Roadha Mihaaru
މަހެއް ތެރޭގައި ރިފަންޑް ދޭނަން: ސީލައިފް

މަހެއް ތެރޭގައި ރިފަންޑް ދޭނަން: ސީލައިފް

13 ޖުލައި 2018

ހުޅުމާލޭގައި ސީލައިފް ގްލޯބަލް އިން އަޅަން ބުނި އެޕާޓްމެންޓްތައް ގަތުމަށް ދެއްކި ފައިސާ އަނބުރާ ހޯދަން ހުށަހެޅި މީހުންނަށް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ފައިސާ ދޭނެ ކަމަށް ސީލައިފުން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ހުޅުމާލޭގައި ސީލައިފް ގްލޯބަލް އިން އަޅަން ބުނި އެޕާޓްމެންޓްތައް ގަތުމަށް ދެއްކި ފައިސާ އަނބުރާ ހޯދަން ހުށަހެޅި މީހުންނަށް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ފައިސާ ދޭނެ ކަމަށް ސީލައިފުން މިއަދު ބުނެފި އެވެ.

ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅަން ސަރުކާރުން ސީލައިފްއާ ހަވާލުކުރީ މީގެ ތިން އަހަރު ކުރިންނެވެ. އެޕާޓްމަންޓްތައް ނިންމާނެ އެކިއެކި ތާރީހުތައް އިއުލާން ކުރިނަމަވެސް މިހާތަނަށް އެޕްރޮޖެކްޓްގެ މާ ބޮޑު މަސައްކަތެއް ކުރެވިފައެއްނުވެ އެވެ.

އެޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ 300 އެޕާޓްމަންޓް ގަންނަން 280 މީހުން ވަނީ ބުކިން ފީ ދައްކާފަ އެވެ. އެގޮތުން ކޮންމެ މީހެއްގެ އަތުން 50،000ރ ނަގާފައިވެ އެވެ. އެފައިސާ ދައްކާފައިވަނީ އެ މީހަކު ބޭނުން ވެއްޖެ އިރެއްގައި އަނބުރާ ނެގޭ ގޮތަށެވެ.

އެ މަސައްކަތް ނުފެށި ލަސްވާތީ ގިނަ ބަޔަކު ދަނީ ފައިސާ ހޯދުމަށް އެދެމުންނެވެ. އޭގެ ތެރެއިން ގިނަ ބަޔަކަށް ރިފަންޑް ނުލިބުމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ.

ސްރީ ލަންކާގައި ހުރި ސީލައިފްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އަންމަޓީ) "މިހާރު" އަށް ވިދާޅުވީ ރިފަންޑް ހޯދަން އެދުނު މީހުންގެ ތެރެއިން ގިނަ ބަޔަކަށް ވަނީ ފައިސާ ދީފައި ކަމަށެވެ. ފައިސާ ނުދެވި ވަނީ 47 މީހަކަށް ކަމަށާއި އެފައިސާ ކުރިއަށް އޮތް މަސް ދުވަސް ތެރޭގައި ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަންމަޓީ ވިދާޅުވީ ރިފަންޑް ދިނުމަށް ދަތިވެގެން އުޅެނީ އެފައިސާތައް، އެޕުރޮޖެކްޓްގެ ކޮންޓްރެކްޓާ ކަމަށްވާ ލަންކާގެ ކޮރަލްއަށް ދީފައިވާތީ ކަމަށެވެ. އަދި 2015 ވަނަ އަހަރު އެޗްޑީސީން އެޕްރޮޖެކްޓް ޓާމިނޭޓް ކުރުމުން ކޯޓަށް ގޮސް އަލުން ޕްރޮޖެކްޓް ހޯދުމަށް ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހުމުން ދަތިތަކާ ކުރިމަތިވި ކަމަށް އޭނާ ވިދާޅުވި އެވެ.

"ލަންކާއަށް އަޅުގަނޑު އައިސް މިހިރީ ލޯން ހަމަޖައްސަން. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ލޯން ހަމަޖެހޭނެ. އޮގަސްޓް މެދުތެރޭގައި ފައިސާ ލިބި ރިފަންޑަށް އެދިފައި ތިބި މީހުންނަށް ފައިސާ ދެވޭނެ،" އަންމަޓީ ވިދާޅުވި އެވެ.

ސީ ލައިފް ގްލޯބަލް އިން ހުޅުމާލޭގައި ހަދާ އެޕާޓްމަންޓްތަކުގެ ފައުންޑޭޝަން އަޅަން ކޮނެފައި: އެތަނުގައި 300 އެޕާޓްމަންޓް ހިމެނޭ ހަ ޓަވަރު އަޅަން ވަނީ ނިންމާފައި. ފޮޓޯ: ސީ ލައިފް ގްލޯބަލް

ސީ ލައިފް ގްލޯބަލް އިން ހުޅުމާލޭގައި ހަދާ އެޕާޓްމަންޓްތަކުގެ ފައުންޑޭޝަން އަޅަން ކޮނެފައި: އެތަނުގައި 300 އެޕާޓްމަންޓް ހިމެނޭ ހަ ޓަވަރު އަޅަން ވަނީ ނިންމާފައި. ފޮޓޯ: ސީ ލައިފް ގްލޯބަލް

ރާއްޖޭގެ ކުންފުންޏަކާއި ދުބާއީގެ ދެ ކުންފުންޏެއް ގުޅިގެން އުފައްދާފައިވާ ސީލައިފަށް އެ މަޝްރޫއުގެ މަސައްކަތް ހަވާލުކުރީ 2019 ގައި ނިންމާ ގޮތަށެވެ. އެތަނުގައި ފްލެޓްތައް އަޅަނީ ތިން ބްލޮކަކަށް ބަހާލައިގެން، ބްލޮކެއްގައި 1،000 އެޕާޓްމެންޓްމެންޓް ހިމެނޭ ގޮތަށެވެ.

އަންމަޓީ ވިދާޅުވީ އޭގެ ތެރެއިން އަންނަ އަހަރުގެ ނިޔަލަށް ނިންމަންޖެހެނީ 270 އެޕާޓްމަންޓް ކަމަށާއި ލޯން ހަމަޖެހި މަސައްކަތް ފެށުމުން އެ ތާރީހަށް އެޕާޓްމަންޓްތައް ނިންމާލެވޭނެ ކަމަށެވެ.

ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅަން ސަރުކާރުން ސީލައިފްއާ ހަވާލުކުރީ މީގެ ތިން އަހަރު ކުރިންނެވެ. ބޮޑު ރަސްމިއްޔާތަކާ އެކު، ރައީސް އަބްދުﷲ ޔާމީން އެތަނުގައި ބިންގާ އަޅުއްވައި ދެއްވި އެވެ.