03 އޯގަސްޓް 2016
އަބުރު ރައްކާތެރިކުރުމަށް ބުނެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ ބޭނުމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރުމެވެ. ރާއްޖެ އާއި މުޅި ދުނިޔޭގެ ފަރާތްތަކުން ވެސް ދައްކަމުން މި ދަނީ އެ ވާހަކަ އެވެ. މި ބިލުގެ ސަބަބުން ހުރިހާ ރައްޔިތުންގެ އެންމެ އަސާސީ އެއް ހައްގު ގެއްލިދާނެ ކަމުގެ އިންޒާރު ރާއްޖޭގެ ކަންކަމަށް ޝައުގުވެރިކަން ބަހައްޓާ ބޭރުގެ ހުރިހާ ފަރާތްތަކަކުންހެން އެ ދަނީ ދެމުންނެވެ.
އަބުރު ރައްކާތެރިކުރުމަށް ބުނެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ ބޭނުމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރުމެވެ. ރާއްޖެ އާއި މުޅި ދުނިޔޭގެ ފަރާތްތަކުން ވެސް ދައްކަމުން މި ދަނީ އެ ވާހަކަ އެވެ. މި ބިލުގެ ސަބަބުން ހުރިހާ ރައްޔިތުންގެ އެންމެ އަސާސީ އެއް ހައްގު ގެއްލިދާނެ ކަމުގެ އިންޒާރު ރާއްޖޭގެ ކަންކަމަށް ޝައުގުވެރިކަން ބަހައްޓާ ބޭރުގެ ހުރިހާ ފަރާތްތަކަކުންހެން އެ ދަނީ ދެމުންނެވެ.
ބިލު ހުށަހެޅީ ސަރުކާރުންނެވެ. ބިލު ދިފާއުކުރަނީ ސަރުކާރުންނާއި ސަރުކާރަށް ތާއީދު ކުރައްވާ މަޖިލީހުގެ މެމްބަރުންނެވެ. ބޭރުގެ ކަންބޮޑުވުންތަކާއި ފާޑުކިއުންތަކަށް އެ ބޭފުޅުން ދެއްވާ ރައްދު އަމާޒުކުރައްވަނީ އެ ގައުމުތަކުގައި ހުރި ގާނޫނުތަކަށެވެ. ޔޫރަޕްގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް އަބުރާ ބެހުން ޖިނާއީ ކުށެއްގެ ގޮތުގައި އޮންނަކަން އެ ބޭފުޅުން ފާހަގަކުރައްވަ އެވެ.
ޔޫރަޕްގެ އިއްތިހާދު (އީޔޫ)ގެ 28 ގައުމުގެ ތެރެއިން 23 ގައުމެއްގައި އަދިވެސް އަބުރާ ބެހުމަކީ ޖިނާއީ ކުށެކެވެ. ޖަރުމަނާއި ފްރާންސާއި އިޓަލީ އާއި ސްޕެއިން އަދި ސްވިޑްން ފަދަ ބޮޑެތި ގައުމުތައް ހިމެނޭ ގޮތުން 17 ގައުމެއްގައި ގާނޫނު ބައްޓަންކޮށްފައި ވަނީ ޖަލު ހުކުމެއް އަންނަ ގޮތަށެވެ. އެ ގައުމުތަކުގައި "ދައުލަތުގެ ގަދަރަށް" އަރައިގަތުމަކީ ވެސް އަބުރާ ބެހުން ކަމަށް ބަލަ އެވެ.
ޔޫރަޕްގެ ގައުމުތަކުގައި އަބުރާ ބެހުމުގެ މައްސަލަ އޮންނަ ގޮތް: މެރޫން - ޖިނާއީ ކުށެއް، ޖަލު ހުކުމް، އޮރެންޖު - ޖިނާއީ ކުށެއް އެކަމަކު ޖަލު ހުކެއް ނާންނާނެ، ނޫ - ޖިނާއީ ކުށެއް ނޫން.-- ޗާޓު: އިންޓަނޭޝަނަލް ޕްރެސް އިންސްޓިޓިއުޓް
އީޔޫގެ ފަސް ގައުމެއް (ބެލްޖިއަމް، ނެދަލެންޑްސް، ޑެންމާކް، ސްޕެއިން އަދި ސްވިޑްން) ގައި ޝާހީ އާއިލާ އަށް ކުޑައިމިސް ވާ ގޮތަށް އެއްޗެއް ބުނުމަކީ ވެސް އަބުރާ ބެހުމެވެ. އެ އިއްތިހާދުގެ 14 ގައުމެއް (އޮސްޓްރިއާ، ބަލްގޭރިއާ، ކްރޮއޭޝިއާ، އެސްޓޯނިއާ، ފްރާންސް، ޖަރުމަނު، ގްރީސް، ހަންގޭރީ، ލެޓްވިއާ، ލިތުއޭނިއާ، މޯލްޓާ، ޕޯލަންޑް، ޕޯޗުގަލް އަދި ސްލޮވީނިއާ) ގައި ގައުމީ ދިދަ އާއި ގައުމީ ނިޝާނާއި އެ ނޫން ވެސް ދިރުމެއް ނެތް އެއްޗަކާ ގުޅޭ ގޮތުން ބުނެވޭ ބަހަކުން ވެސް އަބުރާ ބެހެވި ދާނެ އެވެ. މީގެ އިތުރުން، ހަ ގައުމެއް (ބަލްގޭރިއާ، ފްރާންސް، ޖަރުމަނު، އިޓަލީ، ޕޯޗުގަލް އަދި ނެދަލެންޑްސް) ގައި ދައުލަތުގެ މަގާމެއް ފުރުއްވާ ބޭފުޅެއްގެ އަބުރާ ބެހެފި ނަމަ ލިބޭ އަދަބު، އާއްމު ރައްޔިތެއްގެ އަބުރާ ބެހޭ މީހަކަށް ދޭ އަދަބަށް ވުރެ ބޮޑެވެ.
- 23 ގައުމެއްގައި އަދިވެސް އަބުރާ ބެހުމަކީ ޖިނާއީ ކުށެއް
- 17 ގައުމެއްގައި ޖަލު ހުކުމް އާދޭ
- 5 ގައުމެއްގައި ޝާހީ އާއިލާ އަށް ކުޑައިމިސް ވާ ގޮތަށް އެއްޗެއް ބުނުމަކީ އަބުރާ ބެހުން
- 14 ގައުމެއް ގައުމީ ނިޝާންތަކާ ގުޅޭ ގޮތުން ވެސް އަބުރާ ބެހެވޭ
- 6 ގައުމެއްގައި ބޮޑުންގެ އަބުރާ ބެހޭ މީހުންނަށް ލިބޭ އަދަބު ބޮޑު
މި ގާނޫނުތައް އޮންނަތާ އެތައް އަހަރެއް ވެއްޖެ އެވެ. އެހެންވެ، ޔޫރަޕްގެ ގިނަ ގައުމުތަކަކުން އަންނަނީ މި ގާނޫނުތައް ޒަމާނަށް ފެއްތުމުގެ މަސައްކަތް ކުރަމުންނެވެ.
އެ ގޮތުން، މިިދިޔަ ހަ އަހަރުގެ ތެރޭގައި ގާނޫނުތަކަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ. އަބުރާ ބެހުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި އޮތް އޮތުން މެސެޑޯނިއާ އާއި ސާބިއާ އާއި ރޫމޭނިއާ އިން 2012 ގައި ބާތިލް ކުރިއިރު، ގަސްދުގައި އަބުރާ ބެހުމާ ގުޅޭ ގާނޫނުއަސާސީގެ މާއްދާ ލެޓްވިއާ އިން ވަނީ 2009 ގައި ބާތިލްކޮށްފަ އެވެ. ވަރަށް ސީރިއަސް މައްސަލަތަކުގައި ނޫނީ އަބުރާ ބެހިގެން ޖަލަށް ނުލެވޭނެ ގޮތަށް 2014 ގައި ފިންލެންޑުން ވަނީ ހަމަޖައްސާފަ އެވެ. އަބުރުގެ މައްސަލަތަކުގައި ދޭ އަދަބު ޕޯލަންޑުން ވަނީ 2010 ގައި ކުޑަކޮށްފަ އެވެ. މީގެ އިތުުރުން، ރައީސްގެ ކަރާމާތާއި ގަދަރަށް އުނިކަން ލިބޭ ގޮތަށް ވާހަކަދައްކައިގެން ބޮޑެތި އަދަބުތަކެއް ލިބޭ ގޮތަށް އޮތް އޮތުން ފްރާންސުން ވަނީ 2013 ގައި ބާތިލްކޮށްފަ އެވެ.
"ސުލްހަވެރިކަމާ އެކު އެ މީހެއްގެ ހިޔާލު ފާޅުކުރުމުގެ ސަބަބުން ހައްޔަރުކުރުމަކީ މީހުންގެ އަނގަ ބަންދުކުރުމަށް އެޅޭނެ އެންމެ ނުރައްކާތެރި ފިޔަވަޅެވެ. މިއީ އިންސާނީ ހައްގަކަށް ވަރަށް ބޮޑަށް އަރައިގަތުމެވެ." -- އިންސާނީ ހައްގުތަކާ ބެހޭ އދ.ގެ ކޮމިޓީ
އިނގިރޭސިވިލާތާއި ކޮމަންވެލްތުގެ ވަރަށް ގިނަ ގައުމުތަކުގައި އަބުރާ ބެހެފި ނަމަ ވަރަށް ހަރުކަށި އަދަބުތަކެއް ޒަމާނުއްސުރެ ދެ އެވެ. އިނގިރޭސި ގާނޫނު ވެސް އޮތީ އެ ގޮތަށެވެ. ބުނާ ބަހެއްގެ އިތުުރުން ވެސް، ޝާއިއުކުރާ ލިއުމެއްގެ ސަބަބުން އަބުރު ގެއްލޭ ކަމަށް ބެލެވޭ ނަމަ އެ މައްސަލައެއް ހައި ކޯޓަށް ހުށަހަޅައި ބަދަލެއް ނަގައި ދޭން އެދެވެ އެވެ. މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައިވާ ގޮތަށް، އަބުރުގެ މައްސަލަތަކުގައި ދައުވާ ކުރާ ފަރާތުގެ އަބުރަށް އަރައިގަތް ކަމަށް ބުނާ ވާހަކައިގެ ތެދު ދޮގު ސާބިތުކޮށްދޭން ޖެހެނީ ދައުވާ ލިބޭ ފަރާތުންނެވެ. އެ ވާހަކައެއް ޝާއިއުކުރި މީޑިއާއަކުން ނުވަތަ އެހެން ވެސް ގޮތަކުން ފަތުރާ ފަރާތަކުން ވެސް ޒިންމާ ނަގަންޖެހެ އެވެ.
އިނގިރޭސި ގާނޫނު އޭރު އޮތް ގޮތުން އަބުރާ ބެހުމުގެ މައްސަލަތަކުގެ 90 ޕަސެންޓު ނިމެނީ ދައުވާ ކުރާ ފަރާތާ އެއްކޮޅަށް ކަމަށް ތޮމްސަން ރޮއިޓާސް އިން ކުރި ދިރާސާއަކުން ދައްކަ އެވެ. އޮގަނައިޒޭޝަން ފޯ ސެކިއުރިޓީ އެންޑް ކޯޕަރޭޝަން އިން ޔޫރަޕް (އޯއެސްސީއީ)ން ވަނީ އީޔޫގެ ގައުމުތައް، ހާއްސަކޮށް އިނގިރޭސި ގާނޫނުގައި ހުރި މައްސަލަތައް ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައި، އަބުރާ ބެހުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި އޮތުމާއި ދައުވާ ލިބޭ ފަރާތަށް އެކަށީގެންވާ ދިފާއުތަކެއް ނެތުމާއި ކުށް ސާބިތުކުރުމުގެ ޒިންމާ ދައުވާ ލިބޭ ފަރާތާ މަތިކޮށްފައިވުމާއި ކުށް ސާބިތުވުމަށް ބޭނުންވާ މިންވަރަކީ ސަލާމަތް ބުއްދި އަށް ވިސްނުން ކަމަށް އޮންނަ އޮތުން ހިމެނެ އެވެ.
ހިޔާލު ފާޅުކުރުމަށް ހުރަސް އަޅާ ބިލަށް މަޖިލީހުގައި މިދިޔަ ހޯމަ ދުވަހު ބަހުސް ކުރިއިރު ނޫސްވެރިންތަކެއް މަޖިލިސް އިދާރާ ކައިރީގައި އިހުތިޖާޖު ކުރަނީ.-- ފޮޓޯ: ހުސެން ޝަޔާހު/ މިހާރު
އެ ފާޑިއުކިއުންތަކާ ވެސް ގުުޅިގެން، 2009ގައި ގާނޫނެއް ފާސްކޮށް، ޝާއިއުކުރާ ލިއުމެއްގެ ސަބަބުން އަބުރު ގެއްލުނަސް އެއީ ޖިނާއީ ކުށެއް ނޫން ކަމަށް އިނގިރޭސިވިލާތުގައި ކަނޑައެޅި އެވެ. އެހެންވެ، އިނގިރޭސިވިލާތުގައި އަބުރާ ބެހުން ޖިނާއީ ކުށަކަށް މިހާރު ވަނީ ހަމައެކަނި ދައްކާ ވާހަކައަކާ ގުޅިގެންނެވެ.
އެކަމަކު، އެކަމަށް ވެސް ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދައި ދިނުމަށް އިނގިރޭސި ގާނޫނު ހަދާ މަޖިލީހުން ވަނީ 2013ގެ ފަހުކޮޅު އާ ގާނޫނެއް ފާސްކޮށްފަ އެވެ. ޖެހިގެން އައި އަހަރު އަމަލު ކުރަން ފެށި "އަބުރު ރައްކާތެރިކުރުމާ ބެހޭ ގާނޫނު"ގެ ދަށުން، އަބުރާ ބެހުނު ކަމަަށް ސާބިތު ވާނީ ވަރަށް ބޮޑު ގެއްލުމެއް ލިބުނު ކަމުގެ ހެއްކާއި ގަރީނާ ދައްކައިގެންނެވެ. ކުރީގެ ގާނޫނަށް ގެނައި މި އިސްލާހު ބުނާ ގޮތުން އަބުރަށް ގެއްލުން ވާ ކަމަށް ރައްދުވާ ފަރާތަށް ގަބޫލުކުރެވުނަސް، މުޅި މުޖުތަމައުގެ މަސްލަހަތު ހިމެނޭ ކަންކަމުގެ ވާހަކަދައްކައި ރިޕޯޓު ކުރެވޭނެ އެވެ. އަދި އަމިއްލަ ހިޔާލަކީ ވަކި އެއްޗެއް ކަމަށް ހަދައި އެ މީހަކު ދެކޭ ގޮތް ފާޅުކުރުމަކީ އަބުރާ ބެހުން ނޫން ކަމަށް މި ގާނޫނުގައި ކަނޑައަޅާފައިވެ އެވެ. މީގެ އިތުރުން، ޖޫރީން ތިބެގެން ނޫނީ ޝަރީއަތެއް ވެސް ނުހިންގެ އެވެ.
އަބުރާ ބެހުމަކީ ޖިނާއީ ކުށެއް ކަމަށް އިންޑިއާގެ ގާނޫނުލްއުގޫބާތުގައި ކަނޑައަޅާފައިވެ އެވެ. އެ މާއްދާތައް ރަނގަޅު ކަމަށް އިންޑިއާގެ ސުޕްރީމް ކޯޓުން ވަނީ މިދިޔަ މޭ މަހު ކަނޑައަޅާފަ އެވެ. އިންޑިއާގެ އިދިކޮޅު ޕާޓީގެ ނައިބު ރައީސް ރާހުލް ގާންދީ އާއި ދިއްލީގެ ޗީފް މިނިސްޓަރު އަރުވިންދު ކެޖުރަވާލް ވަކިން ހުށަހެޅުއްވި މައްސަލައިގައި ސުޕްރީމް ކޯޓުން ބުނީ އަބުރު ރައްކާތެރިކުރުމަކީ ކޮންމެ މީހެއްގެ ވެސް އަސާސީ އަދި އިންސާނީ ހައްގެއް ކަމަަށެވެ. ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި މީހުންގެ އަބުރަށް އަރައި ނުގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުން އޭރު ބުންޏެވެ.
"ސަރުކާރު ކޮރަޕްޓް ކަމަށް ނުވަތަ ނުކުޅެދިފައިވާ ކަމަށް މީހަކު ބުނުމަކީ އަބުރާ ބެހުމުގެ ދައުވާ ކުރެވޭނެ ކަމެއް ނޫން. ފާޑު ކިއުންތައް ބަލައިގަނެވެން ޖެހޭނެ. އަބުރާ ބެހުމަކީ ކުށެއް ކަމަށް އޮންނަ މާއްދާ ސިޔާސީ ހަތިޔާރަކަށް ބޭނުމެއް ނުކުރެވޭނެ." -- އިންޑިއާގެ ސުޕްރީމް ކޯޓު
އެކަމަކު، ހަމަ އެ ކޯޓުން ވަނީ އަބުރާ ބެހުން ޖިނާއީ ކުށެއްގެ ގޮތުގައި އޮތް އޮތުން ވަކިވަކި މީހުން، ހާއްސަކޮށް ސިޔާސީ ބޭފުޅުންނާ ދެކޮޅަށް ބޭނުން ނުކުރާނެކަން ކަށަވަރުކުރަން އެހެން ހުކުމެއް ވެސް ކޮށްފަ އެވެ. މިދިޔަ މަހު ފަހުކޮޅު ކުރި އެ ހުކުމުގައި ސުޕްރީމް ކޯޓުން ބުނީ އަބުރާ ބެހުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި އޮތުން ރަނގަޅު ކަމަށް އެ ކޯޓުން ކުރިން ނިންމާފައި އޮތަސް އޭގެ މާނައަކީ އިދިކޮޅު ހިޔާލުތަކަށް ފުރުސަތު ނެތުން ނޫން ކަމަށެވެ. އަދި ސަރުކާރާއި ދައުލަތުގެ އިސްވެރިންނަށް ފާޑު ކިއުމަކީ އަބުރާ ބެހުން ކަމަށް ނުވާނެ ކަމަށް އެ ކޯޓުން ބުންޏެވެ.
"ސަރުކާރު ކޮރަޕްޓް ކަމަށް ނުވަތަ ނުކުޅެދިފައިވާ ކަމަށް މީހަކު ބުނުމަކީ އަބުރާ ބެހުމުގެ ދައުވާ ކުރެވޭނެ ކަމެއް ނޫން. ފާޑު ކިއުންތައް ބަލައިގަނެވެން ޖެހޭނެ. އަބުރާ ބެހުމަކީ ކުށެއް ކަމަށް އޮންނަ މާއްދާ ސިޔާސީ ހަތިޔާރަކަށް ބޭނުމެއް ނުކުރެވޭނެ،" އެ ކޯޓުން ބުނެފައިވެ އެވެ.
މަޖިލީހަށް މިހާރު ހުށަހަޅާފައިވާ އަބުރުގެ ބިލާއި އިނގިރޭސިވިލާތުގައި އެންމެ ކުރިން ބޭނުންކުރި ގާނޫނާ އެއްގޮތް ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. މި ބިލުގައި ހުރި ކަންބޮޑުވުންތައް ގޮސް ގުޅެނީ އެތައް ޒަމާނެއް ކުރިން އިނގިރޭސިން ބޭނުން ކުރަން ފެށި ގާނޫނުގައި ހުރި މައްސަލަތަކާ އެވެ. އިސްތިއުމާރީ ބާރެއްގެ ގޮތުގައި އިނގިރޭސިން ދުނިޔޭގެ ހުރިހާ ބިތަކަށް ބާރު ފޯރުވިއިރު އެ މީހުންގެ ހައިބަތާއި ގަދަރު ރައްކާތެރި ކުރަން މި ގާނޫނު ވަރަށް ބޮޑަށް ބޭނުން ކުރި އެވެ. އެހެންވެ، ފިއްތުންތަން އޭގެ ޒާތުގައި ބޮޑު ވާނެ އެވެ.
އަބުރުގެ ބިލު ދިރާސާ ކުރުމަށް އެކުލަވާލި ކޮމެޓީގެ އިއްޔެގެ ބައްދަލުވުމުގައި މެމްބަރަކު އެއްޗެއް ކިޔުއްވަނީ: މި ބިލު ދިރާސާ ކުރުމުގެ މަސައްކަތް ވަނީ ފަށާފައި.-- މުހައްމަދު ޝަރުހާން/ މިހާރު
އެކަމަކު، ޑިމޮކްރެސީ އަށް މުޅި ދުނިޔެ ދަތުރު ކުރަމުން ދާއިރު، އަބުރާ ބެހުން ޖިނާއީ ކުށެއްގެ ގޮތުގައި ބޭއްވުމާ ބައިނަލްއަގުވާމީ މުޖުތަމައު ދެކޮޅެވެ. އެ ގޮތަށް ހުރި ގާނޫނުތައް އުވާލަން އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމާއަތް، އެމްނެސްޓީ އިންޓަނޭޝަނަލް އާއި ނޫސްވެރިންގެ ހިމާޔަތުގައި މަސައްކަތް ކުރާ ޖަމާއަތް، ރިޕޯޓާސް ވިތައުޓު ބޯޑާޒް (އާރުއެސްއެފް) އިން ބާރު އަޅަ އެވެ. ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ގޮވާލާ ޖަމާއަތެއް ކަމަށްވާ އާޓިކަލް 19 އިން ވެސް އެ ގޮވާލުމަށް ތާއީދު ކުރެ އެވެ.
އީޔޫގެ ގައުމުތަކުން މަޑުމަޑުން ގާނޫނުތައް ބަދަލުކުރަމުން އަންނައިރު، މަދަނީ މައްސަލައަކަށް ހަދަން އޯއެސްސީއީ އާއި ކައުންސިލް އޮފް ޔޫރަޕް ފަދަ ޖަމާއަތްތަކުންނާއި ކަމާ ބެހޭ ތަޖުރިބާކާރުން އަންނަނީ އެ ގައުމުތަކަށް ވެސް ގޮވާލަމުންނެވެ.
އަބުރާ ބެހުން ޖިނާއީ ކުށެއްގެ ގޮތުގައި ބޭއްވުމަކީ މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ (އައިސީސީޕީއާރު)އާ ހިލާފު ކަމެއް ކަމަށް އިންސާނީ ހައްގުތަކާ ބެހޭ އދ.ގެ ކޮމިޓީން 2012 ގައި ނިންމި އެވެ. ސެޕްޓެމްބަރު 19، 2006 ގައި ރާއްޖޭން ބައިވެރިވެ، އެ އަހަރުގެ ޑިސެމްބަރު 19 ގައި ތަސްދީގު ކުރި އައިސީސީޕީއާރަށް ގައުމުތަކުން ތަބާވާ މިންވަރު ބަލާ ކޮމިޓީން ނިންމި ގޮތުގައި އަބުރާ ބެހުމަށް ޖިނާއީ އަދަބެއް ދިނުމަކީ އެ މުއާހަދާގެ 19 ވަނަ މާއްދާ އިން ލިބިދޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރެވޭނެ ފިޔަވަޅެކެވެ.
"ސުލްހަވެރިކަމާ އެކު އެ މީހެއްގެ ހިޔާލު ފާޅުކުރުމުގެ ސަބަބުން ހައްޔަރުކުރުމަކީ މީހުންގެ އަނގަ ބަންދުކުރުމަށް އެޅޭނެ އެންމެ ނުރައްކާތެރި ފިޔަވަޅެވެ. މިއީ އިންސާނީ ހައްގަކަށް ވަރަށް ބޮޑަށް އަރައިގަތުމެވެ،" ފިލިޕީންސްގެ އަބުރާ ބެހުމުގެ ގާނޫނާ ހިލާފުވެގެން ޖަލަށް ލީ ބްރޯޑްކަސްޓަރެއްގެ މައްސަލައިގައި އދ.ގެ ކޮމިޓީން ނިންމި ނިންމުމުގައިވެ އެވެ.
Joint Statement by diplomatic missions concerned about the draft Defamation Bill in #Maldives pic.twitter.com/j4yZu5o16a
— Amb Atul Keshap (@USAmbKeshap) July 31, 2016
އަބުރުގެ ބިލާ ގުޅިގެން ބޭރުގެ ފަސް ފަރާތެއް ގުޅިގެން ނެރުނު ބަޔާން.
ބޭރުގެ ފަރާތްތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މި ފަދަ ގާނޫނުތައް ބޭނުންކޮށްގެން އަބުރު ރައްކާތެރިކުރުމުގެ ނަމުގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނައްތާލުމެވެ. ފާޑުކިއުންތައް ނެތިކޮށްލަން މިފަދަ ގާނޫނުތައް ބޭނުން ކުރާކަން އޯއެސްސީއީ އާއި އެމްނެސްޓީ ފަދަ ޖަމާއަތްތަކުން ފާހަގަކުރެ އެވެ. ކުރިއަރާފައިވާ ބައެއް ގައުމުތަކުގައި ވެސް އެކަން ކޮންމެވެސް ވަރަކަށް ހިނގަ އެވެ. ވަކި ގައުމެއް އިސްތިސްނާ ކުރުމެއް ނެތި، އަބުރާ ބެހުން ޖިނާއީ ކުށެއްގެ ގޮތުގައި އޮންނަ އޮތުން ބާތިލު ކުރަން ކަމާ ބެހޭ ތަޖުރިބާކާރުން ގޮވާލަނީ އެހެންވެ އެވެ.
އަބުރު ރައްކާތެރިކުރެވެން ޖެހެ އެވެ. އެކަމަކު، އެކަން ނިވާފަތްގަނޑަކަށް ހަދައިގެން، ފާޑުކިއުން ނައްތާލައިގެން ނުވާނެ އެވެ. ރާއްޖޭގައި މި ފަހުން އަމަލުކުރަން ފެށި ޓެރަރިޒަމްގެ ގާނޫނު ބޭނުންކޮށްގެން ސިޔާސީ ފަރާތްތައް ޖަލަށް ލަމުން ދާ ކަމަށް އީޔޫން ބުނެފައި ވާއިރު، އަބުރުގެ ބިލު ގާނޫނަކަށް ވެގެން އައުމުން ދެން ވާނެ ގޮތެއްގެ ބިރު އެބަ އޮތެވެ. މިހާ ބޮޑަށް ފިއްތާފައިވާ ގާނޫނެއްގެ ސަބަބުން މިނިވަން ނޫސްވެރިކަމަށް ވެސް ނިމުން އައިސްފާނެ ކަމުގެ ކަންބޮޑުވުން މީޑިއާތަކުން ފާޅުކުރަނީ ވެސް އެހެންވެ އެވެ.
"އަބުރާ ބެހުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅާފައިވާ ގާނޫނުތަކުގެ ސަބަބުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ވަރަށް ބޮޑަށް ހުރަސް އެޅެ އެވެ. އަދި ދައުލަތަށް ފާރަވެރިވެ އޮތުމުގެ ޒިންމާ މީޑިއާ އަށް އަދާ ނުކުރެވެ އެވެ. މީގެ އިތުުރުން، ނޫސްވެރިންނަށް މިނިވަންކަމާ އެކު، އެއްވެސް ބިރެއް ނެތި، ހެޔޮ ނިޔަތުގައި އެ ފަރާތްތަކުގެ މަސްއޫލިއްޔަތު އަދާކުރުމަށް ވެސް ހުރަސް އެޅެ އެވެ،" އެފްރިކާގެ ގައުމުތަކުގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނުން ބުނެފައިވެ އެވެ.
ރާއްޖެ ފަދަ ޝަރުއީ ދާއިރާގެ މިނިވަންކަމާއި އިންސާފުވެރިކަމާ މެދު، އދ. އާއި އެ ނޫން ވެސް ރާއްޖެ އާއި ބޭރުގެ ފަރާތްތަކުން ޝައްކު އުފައްދާ ގައުމެއްގައި އަބުރުގެ ގާނޫނު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ފުރުސަތު އެބައޮތެވެ. ޒަމާންވީ ގާނޫނުތައް ދޫކޮށް ޑިމޮކްރެސީއާ ދިމާލަށް އެހެން ގައުމުތަކުން ދާއިރު، ޒަމާނީ އުސޫލުތަކާ ބީރަށްޓެހި ގާނޫނެއް މި ހާލަތުގައި އޮތް ރާއްޖެ އަށް ގެންނަން އުޅޭތީ ސުވާލު އުފެދެ އެވެ. ޔޫރަޕުން ކުރިޔަސް ގޯސް ކަމެއް ވާނީ ގޯހަކަށެވެ. އެ މީހުން ކުރާހާ ކޮންމެ ކަމެއް އަހަރުމެން ކުރާކަށް ނުޖެހެ އެވެ.
އަބުރުގެ ބިލަށް ބޭރުން ކިޔާ ފާޑު ބަލައެއް ނުގަންނަން
ރާއްޖެ އަށް ފިޔަވަޅު އެޅިޔަ ނުދޭން މަސައްކަތް ކުރާނަން
އީޔޫ ޕާލިމެންޓްގެ މެމްބަރުންނާ ޖަމީލް ބައްދަލުކޮށްފި
އީޔޫ އިން ރާއްޖެ އަށް ފިޔަވަޅު އަޅާކަށް ނޫޅޭ: ޝިއާން
އީޔޫގެ ވަރުގަދަ އިންޒާރު: މިއީ ކުޑަ ކަމެއް ނޫން!
"އީޔޫގެ ގަރާރަކީ އެޅި ފިޔަވަޅެއް، އަސަރު ކުރާނެ"
ކޮލަމް: ޔޫރަޕް ފެންވަރުގެ "ޖާހިލިއްޔަ ޒަމާނަށް"!
މަރުގެ އަދަބާ ދެކޮޅަށް އީޔޫން ދިވެހި އެމްބަސީ އަށް!
އީޔޫ އާއި މެލޭޝިއާގެ ސަފީރުން ފަތްކޮޅު އަރުވައިފި
މުއިއްޒު ފުރަތަމަ ބައްދަލުކުރެއްވީ ޔޫކޭ ސަފީރާ