Roadha Mihaaru
"ހިޔާލުތަފާތުވުން ނިންމާނީ ގުޅަކުޅޭ ފަސްގަނޑަކު ނޫން"

ހިޔާލުތަފާތުވުންތައް ނިންމާނީ ގުޅަކުޅޭ ފަސްގަނޑަކުން ނޫން: ރައީސް ޔާމީން

23 ޖެނުއަރީ 2017

ޑިމޮކްރަސީގައި ހިޔާލުތަފާތުވުންތައް އުފެދޭނެ ކަމަށާއި އެކަމަކު އެކަންކަން ނިންމާނީ ގުޅަކުޅޭ ފަސްގަނޑަކުން ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ޑިމޮކްރަސީގައި ހިޔާލުތަފާތުވުންތައް އުފެދޭނެ ކަމަށާއި އެކަމަކު އެކަންކަން ނިންމާނީ ގުޅަކުޅޭ ފަސްގަނޑަކުން ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

މ. މުލަކު ނަރުދަމާގެ މަޝްރޫއު ފައްޓަވައިދެއްވުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ޒަމާނީ ޑިމޮކްރަސީއެއްގައި ވާދަވެރިން ހަނދާންކޮށްދޭ ހަމައެކަނި ކަމަކީ އިހްތިޖާޖު ކުރުން ކަމަށެވެ. އެކަމަކު އޭގެ ބަދަލުގައި ރައްޔިތުންނަށް ބޭނުންވާ ކަންކަން، ވެރިކަން ކުރާ މީހުންގެ ސަމާލުކަމަށް ގެންނަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޔާމީން ފާހަގަކުރެއްވި ގޮތުގައި، އަބަދުވެސް މުޒާހަރާ ކުރަނީ މީހުން ކޮށްދީފައިވާ ކަންކަން ކަމުނުގޮސްގެންނެވެ. އެކަމަކު "ވަކި ރަށެއްގެ ނަރުދަމާ ނިޒާމު ނެތިގެން އެކަން ހަނދާންކޮށްދީފައެއް ނުވަތަ ރަށްރަށުގައި ކަނު އަނދިރީގައި ކުދިން ކިޔަވަމުންދާ ކަމެއް މުޒާހަރާތަކުން ހަނދާން ނުކޮށްދޭ" ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިއަދު އުފުލަމުން މިދާ ޝިއާރަކީ ރާއްޖޭގެ ހުރިހާ ރަށަކަށް ސާފު ބޯފެން ހޯދައިދޭން ޖެހޭނެއޭ. އެކަމަކު މި ހައްގުތަކަށް މަސައްކަތް ނުކޮށް، މައްސަލައަކަށް މިވަނީ ސުޕްރީމު ކޯޓުގައި ތިބޭ ފަނޑިޔާރުންގެ ޝަރުތު. ނުވަތަ އެހެން ކޮންމެވެސް ތަނެއްގައި ހިނގާ އެހެން ކަމެއް،" ރައީސް ޔާމީން ވިދާޅުވި އެވެ.

"ބޭނުންވެފައިވާ ހިދުމަތްތަކެއް ނުލިބިގެން މިދަނީ ކީއްވެގެން ކަމެއް އަޅުގަނޑުމެންގެ ހިޔާލަކަށް ފަހަރެއްގައި ވެސް ގެނެސްދީފައެއް ނެތް،"

ރައީސްގެ ވާހަކަފުޅު ބޮޑަށް އަމާޒު ކުރެއްވީ ''ކަންތައްތައް ކޮށްދޭ މީހުންނަށް" އިހްތިރާމް ކުރުމާ ގުޅޭގޮތުންނެވެ. އެގޮތުން ވިދާޅުވީ އިހްތިރާމް ބޭނުންވާ ކޮންމެ މީހަކަށް، އެމީހަކަށް އިހްތިރާމް ކުޑަކުރުމުން ކަންކަން ކޮށްދޭން އުނދަގޫވާ ކަމަށާއި އެއީ އިންސާނީ ސިފައެއް ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި ނުވެފައި ހުރި ކަންކަންކަމުގެ ވާހަކަތައް ދެއްކުން އެމަނިކުފާނު މަނައެއް ނުކުރައްވާނެ އެވެ. އެކަމަކު އެ ވާހަކަތައް ދައްކަން ވަކި ވައްޓަފާޅިއަކާއި ގޮތްތަކެއް ހުންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ޑިމޮކްރަސީގެ ވާހަކަ ދައްކާއިރު އަދި މުސްލިމުންނޭ ބުނާއިރު ހަމައެކަނި ކުރަން ޖެހޭ ކަމަކީ ނަމާދު ކުރުމާއި ރޯދަ ހިފުން ނޫން ކަމާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެތައް ބައިވަރު އަހުލާގީ ރިވެތި ސިފަތަކެއް ހުރިކަން ވެސް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

ރައީސް ވިދާޅުވީ ބޭރު ގައުމުތަކުގައި ވެސް ހިތްހަމަނުޖެހޭ ކަންކަން ހިނގާ ކަމަށާއި އެކަމަކު އެ މީހުން އެކަން ހައްލު ކުރަނީ ޑިމޮކްރަސީގެ ހަމަތަކަށް ވިސްނައިގެން ކަމަށެވެ.

"އޭގެ މާނައަކީ އެއްގޮތަކަށް ވެސް އެމެރިކާގެ ރައީސާ ނުވަތަ ވެރިކަން ކުރާ ޕާޓީގެ އިސްމީހުންނާ މެދު އެހެން ޕާޓީތަކުގެ މީހުން ހިޔާލުތަފާތުވުންތައް ނެތިއްޔެއް ނޫނޭ. އިންތިހާ އަށް ހިޔާލު ތަފާތު. އެކަމަކު އިހްތިރާމާ އެކު ކަންކަން ކުރެވޭ. އެ އާދަތައް އަޅުގަނޑުމެންގެ ތެރެއަށް އަންނަން ޖެހޭނެ." އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، ކަންކަމާ އަޑުއުފުލި ނަމަވެސް އެކަންކަން ނިމޭނީ އަޣްލަބިއްޔަތުންނެވެ. އެހެންވެ، އެ އަޣްލަބިއްޔަތު ހޯދުމަށް ވޯޓާ ހަމައަށް ދާން ކެރެން ޖެހޭނެ ކަމަށް ވިދާޅުވި އެވެ. އަދި ހިޔާލުތަފާތުވުންތައް ވެސް ވަކި ހިސާބަކުން ނިމެން ޖެހޭނެ ކަމަށާއި އެކަން ނިންމޭނީ ކޮންމެ ރައްޔިތަކު ވެސް ބޭނުން ގޮތަކަށް ވޯޓުލާން ޖާގަދީގެން ކަމަށް ރައީސް ވިދާޅުވި އެވެ.