Roadha Mihaaru
ބޭސްފަރުވާއަށް ބޭރަށް ދާ ދިވެހިންގެ އަދަދު ދަށަށް

ބޭސްފަރުވާއަށް ބޭރަށް ދާ ދިވެހިންގެ އަދަދު ދަށަށް، އެކަމަކު އިންޑިއާއަށް ދާ މީހުން މަދެއް ނުވޭ

26 ޖުލައި 2018

އަހަރުގެ ބޮޑު ޗުއްޓީ ތެރޭގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންގެ އަދަދު އަހަރުން އަހަރަށް ދަށްވެފައިވާ ކަމަށާއި އެކަމަކު އިންޑިއާއަށް ބޭސްފަރުވާއަށް ދާ މީހުންގެ އަދަދު މަދުނުވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހެދި ސާވޭއަކުން ދައްކައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

އަހަރުގެ ބޮޑު ޗުއްޓީ ތެރޭގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންގެ އަދަދު އަހަރުން އަހަރަށް ދަށްވެފައިވާ ކަމަށާއި އެކަމަކު އިންޑިއާއަށް ބޭސްފަރުވާއަށް ދާ މީހުންގެ އަދަދު މަދުނުވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހެދި ސާވޭއަކުން ދައްކައިފި އެވެ.

މަރުކަޒީ ބޭންކުން މިދިޔަ ޑިސެމްބަރު 22 ން 28 އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެރައިވަލް ހޯލުގައި ކުރިޔަށް ގެންދިޔަ ސާވޭގެ ނަތީޖާ އިއްޔެ އާންމުކުރި އިރު އެއިން ދައްކާ ގޮތުން، ބޭސްފަރުވާ ހޯދަން މިދިޔަ އަހަރު 1،889 މީހުން ބޭރަށް ދަތުރުކުރި އެވެ. މިއީ އެ ސާވޭގައި ބައިވެރިވި 4،220 މީހުންގެ ތެރެއިން 45 ޕަސެންޓެވެ.

އެކަމަކު 2016 ގައި ބޭސްފަރުވާއަށް 2،281 މީހުން ދަތުރުކޮށްފައިވެ އެވެ. އަދި 2015 ވަނަ އަހަރު 2،247 މީހުން ބޮޑު ޗުއްޓީގައި ބޭސްފަރުވާ ހޯދަން ދަތުރުކުރި ކަމަށް މަރުކަޒީ ބޭންކުގެ ސާވޭއިން ދައްކަ އެވެ.

އެމްއެމްއޭގެ ސާވޭ އިން ދައްކާ ގޮތުން ޗުއްޓީގައި ދިވެހިން އަދިވެސް އެންމެ ގިނައިން ބޭސްފަރުވާއަށް ދަނީ އިންޑިއާ އަށެވެ. އެގޮތުން މިދިއަ އަހަރު ދިޔަ 1،889 މީހުންގެ ތެރެއިން 65 ޕަސެންޓް މީހުން ދަތުރުކުރީ އިންޑިއާ އަށެވެ. އަދި 2016 ވަނަ އަހަރު ބޭހަށް ދިޔަ 2،281 މީހުންގެ ތެރެއިން 58 ޕަސެންޓް (1،312 މީހުން) އަދި 2015 ވަނަ އަހަރު ދަތުރުކުރި 2،247 މީހުންގެ ތެރެއިން 57 ޕަސެންޓް (1،281) މީހުންގެ މަންޒިލަކީ ވެސް އިންޑިއާ އަށެވެ.

އިންޑިއާ ފިޔަވައި ދިވެހިން ބޮޑު ޗުއްޓީގައި ބޭސްފަރުވާ ހޯދަން އެންމެ ގިނައިން ދެން ދަތުރުކުރަނީ ސްރީ ލަންކާ، ތައިލެންޑް، މެލޭޝިއާ އަދި ސިންގަޕޫރަށެވެ. ނަމަވެސް ސްރީ ލަންކާއަށް ބޭސްފަރުވާއަށް ދަތުރުކުރާ މީހުންގެ އަދަދު އަހަރުން އަހަރަށް ދަށްވަމުން ދާ ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކަ އެވެ.

ޗުއްޓީގައި ދިވެހިން ރާއްޖެއިން ބޭރަށް ގޮސްކުރާ ހޭދައާ ބެހޭ ސާވޭގައި މިދިޔަ ޑިސެމްބަރު މަހު އެމްއެމްއޭގެ އޮފިޝަލަކު ވެލާނާ އެއާޕޯޓުގައި ސުވާލުކުރަނީ. ފޮޓޯ: އެމްއެމްއޭ

ޗުއްޓީގައި ދިވެހިން ރާއްޖެއިން ބޭރަށް ގޮސްކުރާ ހޭދައާ ބެހޭ ސާވޭގައި މިދިޔަ ޑިސެމްބަރު މަހު އެމްއެމްއޭގެ އޮފިޝަލަކު ވެލާނާ އެއާޕޯޓުގައި ސުވާލުކުރަނީ. ފޮޓޯ: އެމްއެމްއޭ

މަރުކަޒީ ބޭންކުގެ ސާވޭ އިން ދައްކާ ގޮތުން އިންޑިއާއަށް ދަތުރުކުރާ ދިވެހިން ބޭސްފަރުވާއަށް ކުރާ ހޭދަ ދަނީ ބޮޑުވަމުންނެވެ. އެގޮތުން 2017 ގައި ބޮލަކަށް 687 ޑޮލަރު ހޭދަކުރިއިރު، 2016 ގައި އެ ނިސްބަތް އުޅުނީ ބޮލަކަށް 641 ޑޮލަރުގަ އެވެ. އަދި 2015 ގައި ބޭހަށް ހޭދަކުރި ވަރު ބޮލަކަށް 512 ޑޮލަރު ޖެހެ އެވެ.