Roadha Mihaaru
ކޯޗިން އަށް ވަގުތުދޭން އޮންރީ ޓީވީ ވަޒީފާ ދޫކޮށްލައިފި

ކޯޗިން އަށް ވަގުތުދޭން އޮންރީ ޓީވީ ވަޒީފާ ދޫކޮށްލައިފި

17 ޖުލައި 2018

ބްރުސެލްސް، ބެލްޖިއަމް (ޖުލައި 17) - ކޯޗިން ކެރިއަރުގައި ކުރިއަށްދާން ބޭނުންވާތީ ފްރާންސްގެ ކުރީގެ ތަރި އަދި ބެލްޖިއަމްގެ އެސިސްޓަންޓް ކޯޗު ތިއަރީ އޮންރީ ސްކައި ސްޕޯޓްސްގައި އަދާކުރަމުން އައި އެނަލިސްޓުގެ ވަޒީފާ ދޫކޮށްލައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ބްރުސެލްސް، ބެލްޖިއަމް (ޖުލައި 17) - ކޯޗިން ކެރިއަރުގައި ކުރިއަށްދާން ބޭނުންވާތީ ފްރާންސްގެ ކުރީގެ ތަރި އަދި ބެލްޖިއަމްގެ އެސިސްޓަންޓް ކޯޗު ތިއަރީ އޮންރީ ސްކައި ސްޕޯޓްސްގައި އަދާކުރަމުން އައި އެނަލިސްޓުގެ ވަޒީފާ ދޫކޮށްލައިފި އެވެ.

ސްކައިސްޕޯޓްސްގެ ވަޒީފާގައި ހުރެ 2015 ވަނަ އަހަރު އޮންރީ ކޯޗިން ކެރިއަރު ފެށީ އާސެނަލްގެ 18 އަހަރުން ދަށުގެ އެކަޑަމީ ކޯޗެއްގެ ގޮތުގަ އެވެ. އެކަމަކު 2016 ވަނަ އަހަރުގެ ޖުލައި މަހު އާސެނަލްގެ އޭރުގެ ކޯޗު އާސެން ވެންގާއާ މައްސަލަ ޖެހިގެން އޮންރީ ވަނީ އާސެނަލްގެ އެކަޑަމީގެ ކޯޗުކަން ދޫކޮށްލައިފަ އެވެ. ރޮބާޓޯ މާޓިނޭޒް ބެލްޖިއަމްގެ ކޯޗުކަމާ ހަވާލުވެ އޮންރީ އެ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ހަމަޖެއްސީ އެ އަހަރުގެ އޮގަސްޓް މަހުގަ އެވެ.

"މިދިޔަ ހަތަރު އަހަރު ތެރޭގައި އަހަންނަށް ފުޓްބޯޅައިގެ ކޯޗިންގެ ވަރަށް ގިނަ ތަޖުރިބާތަކެއް ލިބިއްޖެ. މި ތަޖުރިބާއާ އެކު އަހަރެން ފުޓްބޯޅަ ކޯޗަކަށް ވުމަށް ކުރަމުން އައި އުއްމީދައް އިތުރު ހިތްވަރެއް ލިބިއްޖެ. މޮޅު ކޯޗަކަށް ވުމުގެ މަސައްކަތް ކުރިއަށް ގެންދަން އެ ކަމަށް އިތުރު ވަގުތު ދޭން ބޭނުންވާތީ އަހަރެން ނިންމައިފިން ސްކައި ސްޕޯޓްސްގެ ވަޒީފާ ދޫކޮށްލަން،" އޮންރީ ބުނެފައިވެ އެވެ.

ރަޝިއާގައި މި ފަހަރު އޮތް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ތިން ވަނަ ބެލްޖިއަމުން ހޯދިއިރު، މިއީ އެ ގައުމުގެ ތާރީހުގައި ވޯލްޑް ކަޕުގައި ނެރުނު އެންމެ ރަނގަޅު ނަތީޖާއެވެ. ބެލްޖިއަމް މުބާރާތުން ކެޓީ ސެމީ ފައިނަލުގައި އޮންރީގެ ގައުމު ފްރާންސް އަތުން ބަލިވުމުންނެވެ.

ރިޕޯޓްތައް ބުނާގޮތުން އޮންރީ ވަނީ ބެލްޖިއަމްގެ އެސިސްޓަންޓް ކޯޗުކަން ދޫކޮށްލުމަށް ފަހު ކްލަބަކާ ހަވާލުވާން ނިންމައިފަ އެވެ. އޮންރީ އަށް ކޯޗިންގައި ކުރިއަށްދާން ގިނަ ކްލަބްތަކުން ހުށަހެޅުން ލިބިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ފްރާންސާ އެކު 1998 ގެ ވޯލްޑް ކަޕް ކާމިޔާބުކުރި އޮންރީ ވަނީ ކްލަބް ލެވެލްގައި މޮނާކޯ، ޔުވެންޓަސް، އާސެނަލް އަދި ބާސެލޯނާ އަށް ކުޅެފަ އެވެ. އޮންރީ ކުޅުން ހުއްޓާލީ އެމްއެލްއެސްގެ ނިއުޔޯކް ރެޑްބުލްސް އަށް ކުޅުމަށް ފަހު 2014 ވަނަ އަހަރު އެވެ.