" ކޯލިޝަންގެ ބައެއް ޕާޓީތަކުގެ އެކި ފެންވަރުގެ ބޭފުޅުން މިހާރު ވެސް އެކި ޕްލެޓްފޯމްތަކުގައި ބަހުގެ ހަމަލަތައް ދޭ އިރު، ކޯލިޝަން ދެމެހެއްޓިދާނެތޯ ނޫސްވެރިއަކު ސުވާލު ކުރުމުން އިބޫ ވިދާޅުވި އެވެ.

"އަޅުގަނޑަށް އުންމީދު ކުރެވޭ މި ކޯލިޝަން ދެމެހެއްޓޭނެ ކަަމަށް."

އިބޫ އެހެން ވިދާޅުވިއިރު، ބައެއް ކަންކަމުގައި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) ބައެއް އިސް ބޭފުޅުންނާއި އެކްޓިވިސްޓުންގެ ފެންވަރުގައި ދަނީ ހިޔާލު ތަފާތުވެ، ބަހުގެ ހަމަލާތައް ދެމުންނެވެ. އޭގެ ތެރޭގައި ރަނިން މޭޓެއްގެ ގޮތުގައި ޖޭޕީން ކަނޑައަޅަން ޖެހޭ ބޭފުޅަކާ މެދުގަ އާއި އެމްޑީޕީގެ މެނިފެސްޓޯ ގައި ހިމެނޭ ބައެެއް ކަންކަން ހިމެނެ އެވެ.

ޖޭޕީގެ ފައުންޑަރު ގާސިމް އިބްރާހީމް ސޮއިކުރައްވައި އާންމު ކުރެއްވި، ވައުދުތަކުގެ ތެރެއިން ގިނަ ކަންކަން ވެސް އެމްޑީޕީގެ މެނިފެސްޓޯއާ ތަފާތެވެ. އެ ކަމުގައި ވެސް ދެ ފިކުރުގެ ހިޔާލު ތަފާތުވުން އެބަހުއްޓެވެ.

އިބޫ ވިދާޅުވި ގޮތުގައި، ގާސިމް ހުށަހެޅުއްވި ކަންކަން ފުރަތަމަ ހިއްސާ ކުރެއްވީ އިދިކޮޅު ކޯލިޝަންގެ ލީޑަޝިޕްގެ ބޭފުޅުން ހިމެނޭ ވަޓްސްއެޕް ގުރޫޕްގަ އެވެ. އެހެންވެ، ގާސިމްގެ އެ ހުށަހެޅުއްވުންތައް ކޯލިޝަންގެ ޕާޓީތަކާ އެ ހިސާބުން ފެށިގެން ހިއްސާ ކުރައްވާފައިވާ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އިބޫ ވިދާޅުވި އެވެ.

އަދާލަތު ޕާޓީގެ އިސްބޭފުޅުންނާ އެކު، އިބޫ މިރޭ ބޭއްވި ބައްދަލުވުމަށް ފަހު، ނިއުސް ކޮންފަރެންސްގައި.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އަދާލަތު ޕާޓީގެ އިސްބޭފުޅުންނާ އެކު، އިބޫ މިރޭ ބޭއްވި ބައްދަލުވުމަށް ފަހު، ނިއުސް ކޮންފަރެންސްގައި.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

"ޕާޓީ [ޖޭޕީ] ގެ ފަރާތުން އަދިއެއް ރަސްމީކޮށްނެއް ހުށަހެއް ނާޅާ. އެކަމަކު، އެއާ ބެހޭ ގޮތުން އަޅުގަނޑުމެންގެ އެޑްވައިޒަރީ ކޮމެޓީގަ އާއި އެހެން ކޮމެޓީތަކުގައި މަޝްވަރާ ކުރާނަން އަޅުގަނޑުމެން. މާ ބޮޑު ހިޔާލު ތަފާތުވުން އުޅޭ ކަންތައްތަކެއް ހިމެނޭ ކަމަކަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ. އަޅުގަނޑުމެންގެ [އެމްޑީޕީގެ] މެނިފެސްޓޯ އޮތް ގޮތަށް އޭގެ ތެރޭގައި އިންކޯޕަރޭޓް ކުރެވޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" މިދިޔަ މަހުގެ 28 ގައި ބޭއްވި އެމްޑީޕީގެ އާދަޔާ ޚިލާފު ކޮންގްރެސްގައި، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް އިންތިޚާބު ކޮށްފައިވާ އިބޫގެ ފުރަތަމަ ނިއުސް ކޮންފަރެންސް ގައި ވިދާޅުވި އެވެ.

ސެޕްޓެމްބަރު 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބު 60 ޕަސެންޓުން ރައީސް އަބްދުﷲ ޔާމީން ކާމިޔާބު ކުރައްވާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެފައިވާއިރު، އަދި އެ އިންތިޚާބުގެ ފުރަތަމަ ބުރުން އެމަނިކުފާނު ކާމިޔާބު ކުރައްވާނެ ކަމަށް ޕީޕީއެމަށް ޔަގީންކަން އޮތް އިރު، އިބޫގެ ނަތީޖާ އަކީ ކޮބައިތޯ އެހުމުން ވިދާޅުވީ އެކަން އެނގޭނީ "ވޯޓުލުމުން" ކަމަށެވެ.

ނަމަވެސް، މިހާރުގެ ސިޔާސީ މަސްރަހުގައި ކަންކަން ހިނގަމުންދާ ގޮތަށް ބަލާއިރު، އިބޫ ދެކެވަޑައިގަންނަވާ ގޮތަކީ ކޮބައިތޯ އެހުމުން ވިދާޅުވީ، ރައީސް ޔާމީން ބޮޑުތަނުން ބަލިވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ މަސައްކަތް އިރާދަކުރެއްވިއްޔާ ނިންމާލާނީ، ކުރިއަށް މިއޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، ކޯލިޝަންގެ ވެރިކަމެއް ރާއްޖޭގައި ގާއިމްކޮށް، ރައްޔިތުންނަށް ހަމަޖެހި، ސުލްހަވެރިކަމާ އެކީގައި އުޅެވޭނެ މާހައުލެއް ގާއިމް ކޮށްދިނުމަށް ފަހު،" އަދާލަތު ޕާޓީގެ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި އިބޫ ވިދާޅުވި އެވެ.