Roadha Mihaaru

ރައީސް ޔާމީންގެ ރިޔާސީ ދައުރު ނިމޭނީ ނޮވެމްބަރު 17 ގައި: އީސީ

ރާއްޖޭގައި އަމަލު ކުރަމުން އަންނަ ގޮތުން، ރިއާސީ އިންތިޚާބު ބާއްވާ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން އާ ރިޔާސީ ދައުރު ގުނަމުން އައި ނަމަވެސް، ރައީސް އަބްދުﷲ ޔާމީންގެ ފުރަތަމަ ރިއާސީ ދައުރު ނިމޭނީ އަންނަ ނޮވެމްބަރު މަހުގެ 17 ގައި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

ރިޔާސީ ދައުރު ނިމޭނީ ނޮވެމްބަރު 17 ގައި: އީސީ
ފަޒީނާ އަހުމަދު
ފަޒީނާ އަހުމަދު

12 ޖުލައި 2018

ރާއްޖޭގައި އަމަލު ކުރަމުން އަންނަ ގޮތުން، ރިއާސީ އިންތިޚާބު ބާއްވާ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން އާ ރިޔާސީ ދައުރު ގުނަމުން އައި ނަމަވެސް، ރައީސް އަބްދުﷲ ޔާމީންގެ ފުރަތަމަ ރިއާސީ ދައުރު ނިމޭނީ އަންނަ ނޮވެމްބަރު މަހުގެ 17 ގައި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

ސެޕްޓެމްބަރު 23، ގައި ބާއްވާ ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ އެ ތާރީޚު ކަނޑައެޅީ ރިޔާސީ ދައުރު ނިމޭ ތާރީޚާ މެދު އެ ކޮމިޝަންގެ މެމްބަރުންގެ މެދުގައި އުފެދުނު ޚިޔާލު ތަފާތުވުންތަކާ ގުޅިގެން ދައުލަތުގެ ބަންޑާރަ ނާއިބުގެ ލަފަޔާ އެކު ކަމަށެވެ. އެ ލަފަޔާ ގުޅިގެން ކޮމިޝަންގެ މެމްބަރުން މަޝްވަރާކޮށް، ކަނޑައަޅާފައި ވަނީ ރައީސް ޔާމީންގެ ފުރަތަމަ ރިއާސީ ދައުރު ނިމޭނީ ނޮވެމްބަރު 17 އަށް ކަމަށް ޝަރީފް ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީން ނޮވެމްބަރު، 17، ގައި ވެރިކަމުގެ ހުވާ ކުރެއްވީ، 2013ގެ ރިޔާސީ އިންތިޚާބުގައި ކުރިމަތިވި މައްސަލަތަކަކާ ގުޅިގެން، ދެ ފަހަރަށް އިންތިޚާބު ފަސްކޮށް، ނޮވެމްބަރު 11 އަށް ރައީސްގެ މަގާމަށް މީހަކު އިންތިހާބު ނުކުރެވުމުންނެވެ.

އެކަމަކު، ރާއްޖޭގައި އަމަލު ކުރަމުން އަންނަ ގޮތުން ރިއާސީ ދައުރު ގުނަން ފަށަނީ ރިއާސީ އިންތިހާބު ބާއްވާ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެންނެވެ. އެހެންކަމުން، ރިއާސީ ދައުރު ނިމުމުގެ 120 ދުވަސް ކުރިން، ކުރިއަށް އޮންނަ ރިއާސީ އިންތިހާބަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލަން ވާނެ ކަމަށް ގާނޫނުގައި ބުނެފައިވާތީ، މިހާރު ހިނގަމުންދާ ރިއާސީ ދައުރު ހަމަވުމުގެ 120 ދުވަސް ގުނަން ފަށާނީ މި މަހުގެ 23 ވަނަ ދުވަހުން ފެށިގެންނެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.--- ފޮޓޯ: އަހްމަދު ނިޝާތު/މިހާރު

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.--- ފޮޓޯ: އަހްމަދު ނިޝާތު/މިހާރު

ޝަރީފް ވިދާޅުވި ގޮތުގައި އެޓާނީ ޖެނެރަލްގެ އޮފީހުން އެ ކޮމިޝަނަށް ލިޔުމުން ދީފައިވާ ލަފާގައިވާ ގޮތުން ރިޔާސީ ދައުރު ގުނަން ފަށަން ޖެހޭނީ ވަކި ތާރީޚަކުން ފެށިގެންނެއް ނޫނެވެ. ވެރިކަމުގެ ދައުރަކީ ފަސް އަހަރު ކަމަށް ވުމާ އެކު، ރިޔާސީ ދައުރު ނިމޭނީ ފަސް އަހަރު ހަމަވުމުން ކަމަށް ލަފާ ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމަ މިހާރުގެ ރިޔާސީ ދައުރުގެ މުއްދަތު ހަމަވާނީ ނޮވެމްބަރު 17 ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ،" ޝަރީފް ވިދާޅުވި އެވެ.

"ރައީސް ވަހީދު ވެރިކަމުގައި ހުންނެވި އިރު، ރިޔާސީ ދައުރު ކުރިއަށް ގެންދިއުމަށްޓަކައި ސުޕްރީމް ކޯޓުން ނެރެފައި އޮތް ހުކުމް ވެސް އަޅުގަނޑުމެން ބަލައިލިން. އޭގައި އޮތް ގޮތުން ޚިޔާލު ތަފާތުވީ، އެހެންވީމަ މިހާރު ނޮވެމްބަރު 17 އެއީ، ރިޔާސީ ދައުރު ނިމޭ ދުވަސް ކަމަށް ވަންޏާ، ގާނޫނީ ގޮތުން ކަނޑައަޅާފައިވާ 120 ދުވަސް ތެރޭގައި އިންތިޚާބަށް އިއުލާން ކުރަން ޖެހޭނެ. އެ ތާރީޚަށް ބަލާފައި އެންމެ ފުރަތަމަ ޖެހޭ ތާރީޚަކީ ޖުލައި 23 ކަމަށް ވާތީ، ކެންޑިޑޭޓުން ކުރިމަތިލާން ހުޅުވާލީ،" ޝަރީފް ވިދާޅުވި އެވެ.

ރައީސް ވަހީދުގެ ވެރިކަމުގައި ރިޔާސީ ދައުރު ނިމޭ ތާރީޚް ފަސްކުރީ އޭރު އުފެދުނު މައްސަލަތަކަކާ ހެދި އިންތިޚާބު ލަސްކުރަން ޖެހުން ފަދަ ކަންތައްތަކަށް ކަަމަށް ވާއިރު، މިހާރު އެފަދަ ހާލަތެއް އޮތްތޯ ދެންނެވުމުން ޝަރީފް ވިދާޅުވީ ރިޔާސީ ދައުރު ފަސް އަހަރަށް ވުރެ މަދެއް އެ ކޮމިޝަނަކަށް ނުކުރެވޭނެ ކަމަށެވެ. އެއީ، ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ މުއްދަތެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.

"ރިޔާސީ ދައުރު ދެމިގެންދާނެ ފަދަ ހާލަތެއް މެދުވެރިވެދާނެ ކަމެއް އަޅުގަނޑަކަށް ނޭނގެ، އެއީ ދެން އަޅުގަނޑުމެން [އިލެކްޝަންސް ކޮމިޝަނުން] ކަންބޮޑުވާ މައްސަލައެއް ވެސް ނޫން. ރިޔާސީ ދައުރުގެ މުއްދަތު ނުވަތަ ހަމަވާ ތާރީޚް ކަނޑައަޅަނީ އިލެކްޝަންސް ކޮމިޝަނަކުން ނޫން،" ޝަރީފް ވިދާޅުވި އެވެ.