Roadha Mihaaru
ބަހުގެ ހިދުމަތް އެމްޓީސީސީއާ މި މަހު ހަވާލު ކުރާނެ

ބަހުގެ ހިދުމަތް އެމްޓީސީސީއާ ހަވާލު ކުރެވޭނީ މި މަހު ފަހުކޮޅު: އެމްޕީއެލް

15 ޖޫން 2021

މާލެ އާއި ހުޅުމާލެ އާ ދެމެދު އެމްޕީއެލް އިން ދެމުން އަންނަ ބަހުގެ ހިދުމަތް މި މަސް ނިމުމުގެ ކުރިން އެމްޓީސީސީގެ ދަށަށް ބަދަލުކުރާނެ ކަމަށް އެމްޕީއެލް އިން ބުނެފި އެވެ.

އަހުމަދު އިޔާދު އަހުމަދު އިޔާދު

މާލެ އާއި ހުޅުމާލެ އާ ދެމެދު އެމްޕީއެލް އިން ދެމުން އަންނަ ބަހުގެ ހިދުމަތް މި މަސް ނިމުމުގެ ކުރިން އެމްޓީސީސީގެ ދަށަށް ބަދަލުކުރާނެ ކަމަށް އެމްޕީއެލް އިން ބުނެފި އެވެ.

އެމްޕީއެލް އިން ބުނީ ބަހުގެ ހިދުމަތްތައް އެމްޓީސީސީގެ ދަށަށް ބަދަލުކުރުމާ މެދު ދެ ކުންފުނީގެ ދެމެދުގައި މަޝްވަރާކުރަމުން އަންނަ ކަމަށާއި، މި މަސް ނިމޭކޮޅު އެކަމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަދި އެ އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން ދެ މަސްދުވަހުގެ މުއްދަތަކަށް އެމްޓީސީސީ އާ ގުޅިގެން ބަހުގެ ހިދުމަތް ދިނުމަށް ނިންމާފައިވާ ކަމަށާއި، އެ މުއްދަތު ހަމަވުމުން އެމްޓީސީސީގެ ދަށަށް ބަހުގެ ހިދުމަތްތައް މުޅިން ބަދަލު ކުރެވޭނެ ކަމަށް ވެސް އެމްޕީއެލް އިން ބުންޏެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ކުރިން ވިދާޅުވެފައިވާ ގޮތުގައި ބަހުގެ ހިދުމަތް ދިނުން އެމްޓީސީސީއާ ހަވާލުކުރަން ނިންމީ މާލެ ސަހަރައްދުގެ އާއްމު ދަތުރުފަތުރު އެއްފުރާޅެއްގެ ދަށަށް ގެންނަން ކަމަށެވެ. މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި ބަހުގެ ހިދުމަތް ދެ ކުންފުންޏަކުން ދެމުން އަންނާތީ ދަތިތަކާ ކުރިމަތިވެ އެވެ.

"އެެހެންވީމާ އަޅުގަނޑުމެންގެ ވިސްނުން މި ހުރީ އަޅުގަނޑުމެން އެއްފުރާޅެއްގެ ދަށަށް މި މަސައްކަތް ބަދަލުކުރުމަށް. އެގޮތުން އެމްޓީސީސީގެ ދަށަށް ބަހުގެ ހިދުމަތް އެއްކޮށް ބަދަލުކުރަން އަޅުގަނޑުމެން ނިންމި ވާހަކަ ދަންނަވަން،" މިނިސްޓަރު ވިދާޅުވި އެވެ.

އެމްޕީއެލް އިން ބަހުގެ ހިދުމަތް ދެމުން އަންނަނީ މާލެ އިން ހުޅުމާލެ އާއި ހުޅުލެއާ ދެމެދުގަ އެވެ. އެމްޓީސީސީން މި ހިދުމަތް ދެނީ ހުޅުމާލެ އާއި ހުޅުލެއާ ދެމެދުގަ އެވެ. މި ދެ ކުންފުނިން ވެސް ބަހުގެ ހިދުމަތް ދެމުން އަަންނަނީ ގެއްލުމުގައި ކަމަށް ދެ ކުންފުނިން ވެސް ވަނީ ބުނެފަ އެވެ.