Roadha Mihaaru
ބްރިޖްގެ ދަތުރުތަކަށް ނުވަ ބަސް ގެނެސްފި

ބްރިޖްގެ ދަތުރުތަކަށް ނުވަ ބަސް ގެނެސްފި

31 ޖުލައި 2018

މާލެ އާއި ހުޅުލެ އަދި ހުޅުމާލެއާ ދެމެދު ބްރިޖްގައި ދަތުރުކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނުވަ ބަސް މިއަދު ގެނެސްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލެ އާއި ހުޅުލެ އަދި ހުޅުމާލެއާ ދެމެދު ބްރިޖްގައި ދަތުރުކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނުވަ ބަސް މިއަދު ގެނެސްފި އެވެ.

އަންނަ މަހު ހުޅުވާ ބްރިޖްގެ ދަތުރުތައް ކުރަން ހަވާލުކޮށްފައިވާ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ ބަހުގެ ފުރަތަމަ ޝިޕްމެންޓް މިއަދު އައިސްފައިވާ ކަމަށެވެ. އެމްޕީއެލުން މިހާރު ވަނީ ބަހުގެ ހިދުމަތް ދޭން 45 ޑްރައިވަރުން ހޯދަން ވެސް އިއުލާން ކޮށްފަ އެވެ.

އެ ކުންފުނީގެ އެސިސްޓެންޓް ސީއީއޯ ރާބިހު މުހައްމަދު "މިހާރު" އަށް ކުރިން ވިދާޅުވި ގޮތުގައި ބަހުގެ ހިދުމަތް ފަށައިގަންނަ އިރު އެކި ސައިޒުގެ 22 ބަސް ބޭނުން ކުރާނެ އެވެ. އަދި ކޮންމެ ދިހަ މިނެޓަކުން އެއް ފަހަރު ދަތުރެއް ކުރަން ރާވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްޕީއެލުން ވަނީ ބްރިޖްގެ ދަތުރުތަކަށް 100 މިލިއަން ރުފިޔާ އިންވެސްޓްކުރަން ނިންމައިފަ އެވެ. އަންނަ މަސް ނިމުމުގެ ކުރިން އިތުރު ހަތް ބަސް އަދި ސެޕްޓެމްބަރު މަހުގެ ތެރޭގައި އިތުރު ހަ ބަސް ގެންނާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ބަހުގެ ހިދުމަތް ދިނުމަށް ބޭނުންކުރާނީ 50-70 މީހުންގެ ޖާގައިގެ ބަހާއި 80-100 މީހުންގެ ޖާގައިގެ ދެ ބުރި ބަސްތަކެވެ. އޭގެ އިތުރުން 30 މީހުން އުފުލޭ ކުދި ބަސްތަކެއް ވެސް ބޭނުންކުރަން ނިންމާފައިވެ އެވެ.