Roadha Mihaaru
އޮޅުންބޮޅުން: މި ކުރާ ކަމެއްގެ ބޭނުމަކީ ކޮބާ؟

އޮޅުންބޮޅުން: މި ކުރާ ކަމެއްގެ ބޭނުމަކީ ކޮބާ؟

18 ޖުލައި 2018

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ބައެއް އިދިކޮޅު ޕާޓީތަކުން، ނުވިސްނޭ، ވިސްނަން ވަރަށް އުނދަގޫ ކަންތައްތަކެއް ކުރި އެވެ. ސަރުކާރުގެ ބަޔާންތަކުންނާއި ބައެއް މުސްތަޤިއްލު މުއައްސަސާތަކުގެ ވާހަކަތަކުން، ރިޔާސީ ރޭހުގައި ވާދަ ކުރުމަށް ފުރުސަތު ނުލިބޭނެ ކަން ކަށަވަރު ވެފައި ތިބި ކެންޑިޑޭޓުންނަށް އެންމެ ފަހު ވަގުތާ ޖެހެންދެން ކެމްޕޭން ކުރުމުގެ ބޭނުމަކީ ކޮބައި ބާވަ އެވެ؟

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ބައެއް އިދިކޮޅު ޕާޓީތަކުން، ނުވިސްނޭ، ވިސްނަން ވަރަށް އުނދަގޫ ކަންތައްތަކެއް ކުރި އެވެ. ސަރުކާރުގެ ބަޔާންތަކުންނާއި ބައެއް މުސްތަޤިއްލު މުއައްސަސާތަކުގެ ވާހަކަތަކުން، ރިޔާސީ ރޭހުގައި ވާދަ ކުރުމަށް ފުރުސަތު ނުލިބޭނެ ކަން ކަށަވަރު ވެފައި ތިބި ކެންޑިޑޭޓުންނަށް އެންމެ ފަހު ވަގުތާ ޖެހެންދެން ކެމްޕޭން ކުރުމުގެ ބޭނުމަކީ ކޮބައި ބާވަ އެވެ؟

ޖަލު ހުކުމެއްގައި ތިބި ބަޔަކަށް އިންތިޚާބެއްގައި ވާދަކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނަށް ނުދެވޭނެ ކަން އަޅުގަނޑުމެންނެކޭ އެއް ގޮތަށް ކެމްޕޭން ކުރި ފަރާތްތަކަށް ވެސް އެނގޭނެ އެވެ. ހަމަ އެފަދަ އިން ބައިނަލްއަގުވާމީ ފަރާތްތަކުން ގަދަކަމުން ވަކި ބަޔަކު އިންތިޚާބުގައި ވާދަކުރުވުމަށް މަޖުބޫރު ނުކުރެވޭނެ ކަން ނުވަތަ މަޖުބޫރު ނުކުރުވާނެ ކަން އަޅުގަނޑުމެންނެކޭ އެއް ގޮތަށް ޕާޓީތަކަށް ވެސް އެނގޭނެ އެވެ. ބައިނަލްއަގުވާމީ ފަރާތްތަކުން ދޭ ބަހުގެ އިންޒާރަކުން ނުވަތަ ބިރު ދެއްކުމަކުން މިހާރު މި އޮތް ވެރިކަން ގުޑާ ނުލާނެކަން ރާއްޖޭގެ ސިޔާސަތު ދިރާސާ ކުރާ ކޮންމެ މީހަކަށް ވެސް އެނގޭނެ އެވެ. އެ ފަރާތްތަކަށް ސަރުކާރުން ދޭ ތައްޔާރީ ޖަވާބެއް އޮވެ އެވެ. މުސްތަޤިއްލު މުއައްސަސާތަކުން ކުރަމުން ގެންދާ އެއްވެސް ކަމަކާ ސަރުކާރުން ނުބެހޭ ކަމެވެ. ރާއްޖެ އަކީ ތިން ބާރު ވަކިކުރެވިފައި އޮތް ގައުމަކަށް ވުމާ އެކު ޝަރީޢަތުން ނިންމާ ނިންމުންތަކަށް އެއްވެސް މިންވަރަކަށް ސަރުކާރުން ބާރު ނުފޯރުވޭ ކަމެވެ. އެފަދަ ނިންމުންތަކަށް ބަދަލެއް ގެނެވޭ ނަމަ އެ ބަދަލެއް ގެނެވެން ޖެހޭނީ ޝަރީޢަތުގެ މަރުޙަލާތަކުގައި އޮންނަ ގަވައިދެއްގެ ތެރެއިން ޝަރީޢަތުން ކަމަށެވެ.

ޤަބޫލު ކުރަމެވެ. މިއީ ކަން އޮންނަން ވާނެ ގޮތެވެ. ސަރުކާރުން މުސްތަޤިިއްލު މުއައްސަސާތަކުގައި ހިނގާ ކަންތައްތަކާ އެއް ގޮތަކަށް ވެސް ނުބެހޭކަން އަޅުގަނޑުމެންނެކޭ އެއްގޮތަށް ބޭރުގެ ފަރާތްކަތަކަށް ވެސް ކަށަވަރުވެ އެވެ. ޚާއްޞަކޮށް، ކޯޓުތަކުގައި ހިނގާ ސިޔާސީ ބޭފުޅުންގެ މައްސަލަތަކާ އެވެ. ރައްޔިތުންގެ މަޖިލީހުގައި ޚާއްޞަ ބޭފުޅުންކޮޅެއް، ޚާއްޞަ "ޒަރޫރީ ޙާލަތެއް" އުފަން ކުރައްވައިގެން، ޒަރޫރީ ކޯރަމެއް ހައްދަވައިގެން މި ނިންމަވާ ޒަރޫރީ މައްސަލަތަކަކީ ވެސް ސަރުކާރުގެ ބޭނުމަށް ކުރާ ކަމަކާ ވަރަށް ނުވައްތަރު ކަމެކެވެ. ޤާނޫނުގައި ވަކި ގޮތަކަށް ކަންތައް ކުރަން އޮއްވައި އެ ކަމުން އެކަހެރި ވުމަށް ސަރުކާރުން ޒަރޫރީ ޙާލަތެއް އުފައްދައިގެން އިންތިޚާބުގެ ދުވަސް ވަރުގަައި ޤާނޫނުތައް އިޞްލާޙް ކުރާނެތޯ އެވެ؟ ނުކުރާނެ އެވެ! ޕީޕީއެމްގެ ސަރުކާރަކުންނެެއް ނުކުރާނެ އެވެ!

ޝަރުޢީ ޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ، ބޭރުގެ ގައުމެއްގެ ސިޔާސީ ޙިމާޔަތް ހޯއްދަވައިގެން ރާއްޖޭން ބޭރުގައި ހުންނެވި، އެ ޕާޓީގެ ލީޑަރަކީ ރިޔާސީ ކެންޑިޑޭޓް ކަމުގައި، ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީން ނިންމި އެވެ. ކަމާ ބެހޭ ފަރާތުގެ އެންގުމާ ޚިލާފަށެވެ. އަދި "ޖަޒީރާ ރާއްޖޭ" ގެ ނަމުގައި ލީޑަރުގެ ޣައިރު ޙާޒިރުގައި ރިޔާސީ ކެމްޕޭނެއް ފެށި އެވެ. ރައްޔިތުންނަށް މެސެޖް ފޯރުކޮށް ދެއްވީ އެންމެ ޒަމާނީ މުވާޞަލާތީ ޚިދުމަތް ބޭނުން ކުރައްވައިގެންނެވެ. މި ހުރިހާ ކަމެއް ކުރެވުނު އިރު ވެސް ކެންޑިޑޭޓުގެ ނަން ރަޖިސްޓަރީ ކުރާ ހިސާބަށް ދިއުމުން އެ ފަރާތުން އެކަން ނުކޮށްދޭނެ ކަން އެންމެނަށް ވެސް އެނގެ އެވެ. ޝަރުޢީ ޙުކުމެއް ތަންފީޒު ކުރަމުން ދާތީވެ އެވެ. އެ ޙުކުމް އައިސްފައި އޮތް ގޮތާ މެދު ކަމާ ބެހޭ މުއައްސަސާ އިން ވިސްނުމުގެ ޖާގައެއް ވެސް ނުއޮންނާނެ އެވެ.

އިދިކޮޅު އެންމެ ބޮޑު ޕާޓީން މި ހުރިހާ މަސައްކަތެއް މި ބޮޑު ޚަރަދު ކޮށްގެން ކުރި އިރު ވެސް މި މަސައްކަތުގެ އެންމެ ފަހު ނަތީޖާ ރަނގަޅަށް އެނގޭނެ އެވެ. ޕާޓީން ހޮވި ކެންޑިޑޭޓަށް އިންތިޚާބުގައި ބައިވެރި ވުމުގެ ފުރުޞަތު ނުލިބޭނެ ކަމެވެ. މި ބޭކާރު މަސައްކަތާއި ޚަރަދުގެ ބޭނުމަކީ ކޮބައި ބާވަ އެވެ؟ އަޅުގަނޑަށް ސާފުވީ އެންމެ އެއްޗެކެވެ. އިދިކޮޅު އެންމެ ބޮޑު ޕާޓީގެ "ރާޖާ" އަކީ ކާކު ކަމެވެ. "ރާޖާ" އެއް ވެސް ނޫނެވެ. "މަހާ ރާޖާ" އެވެ.

ޕާޓީން ހޮވި ކެންޑިޑޭޓަށް "ޓިކެޓް" ނުލިބޭނެ ކަން އިޢްލާނު ކުރުން ކައިރިވާތީވެ، ފެހި ސިގްނަލް ހޯދުމަށް، އާ ކެންޑިޑޭޓަކު ޢައްޔަނު ކުރި އެވެ. އަޅުގަނޑުމެންގެ މަޖިލީހުން ހަދާ ގޮތަށް ރަސްމީ ގޮތުން ޤާނޫނީ ތައްގަނޑު ޖަހަން ޕާޓީގެ ކަމާ ބެހޭ ގުނަވަނަށް ފޮނުވުނެވެ. ބޭނުންވި ގޮތަށް، އެ ގުނަވަނުން ތައްގަނޑު ޖެހި އެވެ. ކަންތައް ހިނގާފައި އޮތް ގޮތަށް ބަލާއިރު އެ ކެންޑިޑޭޓަކީ ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ހޮވި ކެންޑިޑޭޓެއް ނޫނެވެ. އެންމެ ބޮޑު އިދިކޮޅު ޕާޓީން ޢައްޔަން ކުރި ފަހުން، ޕާޓީގެ އެންމެ އިސް ގުނަވަނުން ރުހުން ދިން ކެންޑިޑޭޓެވެ. އެހެން ޕާޓީތަކުން ފަހުން އޭނާ އަށް ރުހުން ދިނީ އެވެ. ޕާޓީއަކުން އިންތިޚާބަކުން މީހަކު ހޮވުމާއި ރުހުން ދިނުމާ ވަރަށް ތަފާތެވެ. ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގައި، ރިޔާސީ ކެންޑިޑޭޓަކު ހޮވުމަށް އިންތިޚާބެއް ބޭއްވުނަސް، ހުރިހާ ޕާޓީތަކުން ވެސް މިހާރު ރުހުން ދީފައިވާ ކެންޑިޑޭޓު ހޮވުމަކީ ކައިރި ކަމެކެވެ. އޭނާ ފިޔަވައި، އެއްވެސް ޕާޓީއަކުން، ނުތެމި ހުރި ކެންޑިޑޭޓެއް އިންތިޚާބުގައި ވާދަކުރުމަށް ނުނެރެވޭނެތީ ވެ އެވެ. ރާއްޖޭގެ ސިޔާސީ މަސްރަޙު، މިި ދުވަސްކޮޅުގައި އޮތް ގޮތުން، އޭނާ އަށް ވުރެ "ތާހިރު" އަޚްލާޤީ ގޮތުން ރަނގަޅު ކެންޑިޑޭޓެއް އަދި ފެންނާން ނެތުމުންނެވެ. ފޮތުގެ ބޭރުގަނޑުން އެތެރޭގައި ހުރި އެއްޗެއްސެއް ނޭނގޭނެ އެވެ. "ނުމޮށޭ ގުރާ ބާރަށް ދައިގަންނާނެ" ކަން ވެސް ހަނދުމަފުޅު ބަހައްޓަވާށެވެ. ބާރަކީ އަފިހުން ކަހަލަ އެއްޗެކެވެ. ރަހަ ދިނުމުން ގިނައިން ކާން ބޭނުން ވެ އެވެ. ބާރު ލިބުމަށް ފަހު ވަކި މީހަކު ބުނާ ގޮތަށް ކަންތައް ކުރާނެ ކަމަށް ހީފުޅު ވެސް ނުކުރައްވާށެވެ. އެންމެ ފަހުގެ މިސާލަކީ މިހާރު ރާއްޖޭގައި ވެރިކަން ކުރާ ޕާޓީ އެވެ.

އެމެރިކާގައި ހަދާ ގޮތަށް ރިޔާސީ އަމުރު ނެރެގެން ވެސް ވަރަށް ގިނަ ކަންތަކުގައި ދުވެލި މަޑުކުރެވިދާނެ އެވެ. ވެރިކަން ބަދަލުވެއްޖެ ނަމަ އެންމެ ބުރަ މަސައްކަތެއް ކުރަން ޖެހޭނީ އާ ރައީސްގެ ގާނޫނީ ޓީމަށެވެ.

އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވައިލުމަކީ ރަނގަޅު ޚިޔާލެކެވެ. ކިހާ ދުވަހަކު ދެމި އޮންނާނެ ބާވަ އެވެ؟ ސަތޭކަ ދުވަސް؟ އަޅުގަނޑުމެންގެ ސިޔާސީ ކަންތަކުގައި އުޅޭ ގިނަ މީހުންނަކީ ފުރަތަމަ، އަމިއްލަ އެދުން އިސްކޮށްގެން އުޅޭ ބައެކެވެ. މިހެން ވުމާ އެކު އެއްބައިވަންތަކަމުގެ ސަރުކާރުން މުހުތާދުގެ ކޯރުން ދޫކުރާ އެއްޗެތީގެ މިންވަރަށް އެއްބައިވަންތަކަމުގެ ސަރުކާރުގެ އުމުރު ބަރޯސާ ވާން މަޖުބޫރު ވާނެ އެވެ. ދޮޅު އަހަރު ދުވަހުގެ އެއްބައިވަންތަކަމުގެ ސަރުކާރުން ކުރާނީ ކީއްތޯ އެވެ؟ ރައީސުލްޖުމްހޫރިއްޔާގެ މަޤާމް އިދިކޮޅު ޕާޓީތަކަށް ދިޔަ ކަމުގައި ވިޔަސް އެއް އަހަރު ދުވަސް ވާންދެން ރައްޔިތުންގެ މަޖިލީހުގައި އޮންނާނީ މިހާރު ވެރިކަން ކުރާ ޕާޓީ އަށް ތާއީދު ކުރާ މެމްބަރުންގެ އަޣްލަބިއްޔަތެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އިންނަވާނީ އިދިކޮޅު ޕާޓީތަކުގެ އިތުބާރު ނެތް ކަމަށް ވިދާޅުވަމުން ގެންދަވާ ރައީސެކެވެ. އާ ސަރުކާރުން މައްސަލައެއް ހުށައެޅުމުން ފާސް ވާނެތޯ އެވެ؟ އެއްބަސްވަމެވެ. ދެ ޕާޓީގައި ވެސް ވަރަށް ލަދުރަކި މެމްބަރުން އެބަ ތިއްބެވި އެވެ. ކަމެއް ފާސްކުރެވެނީ ވޯޓަކުންނެވެ. ވޯޓަކަށް އެހޭނެތޯ އެވެ؟ ވޯޓަކަށް އަހާނެތޯ އެވެ؟ ވޯޓަކަށް އެހިދާނެ މާޙައުލެއް މަޖިލީހުގައި ގާއިމް ކުރެވިދާނެތޯ އެވެ؟ މާޒީގެ ތަޖުރިބާތަކަށް ބަލާއިރު ދެންނެވޭނީ ނޫނެކެވެ. މަޖިލީހަށް މެންބަރުން ވަޑައިގަންނަވާނެ އެވެ. މަޖިލީހުގެ ޓީވީ ޑްރާމާ ސިލްސިލާ އަށް އެ ބޭފުޅުން ބައިގަޑިއެއް ހާއިރު އެކްޓު ކުރައްވާނެ އެވެ. އެ އަށް ފަހު އަޅުގަނޑުމެން ޓެކްސްގެ ގޮތުގައި ދައްކާ ފައިސާގައި، ހިލޭ، ސައިފޮދު ހިއްޕަވައިގެން ވަޑައިގަންނަވާނީ ގެ އަށެވެ. ޖަލްސާ އޮންނަ ކޮންމެ ދުވަހަކު އޮންނާނީ މި ތަމްސީލެވެ. އެހެން ނަމަވެސް މުސާރަ އާއި ޢިނާޔަތުގެ މީޓަރު ހުންނާނީ ކަނޑާފަ އެވެ. މީޓަރު ބަރާބަރަށް ހިނގަމުން ދާނެ އެވެ.

މަޖިލީހަށް އާ މެމްބަރުން ހޮވޭއިރު އެއްކަލަ ދޮޅު އަހަރު ދުވަހުގެ މުއްދަތުގެ ތެރެއިން އޮންނާނީ ހަ މަސް ދުވަހެވެ. އަލަށް ހޮވޭ މެމްބަރުންގެ އަޣްލަބިއްޔަތު އޮންނާނެ ގޮތެއް ވެސް ނޭނގެ އެވެ. މިހާރު ވެރިކަން ކުރާ ޕާޓީ އަށް އޮތް ފަދަ އަޣްލަބިއްޔަތެއް ނުލިބޭ ކަމުގައި ވާނަމަ މަޖިލީހުގައި ބޭނުން ގޮތަކަށް ކަންތައް ކުރަން އުނދަގޫ ވާނެ އެވެ. އަލަށް ވެރިކަމަށް އަންނަ ރައީސަކު އެންމެ ފުރަތަމަ ވެސް ކުރައްވަން ޖެހޭނެ ކަމަކީ މިހާރު ފާސްކޮށްފައިވާ ބައެއް ބިރުވެރި ޤާނޫނުތައް ބަދަލު ކުރުމެވެ. މިސާލަކަށް ދަންނަވާ ނަމަ ބިދޭސީންނަށް ބިން ވިއްކުމުގެ ޤާނޫނާއި ޓެރަރިޒަމްގެ ޤާނޫނު ފަދަ ޤާނޫނެވެ. މަޖިލީހުގެ އަޣްލަބިއްޔަތު ނެތި އެ ކަމެއް ނުކުރެވޭނެ އެވެ. އެހެން ނަމަވެސް އެމެރިކާގައި ހަދާ ގޮތަށް ރިޔާސީ އަމުރު ނެރެގެން ވެސް ވަރަށް ގިނަ ކަންތަކުގައި ދުވެލި މަޑުކުރެވިދާނެ އެވެ. ވެރިކަން ބަދަލުވެއްޖެ ނަމަ އެންމެ ބުރަ މަސައްކަތެއް ކުރަން ޖެހޭނީ އާ ރައީސްގެ ގާނޫނީ ޓީމަށެވެ.

ވެރިކަން ބަދަލު ކުރާނެ ވާހަކަ ދެއްކުމަކީ ފަސޭހަ ކަމެކެވެ. ވެރިކަމަށް އާދެވިއްޖެ ނަަމަ ހަދާނެ ގޮތް ކިޔައިދިނުން އަދި އެ އަށް ވުރެ ވެސް ފަސޭހަ އެވެ. އުނދަގޫ ވާނީ އެ ވަޢުދުތައް ފުއްދާށެވެ.

އަޖައިބެކެވެ! ސިޔާސީ މައިދާނުގައި ޙަރަކާތްތެރިވާ މީހުން، ކުޅިގަނޑު ކުޅޭ ގޮތް އަޅުގަނޑުމެން، އާދައިގެ ދިވެހި ރައްޔިތުންނަށް ނޭނގޭނެ ކަމަށް ހީވަނީ ކީއްވެ ބާވަ އެވެ؟ "ބައެއް ހީ އަކީ ފާފައެކެވެ."