Roadha Mihaaru
އިބޫގެ ސިޔާސަތެއް އަދި އަޑެއް ނީވޭ: އުމަރު

އިބޫގެ ސިޔާސަތެއް އަދި އަޑެއް ނީވޭ، ގައުމު ހަމައަކަށް ނޭޅުވޭނެ: އުމަރު

22 ޖުލައި 2018

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރުމަށް ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ރައްޔިތުންނަށް ދެއްކި ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ސިޔާސަތެއް މިހާތަނަށް އާއްމުކުރައްވާފައި ނުވާ ކަމަށާއި އެހެންކަމުން ރައީސް ޔާމީނާއި އިބޫ އަށް ވެސް ގައުމު ހަމައަކަށް އެޅުވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރުމަށް ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ރައްޔިތުންނަށް ދެއްކި ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ސިޔާސަތެއް މިހާތަނަށް އާއްމުކުރައްވާފައި ނުވާ ކަމަށާއި އެހެންކަމުން ރައީސް ޔާމީނާއި އިބޫ އަށް ވެސް ގައުމު ހަމައަކަށް އެޅުވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.

އިންތިޚާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވަން ނިންމަވާފައިވާ އުމަރު ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި ރައްޔިތުންނަށް ކޮށްދެއްވާނެ ކަންކަމުގެ ސިޔާސަތު ހާމަކުރެއްވުމާއި ކެމްޕޭން މަޑުޖައްސާލެއްވީ އިދިކޮޅު ކެންޑިޑޭޓު އިއުލާން ކުރުމުން ކަމަށެވެ. އިދިކޮޅު ކެންޑިޑޭޓު އިއުލާން ކުރެއްވުމާ އެކު ފަހަތަށް ފިޔަވަޅެއް އަޅުއްވައި، އެ ކެންޑިޑޭޓުގެ ސިޔާސަތުތަކާއި ރައްޔިތުންނަށް ކޮށްދެއްވާނެ ކަންކަމުގެ އަޑު އައްސަވަން މަޑުކުރެއްވި ކަމަށް ވިދާޅުވި އެވެ.

އެކަމަކު، "އަނިޔާވެރިކަން ނިންމާނަން" މި ނޫން އެހެން ވާހަކަފުޅެއް އިބޫގެ ފަރާތުން މިހާތަނަށް އިވިވަޑައިނުގަންނަވާ ކަމަށް އުމަރު ވިދާޅުވި އެވެ.

މި ސަރުކާރާ މެދު ހިތްހަމަޖެހިވަޑައިނުގެން ކެބިނެޓުން އިސްތިއުފާ ދެއްވައި، ޖުމްހޫރީ ޕާޓީ އަށް ސޮއި ކުރައްވާފައިވާ އުމަރު ވިދާޅުވި ގޮތުގައި އަނިޔާވެރިކަން ނިންމުމަކީ އާ ވާހަކައެއް ނޫނެވެ. ރައްޔިތުން އޭނާ ހޮވައިފި ނަމަވެސް، މި ސަރުކާރުގައި ނުހައްގުން ޖަލަށް ލާފައި ތިބި މީހުން ދޫކޮށްލައްވާނެ ކަމަށް ވިދާޅުވި އެވެ. އެއާއެކު، ހައްގުން ވެސް ޖަލަށްލާފައި ތިބި ބަޔަކު ވެސް އެބަތިބި ކަމަށް ވިދާޅުވި އެވެ. އެކަމަކު ތަފްސީލެއް ނުދެއްވަ އެވެ.

މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ނުކުމެވަޑައިގަންނަވާނެ ކަން އިއުލާން ކުރެއްވި ފަހުން ވެސް އުމަރު ވަނީ، ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީގެ އިސް ބައެއް ބޭފުޅުންނާ މަޝްވަރާ ކުރައްވައިފަ އެވެ. އެކަމަކު، އެ މަޝްވަރާތަކުން ގޮތެއް ނުނިމުނީ، ތިން ޕާޓީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިމެނިވަޑައިގަންނަވާ ކޯލިޝަނުން އިންތިޚާބަށް ކެންޑިޑޭޓެއް ނެރެން ނިންމުމުން ކަމަށް ބެލެވެ އެވެ.

"އިދިކޮޅު ކެންޑިޑޭޓަށް ޖާގައެއް ދީގެން އަޅުގަނޑު މަޑުކޮށްގެން މިހާތަނަށް މިހުރީ. އެކަމަކު މިހާތަނަށް ވެސް އެއްވެސް އާ ވާހަކައެއް ވިދާޅެއް ނުވޭ. ރައްޔިތުންނަށް އާއްމު ކުރެއްވި ސިޔާސަތެއް މިހާތަނަކަށް ނެތް. އެހެންވީމަ، އިންތިހާބަށް ކުރިމަތިލާން އަޅުގަނޑު މާދަމާ ފޯމު ނަގާނަން،" އުމަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީނަށް ރައްޔިތުން ދިން ފަސް އަހަރުގެ ދައުރުގައި ހާލަތު ދަށްވި މިންވަރު ސާފުވެފައިވާ ކަމަށާއި އެއާ އެކު، އެ ހާލަތު ރަނގަޅު ކޮށްދެއްވާނެ ކަމުގެ ސިޔާސަތެއް އިދިކޮޅު ކެންޑިޑޭޓު މިހާތަނަށް ހުށަހަޅުއްވާފައި ނުވުމުން އެނގެނީ ދެ ބޭފުޅުންނަށް ވެސް މައްސަލަތައް ހައްލު ނުކުރެއްވޭނެ ކަން ކަމަށެވެ.

އުމަރު ވިދާޅުވި ގޮތުގައި އޭނާ އަދިވެސް ރައްޔިތުންނަށް ހުށަހަޅުއްވަނީ، މީގެ 10 އަހަރު ކުރިން ހުށަހެޅުއްވި ސިޔާސަތުތަކެވެ. އެއީ، މީހުން މެރުން ހުއްޓުވުމާއި މަސްތުވާތަކެތީގެ ވަބާގެ އިތުރުން ކޮރަޕްޝަން ހުއްޓުވައި ގައުމު އަމާންކުރުމެވެ.

މި ސިިޔާސަތުތަކާ އެކު 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި 2013ގެ ރިޔާސީ އިންތިޚާބަށް ޕީޕީއެމުން ބޭއްވި ޕްރައިމަރީގައި ވާދަކުރެއްވި އެވެ. އެކަމަކު ދެ ފަހަރު ވެސް އުމަރު ނާކާމިޔާބުވެވަޑައިގަތީ އެވެ.

ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ގައުމު ނަމާންވެ، ކޮރަޕްޝަންގެ ހާއްޔަކަށް ބަދަލުވެފައިވާ ކަމަށް އުމަރު ވިދާޅުވި އެވެ. މި ހާލަތުން އަރައިގަނެ ރައްޔިތުންނަށް ހިތްހަމަޖެހުން ހޯދައިދެއްވަން، އޭނާ ތައްޔާރު ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

"މީގެ ކުރިން ވެސް އަޅުގަނޑު އެ ސިޔާސަތުތައް ރައްޔިތުންނަށް ހުށަހަޅުއްވާފައި އޮއްވައި، މި ހާލަތަށް މިދިޔައީ. އަނެއްކާވެސް އަޅުގަނޑު މިއެދެނީ އަޅުގަނޑަށް ފުރުސަތު ދޭން،" އުމަރު ވިދާޅުވި އެވެ.

ސިޔާސީ މަސްރަހުގައި ރައްޔިތުންގެ ފިކުރު ޕީޕީއެމާއި އިދިކޮޅު ޕާޓީތަކަށް ބެހިފައި އޮތް އިރު، ވަކިން ވާދަކުރައްވައި އިންތިޚާބު ކާމިޔާބު ވެދާނެތޯ ދެންނެވުމުން، އުމަރު ވިދާޅުވީ ސިޔާސީ މަސްރަހު ކޮންމެ ގޮތަކަށް ވެސް އަދި ބަދަލުވެދާނެ ކަމަށެވެ. އެހެންކަމުން، އެކަން އެނގޭނީ އިންތިޚާބުގައި ވޯޓު ނަގާ ދުވަހު ކަމަށް ވިދާޅުވި އެވެ.

އަނެއްކާވެސް ރައްޔިތުންނަށް ސިޔާސަތުތަކެއް ހުށަހެޅުއްވީ، އޭނާ ވިދާޅުވި ގޮތުގައި، ރައްޔިތުންނަށް ހިތްހަމަޖެހުން ގެނެސްދެއްވަން ބޭނުންވާތީ އެވެ.

"އަޅުގަނޑު މި ދަންނަވަނީ ރައްޔިތުންނަށް އުފާވެރިކަން ހޯދައިދޭނަމޭ. އަޅުގަނޑު ޖެހިލުމެއް ނުވޭ ބަލިވެދާނެތީ. އެ ވިސްނުމުގައި އަޅުގަނޑަކީ ފަހަތަށް ޖެހޭނެ މީހެއް ނޫން،" އުމަރު ވިދާޅުވި އެވެ.