Roadha Mihaaru
ރަނިންމޭޓަކަށް ވާދަކުރުމުގެ ވިސްނުމެއް ނެތް: އައިޝާ

ރަނިންމޭޓަކަށް ވާދަކުރާކަށް ނޫޅެން: އައިޝާ

12 ޖުލައި 2018

ރިޔާސީ އިންތިޚާބަށް އިދިކޮޅުން ނެރޭ ކެންޑިޑޭޓު، ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ރަނިން މޭޓަކަށް ވާދަކުރެއްވުމުގެ ވިސްނުމެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހަގު އަނބިކަނބަލުން، އައިޝަތު ނަހުލާ (އައިޝާ) މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރިޔާސީ އިންތިޚާބަށް އިދިކޮޅުން ނެރޭ ކެންޑިޑޭޓު، ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ރަނިން މޭޓަކަށް ވާދަކުރެއްވުމުގެ ވިސްނުމެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހަގު އަނބިކަނބަލުން، އައިޝަތު ނަހުލާ (އައިޝާ) މިއަދު ވިދާޅުވެއްޖެ އެވެ.

ސެޕްޓެމްބަރު 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި އިބޫއާ އެކު، ރަނިންމޭޓަކަށް އެންމެ އެކަށީގެންވާ ބޭފުޅަކީ އައިޝާ ކަމަށް ބުނެ، ބަޔަކު އޭނާ އަށް ތާއީދުކުރަން ފެށީ އިބޫގެ ރަނިންމޭޓަކަށް ހަމަޖައްސާނީ ޖުމްހޫރީ ޕާޓީން ކަނޑައަޅާ ބޭފުޅެއް ކަމަށް ނިންމުމާ އެކުގަ އެވެ.

އައިޝާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރަނިންމޭޓަކަށް ވާދަކުރުމަށް އެއްވެސް ސިފައެއްގައި ޝައުގުވެރިކަން ފާޅުކުރައްވާފައި ނުވާނެ ކަމަށެވެ. އަދި އޭނާ ދެމި ހުންނަވާނީ ރައްޔިތުންގެ ހައްގުގައި، ޖޭޕީ އާއި ގުޅިފައިވާ ޕާޓީތަކުން ކުރަމުންދާ އިސްލާހީ މަސައްކަތުގައި އެހީތެރިވުމުގައި ކަމަށް އައިޝާ ވިދާޅުވި އެވެ.

މީގެއިތުރުން ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ރިޔާސީ އިންތިޚާބުކޮށް ގައުމަށް ހަމަޖެހުން ގެނައުމަށާއި އިޖުތިމާއީ ގޮތުންނާއި ސިޔާސީ ގޮތުން އަންހެނުން ބާރުވެރިކޮށް، މުޖުތަމައުގައި އަންހެނުން ހަމަހަމަ ފުރުސަތު ހޯދައިދޭން ވަކާލާތުކުރައްވާނެ ކަމަށް ވެސް އައިޝާ ވިދާޅުވި އެވެ.

"މި ފުރުސަތުގައި ސިޔާސީ މައިދާނަށް އަޅުގަނޑު ނުތުމުގައި ހިތްވަރު ދެއްވި އެންމެހައި ފަރާތްތަކަށާއި އަޅުގަނޑަށް ތާއީދުކޮށް ހިތްވަރު ދެއްވަމުން ގެންދަވާ އެންމެހައި ފަރާތްތަކަށް ވަރަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ،" އައިޝާގެ ބަޔާނުގައި ވިދާޅުވި އެވެ.

އައިޝާ ވިދާޅުވި ގޮތުގައި އޭނާގެ ދުއާއަކީ ނުހައްގުން އަނިޔާ ލިބެމުންދާ މީހުންނާއި ބޭއިންސާފުން ޖަލަށްލާފައި ތިބި މީހުން މިނިވަންވެ، ދައުލަތުގެ މުއައްސަސާތައް ސިޔާސީ ނުފޫޒުން އެއްކިބާވެ، ގައުމަށާއި ރައްޔިތުންނަށް ހަމަޖެހުން ލިބި ދިވެހިން އެދޭ ފަދަ ވެރިކަމެއް ގާއިމުވެގެން ދިއުމެވެ.

އިބޫގެ ރަނިންމޭޓަކަށް އައިޝާ ހަމަޖައްސަން އުޅޭ ކަމަށް އަޑުފެތުރުމާ ގުޅިގެން އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީ އާއި އަދާލަތު ޕާޓީން އެކަމާ ދެކޮޅު ހެދި އެވެ. އެމްޑީޕީން ބުނަމުން އަންނަނީ، ޖޭޕީން ދައްކާނީ "ގަބޫލުކުރެވޭ ނުވަތަ އެއްބަސްވެވޭ" ރަނިން މޭޓެއް ކަމަށް އުއްމީދުކުރާ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާއިދުގައި އޮންނަ ގޮތުން، ރަނިން މޭޓަކަށް ބޭފުޅަކު ކަނޑައަޅާނީ އެކަމަށް ހުޅުވާލައި، ކުރިމަތިލާ ބޭފުޅުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ. ޖޭޕީގެ ކައުންސިލްގައި 37 މެމްބަރުން ތިއްބަވާއިރު، އެ މަގާމަށް ހޮވޭނީ އެންމެ މަތިން ވޯޓު ހޯއްދަވާ ބޭފުޅެކެވެ. ރަނިންމޭޓަކު ކަނޑައެޅުން މާދަމާ އޮންނާނެ އެވެ.