Roadha Mihaaru
އަބުރުގެ ބިލަށް ބޭރުން ކިޔާ ފާޑު ބަލައެއް ނުގަންނަން

އަބުރުގެ ބިލާ ގުޅޭ ގޮތުން ބޭރުގެ ފާޑުކިއުން ބަލައެއް ނުގަންނަން: ސަރުކާރު

01 އޯގަސްޓް 2016

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރަން މަޖިލީހަށް ހުށަހަޅާފައިވާ އަބުރުގެ ބިލާ ގުޅޭ ގޮތުން ބޭރުގެ ފަރާތްތަކުން ފާޅުކުރި ކަންބޮޑުވުންތައް ގަބޫލު ނުކޮށް، އެ ބިލު ސަރުކާރުން މިއަދު ދިފާއުކޮށްފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރަން މަޖިލީހަށް ހުށަހަޅާފައިވާ އަބުރުގެ ބިލާ ގުޅޭ ގޮތުން ބޭރުގެ ފަރާތްތަކުން ފާޅުކުރި ކަންބޮޑުވުންތައް ގަބޫލު ނުކޮށް، އެ ބިލު ސަރުކާރުން މިއަދު ދިފާއުކޮށްފި އެވެ.

އަބުރު ރައްކާތެރި ކުރުމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ބިލަށް ފާޑުކިޔައި ޔޫރަޕްގެ އިއްތިހާދު (އީޔޫ) އާއި އެމެރިކާ އަދި އިނގިރޭސިވިލާތާއި ޖަރުމަނާއި ނެދަލެންޑްސް އާއި ނޯވޭން ވަނީ ރޭ ގުޅިފައިވާ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނެފައި ވަނީ އެ ބިލަކީ ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަށް އެޅޭނެ ވަރަށް ބޮޑު ހުރަހެއް ކަމަށެވެ. އަދި ބައިނަލްއަގުވާމީ މުއާހަދާތަކުން ލިބޭ ހައްގުތައް ބޭނުން ކުރާ ފަރާތްތަކަށް ވަރުގަދަ އަދަބު ދޭ ގޮތަށް ބިލް ފަރުމާކޮށްފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

މި ބަޔާން ގަބޫލު ނުކޮށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އަބުރާ ބެހުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ބިލުގައި ކަނޑައަޅާފައެއް ނުވެ އެވެ. އޭގެ ބަދަލުގައި، މި ބިލުގެ އަމާޒަކީ އަބުރު ގެއްލޭ ފަރާތްތަކަށް އެކި ދަރަޖަތައް ހިމެނޭ ގޮތަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދީ، އިސްލާމް ދީނާއި ގައުމީ ސަލާމަތަށް އުނިކަން ލިބޭ ފަދަ ކަންކަން ހުއްޓުވުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

"... ބައިނަލްއަގުވާމީ ފަރާތްތަކާ އެކު މަސައްކަތް ކުރަން ލިބޭ ކޮންމެ ފުރުސަތަކަށް ދިވެހި ސަރުކާރުން އަބަދު ވެސް މަރުހަބާ ކިޔާނެ އެވެ. އެކަމަކު، އެ ފަރާތްތަކުން ބިނާކުރަނިވި އަދި ޒިންމާދާރު ގޮތަކަށް މަސައްކަތް ކުރަން ސަރުކާރުން އުއްމީދު ކުރަމެވެ." -- ސަރުކާރު

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި މި ބިލުގައި ކަނޑައަޅާފައިވާ ހަ މަސްދުވަހުގެ ޖަލު ހުކުމަކީ ކުރިއަރާފައިވާ ޑިމޮކްރެސީތަކުގައި މި ކަހަލަ ކުށްތަކަށް ދޭ އަދަބަށް ވުރެ ކުޑަ އަދަބަކެވެ. މީގެ އިތުރުން، ބަޔާން ނެރުނު ފަސް ގައުމުގެ ތެރެއިން ހަތަރު ގައުމެއްގަ އާއި 28 ގައުމު ހިމެނޭ އީޔޫ އަށް ނިސްބަތްވާ 23 ގައުމުގައި ވެސް އަބުރާ ބެހުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި އޮންނަކަން އެ މިނިސްޓްރީން ފާހަގަކުރި އެވެ.

ބޭރުގެ ފަރާތްތަކުން މަސައްކަތްކޮށްފައި ވަނީ، ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، އަބުރުގެ ބިލުގައި ބޮޑެތި އަދަބުތަކެއް ކަނޑައަޅާފައިވާ ކަމަށް ދައްކާށެވެ. އަދި ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފަށް އެކުލަވާލާފައިވާ ބިލެއްގެ ގޮތުގައި ދައްކަން ވެސް އެ ފަރާތްތަކުން އުޅުނު ކަމަށް އެ މިނިސްޓްރީން ތުހުމަތު ކުރި އެވެ.

"އެއީ ދޮގު އަދި ނުބައި މައުލޫމާތުގެ މައްޗަށް ބިނާކޮށްފައިވާ ތުހުމަތުތަކެކެވެ،" ބަޔާނުގައިވެ އެވެ.

އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު: ސަރުކާރުގެ ފަރާތުން އަބުރުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ޖައުފަރު.-- ފޮޓޯ: މަޖިލިސް

އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު: ސަރުކާރުގެ ފަރާތުން އަބުރުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ޖައުފަރު.-- ފޮޓޯ: މަޖިލިސް

އަބުރުގެ ބިލު ބައްޓަންކޮށްފައި ވަނީ، ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، ބައިނަލްއަގުވާމީ މުއާހަދާތަކާ އެއްގޮތްވާ ގޮތަށެވެ. އެ ގޮތުން، ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރަން މި ބިލުގައި ހިމަނާފައި ވަނީ، އެ މިނިސްޓްރީން ބުނި ގޮތުގައި، އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ (ޔުނިވާސަލް ޑެކްލެރޭޝަން އޮފް ހިއުމަން ރައިޓްސް) އާއި ސިޔާސީ އަދި މަދަނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ (އައިސީސީޕީއާރު)ގައި ކަނޑައަޅާފައިވާ އިންތަކާއި މިންތަކާ ދާދި އެއްގޮތް ކަންތައްތަކެކެވެ.

ރާއްޖޭގައި ހިނގާ ކަންކަމާ މެދު ޝައުގުވެރިވާ ފަރާތްތަކުން ތެދު މައުލޫމާތު ހޯދާއި ހަގީގަތާ އެއްގޮތަށް، ވަކި ފަރާތަކަށް ނުޖެހި ވާހަކަ ދައްކަން ފޮރިން މިނިސްޓްރީން ގޮވާލި އެވެ. އެ މައުލޫއަކާ ގުޅޭ ހުރިހާ ހަގީގަތްތަކަށް ނުބަލައި ވާހަކަ ދައްކާ ނަމަ ނުބައި މައުލޫމާތު ފެތުރި، ހަގީގަތް އޮޅޭނެ ކަމުގެ އިންޒާރު އެ މިނިސްޓްރީން ދިނެވެ.

"މީގެ ކުރިން ވެސް އެތައް ފަހަރަކު ބުނެފައިވާ ފަދައިން، ބައިނަލްއަގުވާމީ ފަރާތްތަކާ އެކު މަސައްކަތް ކުރަން ލިބޭ ކޮންމެ ފުރުސަތަކަށް ދިވެހި ސަރުކާރުން އަބަދު ވެސް މަރުހަބާ ކިޔާނެ އެވެ. އެކަމަކު، އެ ފަރާތްތަކުން ބިނާކުރަނިވި އަދި ޒިންމާދާރު ގޮތަކަށް މަސައްކަތް ކުރަން ސަރުކާރުން އުއްމީދު ކުރަމެވެ،" ބަޔާނުގައިވެ އެވެ.

އުނގޫފާރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު ޖައުފަރު ދާއޫދު ހުށަހެޅުއްވި ބިލު މަޖިލީހަށް ބަލައިގަނެ 11 މެމްބަރުންގެ ވަގުތީ ކޮމިޓީއަކަށް މިއަދު ވަނީ ފޮނުވާފަ އެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލަށް ބަހުސް ކުރެއްވި ގިނަ މެމްބަރުން މި ބިލު އޮތް ގޮތަށް ފާސް ކުރަން ދެކޮޅު ހެއްދެވި އެވެ. އެގޮތުން އިދިކޮޅު މެމްބަރުން ވިދާޅުވި ގޮތުގައި ބިލު ފާސްކުރަން އުޅެނީ ސަރުކާރުގެ ކޮރަޕްޝަނާއި ފަސާދައިގެ ވާހަކަތައް ހުއްޓުވުމަށެވެ. އަދި މިއީ މިނިވަން ނޫސްވެރިކަމަށާއި ހިޔާލުފާޅުކުރުން ހުއްޓުވުމަށް ކުރަން އުޅޭ ކަމެއް ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.

ބިލުގައި އަބުރާ ބެހުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ. އެކަމަކު މީޑިއާގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ބާރު ދީފައި އޮތީ މީޑިއާގެ ކަންކަން ބަލަހައްޓާ މުއައްސަސާތަކަށެވެ.

ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހިޔާލެއް ފާޅުކުރުމާއި އާންމު ނިޒާމާ ހިލާފު ހިޔާލު ފާޅުކުރުމާއި އަބުރާ ބެހެވޭ ފަދަ ހިޔާލެއް ފާޅުކުރި މީހެއްގެ އަދަބަކަށް 50،000ރ. އާއި 2،000،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ގާނޫނުގެ ދަށުން ކޯޓުން ކަނޑައަޅަން ވާނެ ކަމަށް ބިލުގައިވެ އެވެ. އަދި ޖޫރިމަނާ ފައިސާ ނުދައްކައިފި ނަމަ، ތިން މަހާއި ހަ މަހާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެ އެވެ. ޖޫރިމަނާ ފައިސާ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނުދައްކައިފި ނަމަ، އެ މައްސަލަ ފުލުހުންނަށް ހުށަހަޅަން ޖެހެ އެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގުކުރުމަށް ފަހު، ދައުވާ ކުރުމަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވަން ވާނެ އެވެ.

"އިތުބާރު ކުރެވޭ ބައިނަލްއަގުވާމީ އިދާރާތަކުން ބަލައި ރަނގަޅު ކަމަށް ކަނޑައަޅާފައިވާ ނިޒާމެއްގެ ތެރެއިން، ޑިމޮކްރެޓިކް ހަމަތަކާ އެއްގޮތަށް ދިވެހިން ނިންމާފައިވާ ނިންމުންތަކަށް ކަމާ ބެހޭ އެންމެހާ ފަރާތްތަކުން އިހުތިރާމް ކުރުމުގެ މުހިއްމުކަން ފާހަގަކުރަން ދިވެހި ސަރުކާރުން ބޭނުންވެ އެވެ." -- ސަރުކާރު

އަބުރުގެ ބިލުގެ މައްސަލައިގެ އިތުުރުން، ގާނޫނީ ވެރިކަމަށް އަނބުރާ ރުޖޫއަވާން ރައީސް އަބްދުﷲ ޔާމީނަށް ބޭރުގެ ފަރާތްތަކުން ނެރުނު ބަޔާނުގައި ވަނީ ގޮވާލާފަ އެވެ. އެ ގޮތުން، ވޭޭތުވެދިޔަ އަހަރުތަކުގައި ފަހަތަށް އެޅި ފިޔަވަޅުތައް އަނބުރާލުމަށް ފަހު، ގާނޫނީ ވެރިކަމާއި ޑިމޮކްރަސީގެ މަގަށް އަނބުރާ ރުޖޫއަވާން ވަނީ ބާރުއަޅާފަ އެވެ.

އެކަމަށް ވެސް ފޮރިން މިނިސްޓްރީން ވަނީ ރައްދު ދީފަ އެވެ.

"އިތުބާރު ކުރެވޭ ބައިނަލްއަގުވާމީ އިދާރާތަކުން ބަލައި ރަނގަޅު ކަމަށް ކަނޑައަޅާފައިވާ ނިޒާމެއްގެ ތެރެއިން، ޑިމޮކްރެޓިކް ހަމަތަކާ އެއްގޮތަށް ދިވެހިން ނިންމާފައިވާ ނިންމުންތަކަށް ކަމާ ބެހޭ އެންމެހާ ފަރާތްތަކުން އިހުތިރާމް ކުރުމުގެ މުހިއްމުކަން ފާހަގަކުރަން ދިވެހި ސަރުކާރުން ބޭނުންވެ އެވެ،" ބަޔާނުގައިވެ އެވެ.